17Views 0Comments
ވާހަކަދެއްކުންތެރިކަން 8ވަނަ ބަޔާގުޅޭ . . .
އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމާ މެދު އުފެދޭ ބިރުވެރިކަން ކޮންޓްރޯލްކުރުމަށް ޓަކައި، ތިމާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ އެކި ކަހަލަ އުކުޅުތަކުގެ ބޭނުން ހިފިދާނެއެވެ. ވާހަކަދެއްކުމުގައި ދިމާވާ ހިތްނުތަނަވަސްކަން (ސްޕީޗް އެންޒައިޓީ) ކުޑަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅަކީ، ކޮންމެ ތަގުރީރަކަށް ވެސް ސާފު އަދި ފުރިހަމަ ޕްލޭނެއް އެކުލަވާލުމެވެ.
ތައްޔާރުވުމާއި ފަރިތަކުރުން
މައުޟޫޢު ރަނގަޅަށް އެނގޭކަމާއި، ތަގުރީރު ހުށަހަޅައިދޭނެ ގޮތް ފުރިހަމައަށް ފަރިތަކުރެވިފައިވާކަމުގެ ޔަގީންކަން އޮތްނަމަ، އޯޑިއަންސްގެ ކުރިމަތީގައި ހުންނައިރު މާ ބޮޑަށް ވެސް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވާނެއެވެ. ތައްޔާރުވާން ފަށަންވާނީ ތަގުރީރެއް ހުށަހަޅަން ހަވާލުކުރެވޭ އެންމެ އަވަސް ފުރުޞަތެއްގައެވެ. ތަގުރީރު ތައްޔާރުކޮށް ނިމުމުން، އެތައް ފަހަރަކު ފަރިތަކުރުން މުހިންމެވެ.
އަވަސް އިރުޝާދެއް: އިތުބާރު ބޮޑުކުރުމަށްޓަކައި ފަރިތަކުރާށެވެ.
ކޮންމެ މަސައްކަތެއްގައި ވެސް ކުރިއެރުން ލިބުމަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވާ ކަމެކެވެ. ކުރިއާލައި ތަގުރީރު ތައްޔާރުކުރުމަކީ ނުތަނަވަސްކަން ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ކަމެކެވެ. ހަނދާންކުރާށެވެ؛ ހަށިގަނޑު ރީތި ބައްޓަމެއްގައި ބަހައްޓަން އެދިގެން ތިބުމަކުން އަދި އެކަމެއް ނުވާނެއެވެ. އެކަމަށް ވެސް ތައްޔާރުވެ ކުރަންޖެހޭ ކަސްރަތުތައް ދުރާލައި ކުރަން ފަށަންޖެހެއެވެ. ހަމައެގޮތަށް ތަގުރީރު ވެސް ކާމިޔާބުވާނީ ކުރިއާލައި ރަނގަޅަށް ތައްޔާރުވެ، އެތައް ފަހަރަކު ފަރިތަކޮށްގެންނެވެ.
ވިސްނުމާއި ވިސްނާ ގޮތް ބަދަލުކުރުން
ވާހަކަދެއްކުމާ މެދު ކުރެވޭ ނޭދެވޭ ޚިޔާލުތަކުގެ ސަބަބުން ނުތަނަވަސްކަން ބޮޑުވެއެވެ. ނަމަވެސް އެދެވޭ އީޖާބީ (ޕޮޒިޓިވް) ވިސްނުމެއް ގެންގުޅުމަކީ ހިތުގެ ހިނގުން ހަމައަކަށް އަޅުވައި، ވާހަކަދައްކާއިރު އުފެދޭ ނުތަނަވަސްކަން ކުޑަކޮށްދޭ ކަމެކެވެ. ތަގުރީރަށް ތައްޔާރުވެ، ހުށަހަޅައިދެމުންދާއިރު، އެއީ އަގުހުރި، ފައިދާހުރި އަދި ގޮންޖެހުންތަކުން ފުރިގެންވާ މަސައްކަތެއްގެ ގޮތުގައި ދެކޭށެވެ. އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ އަމިއްލަގޮތުންނާއި، އިޖުތިމާއީގޮތުން އަދި ފަންނީގޮތުން ފައިދާހުރި ކަމެއްކަން އަމިއްލަ ނަފުސަށް ހަނދާންކޮށްދޭށެވެ. އެކަމާމެދު އެދެވޭ ގޮތެއްގައި ވިސްނައި، އެއީ ކުރިއެރުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ދެކޭށެވެ.
އަވަސް އިރުޝާދެއް: ތަގުރީރަކީ ވާހަކަދެއްކުމެއްގެ ގޮތުގައި ތަޞައްވުރުކުރާށެވެ.
އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ “ސްޓޭޖް ހުށަހެޅުމެއް” ގެ ބަދަލުގައި “ޚިޔާލު ބަދަލުކުރުމެއް” ކަމަށް ވިސްނުން ބަދަލުކޮށްލުމުން އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. ތަގުރީރަކީ އާދައިގެ ވާހަކަދެއްކުމެއްގެ ބައެއް ކަމަށް ވިސްނާށެވެ. މިހެން ހެދުމުން ހިތްހަމަޖެހުން ލިބި، ކޮންމެ ތަގުރީރަކާ އެކު ވާހަކަދެއްކުމާމެދު ދެކޭގޮތް އިތުރަށް ރަނގަޅުވެގެންދާނެއެވެ.
ކާމިޔާބީ ތަޞައްވުރުކުރުން
ތަޞައްވުރުކުރުމަކީ (ވިޝުއަލައިޒް ކުރުމަކީ) ނުތަނަވަސްކަން ކުޑަކުރުމަށް ވަރަށް ފައިދާހުރި ވަސީލަތެކެވެ. ތިރީގައި މިވަނީ ތަގުރީރު ދޭ ދުވަހު ކާމިޔާބީ ތަޞައްވުރުކުރުމަށް ބޭނުންކުރެވިދާނެ ގޮތެކެވެ. މިއީ ލޯމަރާލައިގެން އިނދެ، އެ ދުވަހު އިޙްސާސްކުރެވޭނެ އެދެވޭ އިޙްސާސްތައް ހިޔާލަށް ގެނައުމުގެ ހަރަކާތެކެވެ.
ލޯމަރާލުމަށް ފަހު އިށީނދެގެން އިން ގޮނޑީގައި ހަށިގަނޑު ހަމައަކަށް އަޅުވާލާށެވެ. ފުންކޮށް ނޭވާއެއް އެތެރެއަށް ލުމަށްފަހު ހިފަހައްޓާލާށެވެ… ދެން ނޭފަތުން ލަސްލަހުން ނޭވާ ބޭރުކޮށްލާށެވެ. އަނެއްކާވެސް ފުން ނޭވާއެއްލައި، ބަނޑުން (ޑައިއަފްރާމްއިން) ނޭވާލެވޭކަން ޔަގީންކުރާށެވެ… ހިފަހައްޓާލުމަށްފަހު… ލަސްލަހުން ބޭރުކޮށްލައި، އެވަގުތު ކުރެވޭ އިޙްސާސަށް ސަމާލުކަން ދޭށެވެ. އަދިވެސް އެއްފަހަރު ފުންކޮށް ނޭވާލާށެވެ… ހިފަހައްޓާލާށެވެ… އަދި ލަސްލަހުން ބޭރުކޮށްލުމަށްފަހު އާދައިގެ ގޮތަށް ނޭވާލާން ފަށާށެވެ.
ދެން، މައުލޫމާތުދޭ ތަގުރީރެއް ހުށަހަޅަންޖެހޭ ދުވަހުގެ ހެނދުނު ހިޔާލަށް ގެންނާށެވެ. ހެނދުނު ހޭލެވޭއިރު ތާޒާކަމާއި އާރޯކަން ހިތަށް ލިބި ހިތްހަމަޖެހިފައިވާކަން، އަދި ދުވަހުގެ ބާކީބައިގައި ދިމާވެދާނެ ގޮންޖެހުންތައް ހިޔާލަށް ގެންނާށެވެ. އެ ދުވަހުގެ މަސައްކަތާ ގުޅޭ އެންމެ އެކަށީގެންވާ ހެދުން ނަގައިގެން ލަނީއެވެ. ރީތިކޮށް ހެދުން އެޅުމުން އަމިއްލަ ނަފުސާމެދު އޮންނަ ހިތްހަމަޖެހުން ބޮޑުވާތީ، ތިބާ ބޭނުންވާ ފަދަ، އުފާވެރިކަމެއް އިހުސާސްވާކަހަލަ ހެދުމެއް ލައިގެން ހުރިތަން ތަޞައްވުރުކުރާށެވެ. ތަގުރީރުދޭ ތަނަށް ދާއިރު، ސިކުނޑީގެ ހާސްކަންފިލައި ނަފުސަށް އޮތް އިތުބާރާއި ޔަޤީންކަން އިޙްސާސްކުރެވޭ ތަނާއި، އެތަނަށް ދިއުމުން ތިބާގެ ރީތި ސިފައާއި އުޅުމަށް އެހެން މީހުން ތައުރީފުކުރާ ތަން ތަޞައްވުރުކުރާށެވެ. ތަގުރީރުގެ މައުޟޫޢަށް ތިބާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ.
