268Views
1988 ވަނައަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް ބިރުވެރިކަމާއި ނާމާންކަން ގެނުވި ދުވަހެކެވެ. އެ ދުވަސް ނިމިގެން ދިޔައީ ދިވެހި އެތައް ޢާއިލާއެއްގެ ލޮލުން ލޭކަރުނަ އޮހޮރާލާފައެވެ. މުޅި ދިވެހިރާއްޖެ ހިތާމައިގެ ފުންކަނޑަކަށް ޣަރަގުކޮށްލާފައެވެ. ނަމަވެސް އެ ދުވަހަކީ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެތައް ގޮތަކުން ނަޞްރު ލިބުނު ދުވަހެކެވެ. އެހެންކަމުން މި ޚާއްޞަ ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި އަޅުގަނޑުމެން މި އަންނަނީ ފާހަގަކުރަމުންނެވެ. މި ދުވަސް ނަޞްރު ދުވަހުގެ ގޮތުގައި ފާހަގަކުރާ އިރު އުފެދޭ ސުވާލަކީ މި ދުވަސް އަހަރެމެން ފާހަގަކުރަންވީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އެހެންކަމުން މި ސުވާލަށް ކޮންމެވެސް ސިފައެއްގައި ޖަވާބުދެވޭތޯ ބަލާނަމެވެ.
ނަޞްރުގެ ދުވަހަކީ މި ޤައުމުގެ ޒުވާނުންނަށް ލިބޭ ތާރީޚީ ފިލާވަޅެކެވެ. މި ފިލާވަޅުގައި ކިޔައިދޭ ވާހަކައަކީ ކޮބައިތޯއެވެ. އެ ފިލާވަޅުން ބުނެދެނީ ޤައުމުގެ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމަކީ ވަރަށް ނާޒުކު ކަންކަމެވެ. އަބަދުވެސް ވިސްނާ ފާރަވެރި ނުވެވިއްޖެ ނަމަ ވަރަށް ފަސޭހައިން ބީވެގެން ހިނގައިދާނޭ ކަމެއްކަމެވެ. އެހެންކަމުން ކޮންމެ ދުވަސްވަރެއްގައި ވެސް ޤައުމުގެ މިނިވަންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެ ކަމުގެ އިންޒާރު މި ހާދިސާއިން ދިވެހި ޤައުމަށް ދެއެވެ. އެ ދުވަހު އަހަރެމެން އެންމެން ތިބީ މި ފަދަ ބިރުވެރިކަމެއް އަންނާނެކަމަށް ހުވަފެނުން ވެސް ނުދެކޭ ޙާލުގައެވެ. ނަމަވެސް އެ ހުވަފެނުން ހޭލައްވައިލައި، ޤައުމާ މެދު ޣާފިލުނުވުމަށް ހަނދާންކޮށްދިން ދުވަހަކީ އެއީއެވެ. އެއީ ކުޑަ ގައުމެއް، ބޮޑުގައުމެއް ބެލުމެއްނެތި ހަމަ ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް ޤައުމުގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ނަގާލަފާނެ އެތައް ކަމެއް ދިމާވެދާނެކަން ދިވެހި އުންމަތަށް ހަނދާންކޮށްދޭ ދުވަހެކެވެ. އެހެންކަމުން މިއަދު ނަޞްރުގެ ދުވަސް ފާހަގަކުރަންޖެހެނީ އެ ދުވަހަކީ، ދިވެހިން މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިވުމުގެ ގޮތުން، އަބަދުވެސް ސަމާލުވެ ތިބުމަށާއި، އަބަދުވެސް ފާރަވެރިވެ ތިބުމަށް ހަނދާންކޮށްދޭ ދުވަހަކަށް ވީތީއެވެ. އަދި މި ތިބޭތިބުން ވާންވާނީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަންމަތީ ތިބޭ ތިބުމަކަށެވެ. އެހެން ނޫނީ ބައިބައިވުން ފެށިގެން އަންނާނީ އަޅުގަނޑުމެންގެ ތެރެއިންނެވެ. އޭރުން އުފެދޭ ފިތުނައިގެ ހުޅުގަނޑުގައި ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. މެދުއިރުމަތީގެ ބައެއް ގައުމުތަކުން އެ ފެނުނީ މީގެ ބައެއް މިސާލުތަކެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް ބުނެދޭ ދުވަހަކީ ނަޞްރުގެ ދުވަހެވެ.
