161Views
ތަޢާރަފް
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ ޖިއޮގްރަފީ އޮނިގަނޑާއި، ތިމާވެށީގެ ނާޒުކުކަމާއި، އަދި ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމުގައި އޮތް އިސްތިރާޖީ މުހިންމު ސަރަހައްދީ މަޤާމުގެ ސަބަބުންނެވެ. ރާއްޖެއަކީ ބިމުގެ ބޮޑުމިނަށާއި އާބާދީއަށް ބަލާ އިރު ދުނިޔޭގައި އޮތް އެންމެ ކުދި ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށް ވުމުން، ތަފާތު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮތުން އެހެން ޤައުމުތަކަށް ބަރޯސާވާންޖެހުމާއި، އަދި ސަރަހައްދީ ސަލާމަތީ ކަންކަން ހިމެނެއެވެ. ޝްމިޑް (2005) ބަޔާންކުރާ ގޮތުގައި، ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލައި، އެހެން ޤައުމުތަކުގެ ސަމާލުކަން ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަން ކުރެވޭނީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށްގެންނެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ދައުރު ވަނީ ފުޅާވެފައެވެ.
ކުދި ޤައުމުތަކުގެ އިސްނަގާ ލީޑަރެއްގެ ގޮތުގައި، ރާއްޖެއިން ދަނީ ބައިނަލްއަޤުވާމީ ފެންވަރުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދެންނެވި މައްސަލަތަކާއި ގޮންޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ މުޖުތަމަޢުގައި ރާއްޖެއިން އިސްނަގައިގެން ހަރަކާތްތެރިވުމަށާއި، އެހެން ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާ އެކު އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް ވަނީ ބާރުއަޅާފައެވެ. އެއީ އެ ޤައުމުތަކުގެ އެހީތެރިކަމާ އެކު މި މައްސަލަތައް ކުޑަކޮށް، ކޮންޓްރޯލްކޮށް، އަދި ރާއްޖޭގައި ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށެވެ.
ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ވަޞީލަތްތައް މަދުވުމުގެ ސަބަބުން، ބަރޯސާވާންޖެހެނީ ވަރަށް ނާޒުކު އިޤްތިޞާދަކަށެވެ. އަދި ތިމާވެށީގެ ނުރައްކާތަކަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށްވުމާ އެކު، މިފަދަ ޤައުމުތައް ދެމިއޮތުމަށާއި، ޤައުމު ބިނާކުރުމަށާއި، ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލާއި، ވަކިން ޚާއްޞަކޮށް ޒަމާނާ އެކު އުފެދިގެން އައިސްފައިވާ ސަލާމަތީ މައްސަލަތަކާ ކުރިމަތިލުމަށް، ބައިނަލްއަޤުވާމީ ބައިވެރިންނަކީ ކޮންމެހެން މުހިންމު ބައެކެވެ. ބައިނަލްއަޤުވާމީ ޚާރިޖީ ދާއިރާގައި ރާއްޖެއިން ބައިވެރިވުމުން، އެކަނި މަސައްކަތްކޮށްގެން ނުހޯދޭނެ އެތައް ފައިދާތަކެއް ލިބެމުން އައިސްފައިވެއެވެ. އެހެންކަމުން، ދުނިޔޭގެ ގައުމުތަކާ އެކީ އޮންނަ (މަލްޓިލޭޓަރަލް) ގުޅުންތަކުގެ އެހީގައި، ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އެ ޤައުމުތަކުގެ ދައުރު ވަރުގަދަކޮށް، ނުފޫޒު ފުޅާކޮށް، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ދެފަރާތަށް ފައިދާހުރި ޙައްލުތައް ހޯދުމަށް ގުޅިގެން މަސައްކަތްކުރެއެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (ޔުނައިޓެޑް ނޭޝަންސް)، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯއެސްއައިއެސް)، ކޮމަންވެލްތު، ސާކް، އަދި މިނޫންވެސް ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާތަކުގައި ދިވެހިރާއްޖެއިން ހަރަކާތްތެރިކަމާ އެކު ބައިވެރިވެ، އޭގެ އިސްތިރާޖީ ބޭނުން ހިފައިގެން، ރާއްޖެއާ ގުޅުންހުރި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އަޑުއުފުލުން ވަނީ އިތުރުކޮށްފައެވެ. މަދު ވަޞީލަތްތަކެއް ހުރި ނަމަވެސް، ބައިނަލްއަޤުވާމީ ސިޔާސަތުތަކަށް ބޮޑު ނުފޫޒެއް ފޯރުވުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިފައިވެއެވެ.