ދެން، ތަގުރީރު ދޭންޖެހޭ ކޮޓަރީގައި ހުރެގެން ނުވަތަ އިށީނދެގެން އިނދެ، އެހެން މީހުންނާ ވަރަށް ހަމަޖެހިގެން އަދި ޔަގީންކަމާ އެކު ވާހަކަދައްކާތަން ތަޞައްވުރުކުރާށެވެ. ތަގުރީރު އަޑުއަހަން ތިބި މީހުންނަކީ ވަރަށް ރައްޓެހި، އަދި ތަގުރީރުގެ ކުރިން ވަރަށް ހެޔޮކޮށް ހިތްހެޔޮކަމާއެކީ ވާހަކަދައްކާ މީހުންނެވެ. ތިބާގެ މައުލޫމާތާއި، އެ މައުލޫމާތު އަސަރު، ޝައުގުވެރި، އަދި އެދެވޭ ގޮތެއްގައި ހުށަހެޅުމުގެ ގާބިލުކަން ހުރިކަމުގެ ފުރިހަމަ ޔަގީންކަން ތިބާއަށް އެބައޮތެވެ. ދެން ތަގުރީރު ހުށަހަޅާ ސަރަހައްދަށް ތިބާ ކައިރިވަމުންދާ ތަން ތަޞައްވުރުކުރާށެވެ. މި ހުށަހެޅުމާމެދު ވަރަށް އުފާވެ، ޝައުގުވެރިކަމާ އެކު ކުރިއަށްދާ ތަން ފެނެއެވެ. ތަގުރީރު ދިނުމަށް ތިބާ ބޭނުންވާ ހުރިހާ މެޓީރިއަލްސްތައް ހުރީ ވަރަށް ރަނގަޅަށް ރޭވި، އިންތިޒާމުކުރެވި، އަދި ތަގުރީރަށް އެހީތެރިވެދޭ ގޮތަށެވެ.
ރިލެކްސޭޝަން ރެސްޕޮންސް (ހިތްހަމަޖެހުމުގެ އިޖާބަ) އެކްޓިވޭޓްކުރުން
ތަގުރީރުގެ ކުރިން، ތަގުރީރު ތެރޭގައި، އަދި ބައެއް ފަހަރު ތަގުރީރަށްފަހު ވެސް ހިތުގެ ހިނގުން އަވަސްވުން، ނޭވާ އަވަސްވުން، އަނގަ ހިކުން، އަނބުރައިގަތުން، ނުވަތަ ގުޑެން ނޭނގި ހުއްޓުން ފަދަ އުނދަގޫ އިޙްސާސްތައް ވެދާނެއެވެ. މިއީ “ފައިޓް-އޯ-ފްލައިޓް” (ކުރިމަތިލުން ނުވަތަ ފިލުން) ފަދަ ވިސްނުންތަކުގެ ސަބަބުން ހަށިގަނޑުން އަމިއްލައަށް އުފައްދާ މާއްދީ އިޙްސާސްތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ހެއްދެވިފަރާތުގެ މަތިން ހަނދުމަކޮށް، ނޭވާލުން ކޮންޓްރޯލްކުރުން ފަދަ އުކުޅުތަކުގެ ބޭނުންކޮށްގެން ހިތްހަމަޖެހުމުގެ އިޙްސާސް އުފައްދައި، ހުރިހާ ނޭއްގާނީ އިޙްސާސްތަކާ ދެކޮޅަށް މަސައްކަތް ކުރެވިދާނެއެވެ.
ހިތުގެ ހަމަޖެހުމަށް ކުރެވިދާނެ ބައެއް ކަންކަން
މި ކުރު ހަރަކާތުން ތިބާގެ ނަފުސު ވަރަށް ބޮޑަށް ހަމައަކަށް އަޅުވައިލެވިދާނެއެވެ:
- ހަމަހިމޭން ތަނެއްގައި ހަމަޖެހިލައިގެން އިށީންނާށެވެ!
- ކަނދުރާއިން ފެށިގެން ކޮނޑަށް، އަތަށް، ބުރަކައްޓަށް އަދި ފަޔަށާއި މަސްތަކަށް ރާހަތްކުރާވަރަށް ލުއި ކަސްރަތުގެ ހަރަކާތެއް ކޮށްލާށެވެ!
- ތިބާ ގަބޫލުކުރާ އީމާންކަމާ ގުޅުންހުރި ކަލިމައެއް، ތަސްބީހައެއް، ނުވަތަ ދުޢާއެއް އިޚްތިޔާރުކުރާށެވެ. ލަސްލަހުން ނޭވާލަމުން، ހިތްހަމަޖެހެންދެން (ގާތްގަނޑަކަށް 10 އިން 20 މިނެޓު) އެ ކިޔާށެވެ!