ދިވެހިރާއްޖެއަށް ނޮވެންބަރު 3ގެ ބިރުވެރި ހާދިސާ ކުރިމަތިވި އިރު އެ ދުވަސްވަރުގެ ޒުވާނުންނަކީ މި ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމާންކަމުގައި އުޅެމުންދިޔަ ޒުވާނުންނެވެ. އޭގެކުރިން މިފަދަ ބިރުވެރިކަމެއް ދިވެހިންގެ މި ޖިީލުތައް ދެކިފައެއް ނުވެއެވެ. އެންމެ ކައިރިން ވެސް އޮތީ އިނގިރޭސިންގެ ޙިމާޔަތުގައި އޮތް ދުވަސްވަރެވެ. އެ ދުވަސްތަކަކީ ވެސް ދިވެހިންގެ ދާޚިލީ މިނިވަންކަން އޮތް ދުވަސްވަރެކެވެ. އެހެންކަމުން ދިވެހިންނަށް މާ ބޮޑު ބިރުވެރިކަމެއް ތަޙައްމަލުކުރާކަށް ނުޖެހުނެވެ. ދިވެހިން އެފަދަ ބިރުވެރިކަމެއް ތަޙައްމަލުކުރީ ހޮޅިން ދިވެހިރާއްޖެ އަތްދަށުލައިގެން ތިބި ތިން މަސްދުވަހެވެ. އެހެންކަމުން މިފަދަ އަމާންކަމެއް ލިބިފައި އޮތް ގައުމެއްގެ ރައްޔިތުންނަކަށް ބޭރުގެ ބާޣީ ބައެއްގެ ޢުދުވާނަކަށް ވިސްނައިގެން ތިބޭހާ ދުރަކަށް ބުއްދިއެއް ނުދާނެއެވެ. އެއީ ތަބީޢީ ކަމެކެވެ. ނަމަވެސް ދުނިޔެ އައީ ބަދަލުވަމުންނެވެ. ދުރުންނާއި ކައިރިން އެކިކަހަލަ ހަނގުރާމަތައް ހިނގަމުންނެވެ. ޤައުމުތަކުގެ އެތެރޭގައާއި ބޭރުގައި ވެސް ހަނގުރާމަ ހިނގަމުންނެވެ.
ނަޞްރުގެ ދުވަސް އަހަރެމެންނަށް މި ކިޔައިދެނީ ތަޢުލީމީ ފިލާވަޅެކެވެ. ސުކޫލު މަދަރުސާތަކާއި ކޮލެޖު ޔުނިވަރސިޓީތަކުން ދިރާސާކޮށް ކިޔަވައިދޭންޖެހޭ ތަޢުލީމީ ފިލާވަޅެކެވެ. އެ ފިލާވަޅަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިލާވަޅެވެ. މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތައް ކިޔަވައިދޭ ފިލާވަޅެކެވެ. ކޮންމެ ފަރުދެއްގެ ވިސްނުން ވެސް ހުންނަންވީ ގޮތް ބުނެދޭން ޖެހޭ ފިލާވަޅެވެ. ދުނިޔޭގެ ބަވަނަވުމުގެ ތެރެއިން ލައިގެން އައިސް ޤައުމަށް ފޯރާ ކަންތައްތަކުގެ ހެވާއި ނުބައި ދަސްކޮށްދޭނެ ފިލާވަޅެކެވެ. ޖިއޯޕޮލިޓިކްސްގެ ވާދަވެރިކަނޑުގައި ފަރަށް ނާރައި މި ޤައުމު އަމާންކަމާ އެކު ކުރިއަށްދާނެ ގޮތުގެ ފިލާވަޅެވެ. އެހެންކަމުން ނަޞްރުގެ ދުވަސް އަހަރެމެންނަށް ހަނދާންކޮށްދެނީ އަހަރެމެން މިހެން ތިބެވެން ނެތްކަމެވެ. އަހަރެމެންގެ މިނިވަންކަން ދެމެހެއްޓޭނީ ތަޢުލީމީ ގޮތުން ވެސް ޤާބިލު ދަރިންތަކެއް ނުވަތަ ޒުވާނުންތަކެއް ބިނާކުރެވިގެންކަމެވެ.