މި މަޒުމޫނުގެ ބޭނުމަކީ ބައިނަލްއަޤުވާމީ ގުޅުންތަކުގެ ތެރެއިން ރާއްޖެއިން ކޮށްފައިވާ ޚިދުމަތްތަކާއި، ގިނަ ޤައުމުތައް ބައިވެރިވާ ޖަމްޢިއްޔާތަކުގައި (މަލްޓިލޭޓަރަލް ރިލޭޝަންސް) އަދާކޮށްފައިވާ ދައުރު ދެނެގަތުމެވެ. އަދި ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ މަޞްލަޙަތުތަކަށް ސަމާލުކަން ހޯދުމަށާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި، މިފަދަ ޖަމްޢިއްޔާތަކުގެ ބޭނުން އިސްތިރާޖީ ގޮތެއްގައި ރާއްޖެއިން ހިފާފައިވާ ގޮތް ފާހަގަކުރުމެވެ. އެހެންކަމުން، މި މައްސަލަ ފުންކޮށް ދިރާސާކުރުމަށް ޓަކައި، ތަފާތު މަޒުމޫނުތަކާއި، ފޮތްތަކާއި، އަދި ލިޔެކިޔުންތަކުން މަޢޫލޫމާތު އެއްކޮށް، އަޅާކިޔައި، މި ލިޔުމުގައި ބަހުސްކޮށްފައިވާނެއެވެ. އަދި މަޒުމޫނުގެ ނިންމުމެއްގެ ގޮތުން ޚުލާޞާއެއް އެންމެ ފަހަތުގައި ހިމަނާފައިވާނެއެވެ.
ލިޓްރޭޗަރ ރިވިއު (އިލްމީ ދިރާސާތަކުގެ މުރާޖަޢާ)
މަލްޓިލޭޓަރަލިޒަމް (ގިނަ ޤައުމުތައް ބައިވެރިވާ ނިޒާމު)އަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށް އެންމެ މުހިންމު ދާއިރާތަކުން، ދުނިޔޭގެ މަންސަތަކުގައި އެ ޤައުމުތަކުގެ އަޑާއި ނުފޫޒު ގަދަކުރުމަށް ލިބޭ ބާރެކެވެ. ރާއްޖެއިން ދަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދާއިރާތަކުން އަޑުއުފުލުމަށް މި ނިޒާމުގެ ބޭނުން ހިފަމުންނެވެ. އެގޮތުން، އދ. އޭއޯއެސްއައިއެސް (AOSIS)، ކޮމަންވެލްތު، އަދި ސާކް (SAARC) ފަދަ މަންސަތަކުގައި މޫސުމީ ޚާރިޖީ ސިޔާސަތުގެ (ކްލައިމެޓް ޑިޕްލޮމެސީ) ދާއިރާއިން ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކުދި ޤައުމުތަކުގެ ޚާރިޖީ ސިޔާސަތާ ބެހޭ ތިއަރީތަކުން ދައްކާގޮތުގައި، ކުދި ޤައުމުތަކަށް މަލްޓިލޭޓަރަލިޒަމްގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރެއެވެ. އާޗަރ (2014) ވަކާލާތުކުރާ ގޮތުގައި، ކުދި ޤައުމުތަކުގެ އިޤްތިޞާދީ އަދި ޢަސްކަރީ ވަޞީލަތްތައް މަދުވުމުގެ ސަބަބުން، ސަލާމަތީ، އިޤްތިޞާދީ އަދި ތިމާވެށީގެ މައްސަލަތަކުގައި އެހެން ޤައުމުތަކަށް ބަރޯސާވާންޖެހެއެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަކޮށް، ކުދި ޤައުމުތަކަށް ހުރި މައްސަލަތައް ދުނިޔެއަށް ހާމަކުރުމަކީ މުހިންމު ކަމެކެވެ. މެކްކާޗަރ (2012) ބަޔާންކުރާ ގޮތުގައި، ކުދި ޤައުމުތަކަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ތެރޭގައި ހަރަކާތްތެރިކަމާ އެކު މަސައްކަތްކޮށް، އެ ޤައުމުތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގައި ހެޔޮ ތަޞައްވުރެއް ބިނާކުރެވިދާނެއެވެ. މޫސުމަށް އަންނަ ބަދަލުތައް ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމުގައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. މި ވިސްނުމުން ބަލާއިރު، ދިވެހިރާއްޖޭގެ ވިސްނުން ހުރީ “ނީޝް ޑިޕްލޮމެސީ” (ވަކި ޚާއްޞަ ދާއިރާއަކުން ކުރިއަށްދާ ޚާރިޖީ ސިޔާސަތު) ގެ މަފްހޫމާ އެއްގޮތަށެވެ. މީގެ މާނައަކީ ކުދި ޤައުމުތަކުން ވަކި ޚާއްޞަ ސިޔާސަތެއްގެ ދާއިރާއަކަށް އަމާޒު ހިފައިގެން ނުފޫޒު ފޯރުވުމެވެ. ރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާ އެއީ ރާއްޖޭގެ “ނީޝް” ނުވަތަ ޚާއްޞަ ދާއިރާގެ ގޮތުގައި ކަނޑައަޅައި، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ވަކާލާތުކޮށް، މޫސުމީ ޚާރިޖީ ސިޔާސަތުގެ ލީޑަރެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ (ކެއޯހޭން، 2015).
މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް ރާއްޖެއިން އދ. ބޭނުންކުރަނީ މައިގަނޑު މަންސައެއްގެ ގޮތުގައެވެ. އުރުބަކް އަދި މެގްނަން (2018) ފާހަގަކުރާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަކާލާތުކުރުމުގައި، ރާއްޖެ ހިމެނޭގޮތަށް ކުދި ޖަޒީރާ ޤައުމުތަކުން (SIDS) ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. ތިމާވެށީގެ މައްސަލަތައް އދ. ގެ އެޖެންޑާގައި ހިމެނުމަށްޓަކައި، ދުނިޔޭގެ ސަމާލުކަން ހޯދުމަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން، 2009 ވަނަ އަހަރު ރާއްޖެއިން ބޭއްވި ފެނުއަޑީގެ ކެބިނެޓް ބައްދަލުވުމަކީ މުޅި ދުނިޔޭގެ ސަމާލުކަން ދަމައިގަތް ކަމެކެވެ. ކްރާންޒް އަދި އެހެން ބޭފުޅުން (2022) އިތުރަށް ބަޔާންކުރައްވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ޤައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް (Existential Threat) ގެ ގޮތުގައި ކަނޑައެޅުމަށާއި، ރާއްޖޭގެ ނާޒުކު ހާލަތަށް ބަލައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ހަމްދަރުދީއާއި އެހީތެރިކަން ހޯދުމަށް ރާއްޖެއިން ހުއްޓުމެއްނެތި ދަނީ ވަކާލާތުކުރަމުންނެވެ.
ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތުތަކަށް އަމާޒުކޮށްގެން އޭއޯއެސްއައިއެސް(AOSIS) ގެ ތެރޭގައި ވެސް ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަގުއެޑާ ކޯނެލޫޕް އަދި މޮލް (2014) ބަޔާންކުރާ ގޮތުގައި، އޭއޯއެސްއައިއެސްއަކީ ކުދި ޖަޒީރާ ޤައުމުތައް އެއް އެޖެންޑާއެއްގެ ދަށުން ގުޅުވައިދޭ، ޚާއްޞަކޮށް މޫސުމީ ޚާރިޖީ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ އިއްތިހާދެކެވެ. އޭއޯއެސްއައިއެސްގައި، ރާއްޖޭގެ ލީޑަރޝިޕް ދައްކުވައިދެނީ، ދުނިޔޭގެ ތިމާވެށީގެ ހިންގުމަށް ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ކުދި ޤައުމުތަކަށް ލިބިގެންވާ ކަމެވެ.