މިކަންކަން ކުރުމުން އިސާހިތަކު މީހާ ހަމައަކަށް އެޅިދާނެއެވެ.
ސްޓްރެސް ކޮންޓްރޯލްކުރާ ނޭވާލުމުގެ ބައެއް އުޅުތައް ބޭނުންކުރުން
ސްޓްރެސްވާން ފެށުމުން ނޭވާލާން އުނދަގޫވާގޮތްވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް އޮކްސިޖަން ލިބޭ މިންވަރު މަދުވެއެވެ. މޭމައްޗާއި ކޮނޑު މައްޗަށް އަރައި، ނޭވާކުރުވާ ގޮތްވެއެވެ. އެހެންކަމުން މިކަން ކޮންޓްރޯލްކުރުމަށް ޓަކައި ބައެއް ހަރަކާތްތައް ކުރެވިދާނެއެވެ. އެގޮތުން ސްޓްރެސް ކޮންޓްރޯލްކޮށްގެން ނޭވާލާށެވެ. މިގޮތަށް ނޭވާލާ އިރު، މޭމައްޗަށްވުރެ ބޮޑަށް ބަނޑު ހަރަކާތްކުރާކަން އިޙްސާސްކުރެވޭނެއެވެ.
މިކަން ދެ މަރުހަލާއަކަށް ކުރިއަށް ގެންދާށެވެ!
- ފުރަތަމަ މަރުހަލާ: އެތެރެއަށް ނޭވާލާއިރު ބަނޑު ބޭރަށް ނެރޭށެވެ. ބޭރަށް ނޭވާލާއިރު ބަނޑު އެތެރެއަށް ވައްދާށެވެ. ވަކި ރިދަމަކަށް އެޅެންދެން މިހެން ހަދާށެވެ!
- ދެވަނަ މަރުހަލާ: އެތެރެއަށް ނޭވާލާއިރު “ހަމަޖެހުން” ނުވަތަ “އަރާމު” ފަދަ ހިތްހަމަޖައްސައިދޭ ބަހެއް ނުވަތަ އަމިއްލަ ޝިއާރެއް ބޭނުންކުރާށެވެ. ލަސްލަހުން ކުރިއަށް ގެންދާށެވެ. ކޮންމެ ނޭވާއެއް އެތެރެއަށް އަދި ބޭރަށް ލުމަށް 3 އިން 5 ސިކުންތު ނަގާނެއެވެ. ވާހަކަދައްކަންޖެހޭ ދުވަހުގެ ކުޑަދުވަސްކޮޅެއް ކުރިން މިގޮތަށް ނޭވާލާން ފަށާށެވެ. އަދި ވާހަކަދައްކާ ދުވަސް ޖެހުމުން، ތިބާގެ ފުރުޞަތަށް އިންތިޒާރުކުރާއިރުއާއި ވާހަކަދައްކަން ފެށުމުގެ ކުރިން މިގޮތަށް ނޭވާލާށެވެ.
އަވަސް އިރުޝާދެއް: ކަސްރަތުކޮށްގެން ސްޓްރެސް ފިލުވާލާށެވެ.
ހަށިގަނޑު ދަމާލައިގެން (ސްޓްރެޗްކޮށްގެން) ތަގުރީރުގެ ކުރިން އުފެދޭ ހުރިހާ ނުތަނަވަސްކަމެއް ކުޑަކުރެވިދާނެއެވެ. ބައިގަޑިއިރާއި ގަޑިއިރެއްގެ މުއްދަތަށް މުޅި ހަށިގަނޑު ސްޓްރެޗްކޮށް، ފުންކޮށް ނޭވާލުމުން ހާސްކަން ފިލައިގެންދާނެއެވެ.
ފީޑްބެކުން (ފާޑުކިއުމުން) ދަސްކުރުން
ތަގުރީރު ނިމުމުން، ދެން ފަހަރަކުން މިއަށްވުރެ ރަނގަޅަށް ކުރުމުގެ ފުރުޞަތެއްގެ ގޮތުގައި ފީޑްބެކަށް މަރުޙަބާ ކިޔާށެވެ. އަމިއްލަ ވަޒަންކުރުމުން ގިނަ ކަންތައްތަކެއް ދަސްވި ނަމަވެސް، އެހެން މީހުންގެ އިންޞާފުވެރި ވަޒަންކުރުމުން މާ ގިނަ އެއްޗެހި ދަސްވާކަން ދިރާސާތަކުން ދައްކައެވެ. ފީޑްބެކް ދެނީ ތިބާގެ ތަގުރީރު އެންމެ ފުރިހަމައަށް ހުށަހެޅުމަށް އެހީތެރިވުމުގެ ނިޔަތުގައެވެ.