ނަޞްރުގެ ދުވަހު ދެން ހަނދާންކޮށްދޭ އަނެއް ފިލާވަޅަކީ ޒުވާނުންނަކީ ޤާބިލު ބަޔަކަށް ހެދުމުގެ ފިލާވަޅެވެ. ޤައުމަށް ބޭނުންޖެހިގެން ގޮވާލައިފި ހިނދެއްގައި ޝަހީދު ޙުސައިން އާދަމް ފަދައިން ވަގުތުން އިޖާބަދޭނެ ފަދަ ޒުވާނުންތަކެއް ބިނާކުރުމުގެ މުހިންމު ފިލާވަޅެވެ. އަޅުގަނޑުމެން މިއަދު ނޭނގި ނަމަވެސް ދަނީ ޤައުމިއްޔަތާ ދުރަށެވެ. ޤައުމިއްޔަތާ ދުރަށް ދެވޭ ވަރަކަށް ވިސްނުން ބައްޓަންވަމުން އަންނާނީ ފަރުދީ ގޮތުން ލިބެންހުރި ކާމިޔާބީތަކަށާއި ކުރިއެރުންތަކަށެވެ. އެހެންނަމަވެސް އެއީ މުޅި ޤައުމަށް ބަލާ އިރު ގެއްލުން ހުރި ކަންކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ޤައުމިއްޔަތާ ދުރަށް ދާ ވަރަކަށް ޤައުމަށް ލިބޭ ގެއްލުމެއް ނުފެންނާނެއެވެ. ފެންނާނީ ތިމާއަށް ލިބެން އޮތް ފައިދާތަކެވެ. އެހެންކަމުން މިއަދުގެ ޖީލް، ޤައުމިއްޔަތުގެ ބަހާތައް ކަމަށްވާ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި ދިވެހި ތާރީޚާއި ތަރިކައަށް އަހުލުވެރި ބަޔަކަށް ހަދާން އެބަޖެހެއެވެ. މިހާރު ފެށިފައިވާ “ދިވެހި ވަޠަނީ ޚިދުމަތް” އެއީ މި ރޮނގުން ކުރިއަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މި ފަދަ ޕްރޮގްރާމްތަކުގެ ތެރެއިން، މިއަދު ޤައުުގެ ޒުވާނުންގެ ހިތްތަކުގައި އެ ޒުވާނާއަކީ މި ދިވެހި ފަސްގަނޑަށް ނިސްބަތްވާ ޒުވާނެއް ކަމުގެ ވިސްނުން އަށަގަންނުވަން ޖެހެއެވެ. އެ ވިސްނުން ލައިދޭންޖެހެއެވެ. އެއީ މި ޤައުމުގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުއެޅިފައިވާ ޒުވާނެއްކަން ވިސްނައިދޭން ޖެހެއެވެ. އެހެންކަމުން ނަޞްރުގެ ދުވަހަކީ ދިވެހި ޒުވާނުންނަކީ ޤައުުމަށް ލޯބިހުރި ދަރިންތަކެއް ބިނާކުރާށޭ ބުނެ މި ޤައުމަށް ހަނދާންކޮށްދޭ ދުވަހެކެވެ.
ނަޞްރުގެ ދުވަސް ބުނެދޭ އަނެއްކަމަކީ ދިވެހިންނަކީ ކޮންމެ ކަމަކަށް ވެސް ވިލުންތެރި ބަޔަކަށް ވުމުގެ ސިފައެވެ. ނަޞްރުގެ ދުވަހު ސިފައިން އެ ނެރުނު ހިތްވަރަކީ މި ދެންނެވި ވިލުންތެރިކަމުގެ ސިފަ ހުރިކަމުގެ ފުރިހަމަ މިސާލެކެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރުކޮށް ހޯދީ ނަޞްރެވެ. އަދި އެއަށްފަހު އެ ހާލަތުން އަރައިގަތުމަށް ރޭވުންތެރިކަމާ އެކު ދިވެހިން ތެދުވި ތެދުވުމެވެ. މިއަދު ވެސް އެ ސިފަ ދިވެހިންގެ ކިބައިން ފެންނަން އެބަޖެހެއެވެ. ވިލުންތެރި މުޖުތަމަޢެއް ބިނާކުރަން އެބަޖެހެއެވެ. ޤައުމުގެ ކަންކަމާ މެދު ވިސްނާ މުޖުތަމައެއް ބިނާކުރަންޖެހެއެވެ. ނަޞްރުގެ ދުވަސް ހަނދާންކޮށްދެނީ އަބަދުވެސް ސަމާލުވެ ތިބެންޖެހޭ ކަމެވެ. ކޮންމެހެން ކަނޑިބަޑިއާއި މިސައިލުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ކުޅިހިނގާމަގު ދަނެ ސަލާމަތުގެ އައްސޭރިއަށް އަބަދުވެސް ޤައުމާއިގެން ދަތުރުކުރަން އެނގޭނެ މީހުން އުފައްދަން ޖެހޭކަމެވެ. ހަރުދަނާ ލީޑަރުން ބިނާކުރަން ޖެހޭނެކަމެވެ. މިނިވަންކަމަކީ ތަބަކަކަށްލައިފައި ދިއްކޮށްލާ އެއްޗެއް ނޫނެވެ. އެއީ ހޯދާ އެއްޗެކެވެ. އެއަށް ފަހު އެތައް މަސައްކަތަކުން ދަމަހައްޓާ އެއްްޗެކެވެ. އެހެންކަމުން އެ މަސައްކަތް ކުރާނެ ލީޑަރުން އުފައްދަންޖެހޭކަން ނަޞްރުގެ ދުވަސް އަހަރެމެން އެންމެނަށް އެބަ ހަނދާންކޮށްދެއެވެ.
ބައިނަލްއަޤުވާމީ ގުޅުންތަކަކީ ވެސް މި ދުވަހު ހަނދާންނަށް ގެންނަން މަޖުބޫރު ކަމެކެވެ. އެއީ ރާއްޖެ ފަދަ ކުދި ގައުމުތައް އެކަނި ހާލައިގެން ހުރިހާކަމެއް ކޮށްގެން އުޅެވޭނެކަމަށް ދުށުމަކީ މޮޔަކަމެކެވެ. މިއަދު ދުނިޔެއަކީ ގުޅި ލާމެހިފައިވާ ތަނެކެވެ. އެއްވެސް ޤައުމަކަށް އެކަނި އެކަންޏަށް ނޫޅެވޭނެއެވެ. މި ބަނދެވުން އަންނަނީ ޚާރިޖީ ގުޅުންތަކުގެ ތެރެއިންނެވެ. ދޭދޭ ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކުގެ ތެރެއިންނެވެ. ބައިނަލްއަޤްވާމީ ޖަމްޢީއްޔާ، ޖަމާޢަތްތަކުގެ ތެރެއިން އުފެދޭ ގުޅުންތަކުންނެވެ. ނޮވެންބަރު 3ގެ ބިރުވެރި ހާދިސާއިން މި ޤައުމު ސަލާމަތްވެ ހިންދެމިލުމުގެ އަސްލަކީ އަވައްޓެރި ޤައުމުތަކާ އެކު ދިވެހިރާއްޖެއިން ބޭއްވި ގުޅުމުގެ ހެޔޮ ނަތީޖާއެވެ. ބައިނަލްއަޤްވާމީ ގުޅުންތައް ރަނގަޅަށް ގެންދެވިފައިވާ ކަމުގެ ހެޔޮ ފާލެވެ. އެހެންކަމުން މިއަދު، ނަޞްރުގެ ދުވަހު ހަނދާންކޮށްދެނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމުކަމެވެ. އަދި ވިސްނުންތެރިކަމާ އެކު އެކަން ކުރިއަށް ގެންދަންޖެހޭކަމެވެ. ހަމައެހެންމެ ބައިނަލްއަގުވާމީ ދުނިޔޭގައި، ކުދިގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ލިބެން އޮތް ކޮންމެ މަންސައެއްގައި އެ ވާހަކަދައްކަންޖެހޭ ކަމެވެ. އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް ކަށަވަރުކުރުމަށް ޓަކައި ދުނިޔޭގެ ޤައުމުތަކުގެ މަދަދާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ހޯދަންޖެހެއެވެ. މިކަން ކުރެވޭނީ ޚާރިޖީ ދާއިރާ ވެސް ކުރިއަރުވައިގެންނެވެ. އެ ދާއިރާއިން ވެސް މީހުން ބިނާކޮށްގެންނެވެ. ދުނިޔެއަަށް ލޯހުޅުވިފައި ތިބި ބަޔަކު އުފައްދައިގެންނެވެ. އެހެންކަމުން މި ދުވަސް ހަނދާންކޮށްދެނީ ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔެއާ އެކު ބާއްވަންޖެހޭ ގުޅުންތަކުގެ މުހިންމުކަމެވެ. އެ ގުޅުންތަކުގެ ތެރެއިން އެ ޤައުމުތަކަށް ވެސް އެނގިފައި އޮންނަންވާނެ އެކައްޗަކީ ދިވެހިން، އެބައިމީހުންގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއްގައި ދޫ ނުދޭނެ ކަމެވެ.
މި ދުވަހު ދެން ހަނދާންކޮށްދޭ އެއްކަމަކީ ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކާ މެދު ވަރުގަދަ އިސްތިރާޖީ ގުޅުންތަކެއް އުފައްދާފައި އޮންނަންޖެހޭކަމެވެ. ނަމަވެސް އެ ގުޅުން ވާންޖެހޭނީ ދިވެހިންނަށް ފައިދާ ކުރާނެ ގުޅުމަކަށެވެ. އެ ގުޅުން ވާންޖެހޭނީ “މޯލްޑިވްސް ފަސްޓް” ގެ ސިޔާސަތަށް ބުރަވާ ގުޅުމަކަށެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ ޤައުމު ވާންޖެހޭނީ އެހެން ޤައުމުތަކަށް ވެސް އިޙުތިރާމްކުރާ، އަދި އެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ހުރިހާކަމަކުން ދުރުވެގެންވާ ބަޔަކަށެވެ. އެހެންކަމުން މިއީ ވެސް މި ދުވަސް ބުނެދޭ ފިލާވަޅެކެވެ.
މި ދުވަސް ހަނދާންކޮށްދޭ އަނެއްކަމަކީ އަހަރެމެންނަށް ވެސް “ގްލޯބަލް އައިޑެންޓީޓީއެއް” ލިބިފައި އޮތުމުގެ މުހިންމުކަމެވެ. މިއީ ވެސް އާދައިގެ ގައުމެއް ނޫންކަމުގެ މިސާލެވެ. ދިވެހިން ކުރަން އުޅެފިއްޔާ ޤައުމުގެ ސައިޒަށް ވުރެ ބޮޑެތި ކަންކަން ވެސް ދިވެހިން ކޮށްފާނެކަން އެނގިފައި އޮންނަންޖެހެއެވެ. އެގޮތުން ދިވެހިރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ނަގާކިޔާ ގައުމެކެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ވާހަކަ ކުދި ގައުމުތަކުގެ ލީޑަރެއްގެ ގޮތުން އެންމެ ގިނަ މަންސަތަކުގައި ދައްކައި ދުނިޔޭގެ ސަމާލުކަން އެކަމަށް ހޯދަމުން އަންނަ ގައުމެކެވެ. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބުރޭންޑެވެ. އެހެންކަމުން ދިވެހިންގެ ގްލޯބަލް އައިޑެންޓިޓީ މިހާރަށް ވުރެ ވަރުގަދަކުރަންޖެހެއެވެ. އެއީ ހަމަ އެކަނި ޤައުމުގެ ސައިޒުން ވާކަމެއް ނޫނެވެ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރާ ގޮތުން ލިބެން އޮންނަ މޮޅެކެވެ. ދުނިޔޭގެ ޞުލްޙައަށް އެންމެ ބޮޑަށް މިހާރު މަސައްކަތްކުރަމުން އަންނަތަން ފެންނަ އެއްގައުމަކީ ޤަޠަރެވެ. އެއީ ބޮޑު ގައުމެއް ނޫނެވެ. ނަމަވެސް މުއްސަނދި ޤައުމެކެވެ. ޤަޠަރެކޭ އެއްވަރަށް މުއްސަނދި ޤައުމުތައް މެދުއިރުމަތީގައި އެބަހުއްޓެވެ. ނަމަވެސް ޞުލްޙައިގެ ކަންތައްތަކުގައި އުޅޭތަން ފެންނަނީ ޤަޠަރެވެ. އެހެންކަމުން އެ ޤައުމުގެ މިސާލު އަޅުގަނޑުމެން ވެސް ނަގަންޖެހެއެވެ. ދުނިޔޭގެ ފެންވަރުގެ އެފަދަ ބައްދަލުވުންތައް ބާއްވާ ޤައުމަކަށް މި ޤައުމު ހަދަން އެބަޖެހެއެވެ. މިއީ ކުރެވޭނެ ކަމެކެވެ. އޭރުން ބައިނަލްއަޤްވާމީ ދުނިޔޭގައި މި ޤައުމުގެ އަގު މަތިވާނެއެވެ. މި ޤައުމުގެ ގްލޯބަލް އައިޑެންޓީޓީއެއް އޮންނާނެއެވެ. އެހެންކަމުން ދުނިޔޭގައި ސަލާމަތާއި ރައްކާތެރިކަމުގައި އޮތުމަށް ޓަކައި ބައިނަލްއަޤްވާމީ ދުނިޔޭގައި ރަނގަޅު މަޤާމެއް އަޅުގަނޑުމެން ހޯދަންޖެހެއެވެ. ނަޞްރުގެ ދުވަސް ހަނދާންކޮށްދޭ އަނެއް ކަމަކީ މިއީއެވެ.
ނަޞްރުގެ ދުވަސް ބުނެދޭ އަނެއް ފިލާވަޅަކީ އެތެރޭގެ ހަމަޖެހުމެވެ. އެތެރޭގެ ހަމަނުޖެހުން ބޮޑުވާ ވަރަކަށް ބޭރުގެ ފަރާތްތަކުން މި ޤައުމަށް ފޯރުވާ ނުފޫޒު ބޮޑުވާނެއެވެ. އެހެންކަމުން އެތެރޭގެ ވަޙުދަތު ދެމެހެއްޓުމަށް ޓަކައި ދިވެހިންގެ ޤައުމިއްޔަތު ވަރުގަދަކުރަންޖެހެއެވެ. އެކަމަށް ޓަކައި މީޑިއާތަކުން ވެސް މަސައްކަތްކުރަންޖެހެއެވެ. އެކަމަށް ޓަކައި ތަޢުލީމީ މުއައްސަސާތަކުން ވެސް މަސައްކަތްކުރަންޖެހެއެވެ. އެކަމަށް ޓަކައި ކޮންމެ ސަރުކާރަކުން ވެސް ޕްރޮގްރާމްތައް ހިންގަންޖެހެއެވެ. މިއީ ގޭތެރެއިން ފެށިގެން އަންނަން ޖެހޭ ކަމެކެވެ. އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިން ބޮޑުކުރުމާއި، ދިވެހިބަހަށާއި، ދިވެހިންގެތާރީޚާއި، އާދަކާދައަށް ލޯބިކުރުމަށް އެ ކުދިންނަށް ބުނެދޭންޖެހެއެވެ. މައިންބަފައިންގެ ހިތުގައި ވެސް އެ ލޯބި އޮންނަންޖެހެއެވެ. ދަރިންނަށް އެ ލޯބި ދެވޭނީ އޭރުންނެވެ. އަޅުގަނޑުމެންގެ އެކި ފަންނާނުން ވެސް ޤައުމިއްޔަތު ނަގަހައްޓައި ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ރޭޑިއޯ ޑްރާމާތަކާއި ޓީވީ ޑްރާމާތަކާއި އުފައްދާ ފިލްމުތަކުގައި ވެސް ޤައުމިއްޔަތުގެ ރަހަތައް ލެއްވިދާނެއެވެ. އަޅުގަނޑުމެން ބަލާ ހިންދީ ފިލްމުތަކުގައި ހުންނަ ފަދައިންނެވެ. ދިވެހިންގެ ގޮތް ދިވެހިން ބުނެ ނުދީ ނުވަތަ ދިވެހިން ދައްކައި ނުދީ ދެން އެ ގޮތްތައް ދައްކައިދޭން އެހެން ބަޔަކު އަންނާނެހެއްޔެވެ؟ ނާންނާނެއެވެ. އެހެންކަމުން މިއަދު، ނަޞްރުގެ ދުވަހު ބުނެދޭ އަނެއް ފިލާވަޅަކީ ދިވެހި ޤައުމިއްޔަތު ދިރުވަން ހަމަ ކޮންމެ ފަރުދަކު ވެސް އެ ފަރުދެއްގެ ފެންވަރުގައި މަސއްކަތްކުރަންޖެހޭ ކަމެވެ. ޢާއިލާތަކުގެ ފެންވަރުގައެވެ. ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފެންވަރުގައެވެ. ރަށުފެންވަރުގައާއި ސުކޫލް ކޮލެޖު ޔުނިވަރސިޓީ ފެންވަރުގައެވެ. އަދި ވަކިން ޚާއްޞަކޮށް ޤައުމީ ފެންވަރުގައެވެ. އެއީ ޤައުމިއްޔަތަކީ އެންމެން އެކުގައި ބަދަހިކޮށް ތިބެން ބޭނުންވާ ވާފަށެވެ. އެ ވާފަށް ކަނޑައިގެން ގޮސްފިއްޔާ އެ ޤައުމެއް ރޫޅޭނެއެވެ. އެހެންކަމުން ނަޞްރުގެ ދުވަހު ބުނެދޭ މި ފިލާވަޅަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
އާދެ ނަޞްރުގެ ދުވަސް ފާހަގަކުރަންޖެހެނީ ދިވެހިންގެ ހިތްތަކުގައި ޤައުމިއްޔަތު ބިންވަޅުނެގުމަށެވެ. ދިވެހިން އެއްބައިވަންތަކުރުމަށެވެ. ދިވެހި ދަރިންނަކީ ދިވެހި ޤައުމުގެ ހުރިހާ ކަމެއްގައި އިސްވެ އުޅޭނެ ލީޑަރުންނަށް ހެދުމަށެވެ. ދިވެހިންނަކީ އެބައިމީހުންގެ މިނިވަންކަމާއި ސިޔާދަތު، ބޭރުދުނިޔެއާއި އޮންނަ އިސްތިރާޖީ ގުޅުންތަކުގެ ތެރެއިން ދަމަހައްޓައި ނަގަހައްޓާ ބަޔަކަށް ހެދުމަށެވެ. ހަރުދަނާ ޚާރިޖީ ސިޔާސަތެއް މިކަންކަމަށް ބޭނުންވާތީ، އެކަން އެގޮތުގައި ކުރިއަށް ގެންދިއުމަށެވެ. ދިވެހިންގެ ހައިބަތާއި ގަދަރު ބައިނަލްއަގުވާމީ ދުނިޔޭގައި ބޮޑުކުރުމަށް ޓަކައި ދިވެހިންނަށް ގްލޯބަލް އައިޑެންޓީޓީއެއް ހޯދުމަށެވެ. ހަމަ އެއާ އެކު ދިވެހިންގެ އެތެރޭގެ ހަމަޖެހުން ދެމެހެއްޓުމަކީ ވަކިން ބޮޑަށް މުހިންމުކަމެއްކަން ބުނެދިނުމަށެވެ. އެހެންކަމުން ނަޞްރުގެ ދުވަސް ފާހަގަކުރަންޖެހެނީ އަޅުގަނޑުމެންގެ ދިވެހިންގެ ހިތްތަކުގައި މިކަންކަން ފަނޑުނުވާނޭ ގޮތުން އަބަދުވެސް ބޭއްވުމުގެ ބޭނުމުގައެވެ.