ކޮމަންވެލްތާ އެކު ރާއްޖެއިން ބާއްވާ ގުޅުމުން ދައްކުވައިދެނީ، ކުދި ޤައުމުތަކަށް ޑިމޮކްރެޓިކް އުޞޫލުތައް ކުރިއެރުވުމަށާއި ތަރައްޤީގެ އެހީތެރިކަން ހޯދުމަށް ބައިނަލްއަޤުވާމީ މަންސަތައް އެހީތެރިވެދޭ ގޮތެވެ. ކޮމަންވެލްތަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއް ތަމްސީލުކުރާ ބޮޑު ޖަމްޢިއްޔާއަކަށް ވުމުން، ބޮޑެތި ޤައުމުތަކުގެ ނުފޫޒާއި ހިޔަނިން ސަލާމަތްވެ، ކުދި ޤައުމުތަކަށް ތަފާތު ބައިނަލްއަޤުވާމީ މައްސަލަތަކުގައި މިނިވަންކަމާއެކު އަޑުއުފުލުމުގެ ފުރުޞަތު އެ ފޯރަމްގައި ލިބިގެންދާކަން އެންޔާއޯކޫ (1994) ފާހަގަކުރައްވައެވެ. 2016 އިން 2020 އަށް ރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތް އޮތުމަކީ، މެންބަރު ޤައުމުތަކުގެ ދާޚިލީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމުގައި ކޮމަންވެލްތުގެ ދައުރު ހުރިގޮތް ދައްކުވައިދޭ މިސާލެކެވެ. އެހެންކަމުން، ދުނިޔޭގެ ކަންކަމުގައި ބަސްބުނުމަށް ކޮމަންވެލްތަކީ މުހިންމު ޖަމްޢިއްޔާއެކެވެ. ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވުމުން، ރާއްޖެއާ ގުޅުންހުރި މައްސަލަތަކުގައި އަޑުއުފުލުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިފައިވެއެވެ.
ސާކް(SAARC) އަކީ ސަރަޙައްދީ ހަމަޖެހުމާއި އިޤްތިޞާދީ އެއްބާރުލުމަށް އޮތް މުހިންމު ސަރަޙައްދީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ އުފެއްދުމުގައި ވެސް ރާއްޖެއިން މުހިންމު ދައުރެއް އަދާކުރިއެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ނުތަނަވަސްކަމުގެ ސަބަބުން ސާކްގެ ފުރިހަމަ ބޭނުން ނުހިފުނު ކަމުގައި ވިޔަސް، ރާއްޖެއިން ދަނީ ސަރަޙައްދީ ގުޅުން ބަދަހިކުރުމަށާއި މައްސަލަތައް ސުލްހަވެރިކަމާ އެކު ޙައްލުކުރުމަށް ވަކާލާތުކުރަމުންނެވެ (ޢަލީ، 2014). ކޯލްމަން (2013) ބަޔާންކުރާ ގޮތުގައި، ދެކުނު އޭޝިއާގެ ސަރަޙައްދީ މައްސަލަތަކުގައި ރާއްޖެއިން ބައިވެރިވުމުން އެނގެނީ، ކުޑަ ޤައުމަކަށް ވިޔަސް ބޮޑެތި އަވަށްޓެރި ޤައުމުތަކާ އެކު ރަނގަޅު ގުޅުމެއް ބޭއްވިދާނެ ކަމެވެ. އަދި ބައިނަލްއަޤުވާމީ ގުޅުންތަކުގެ އެހީގައި އިޤްތިޞާދާއި ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖެއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ވެސް މިއިން ސާބިތުވެއެވެ.
ދިރާސާތަކުން އެނގޭ ގޮތުގައި، ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށް ވިޔަސް، އެކަނި ޙައްލުނުކުރެވޭނެ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމުގައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފާ ޤައުމެކެވެ. އދ. އާއި އދ. ގެ އެކި އިދާރާތަކާ ގުޅިގެން އަދި ކޮމަންވެލްތު، ސާކް، އަދި އޭއޯއެސްއައިއެސް ފަދަ ޖަމްޢިއްޔާތައް މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އަދި ތިމާވެށީގެ އެހެނިހެން ބޮޑެތި މައްސަލަތަކުގައި ރާއްޖެއިން ވަނީ ދުނިޔެއަށް އަޑުއިއްވާފައެވެ. އެހެންކަމުން، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ދަނީ ބައިނަލްއަޤުވާމީ ގުޅުންތަކުގެ ފުރިހަމަ ބޭނުން ހިފަމުންނެވެ.
މެތޮޑޮލޮޖީ (ދިރާސާކުރި ގޮތް)
މަޢުލޫމާތު އެއްކުރުން
އަސާސީ މަސްދަރުތައް (Primary Sources): ހަޑްލެސްޓަން، ޖޭމިސަން، އަދި ޖޭމްސް (2022) ބަޔާންކުރާ ގޮތުގައި، ބައިނަލްއަޤުވާމީ ގުޅުންތަކާ ބެހޭ ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި މުޞަންނިފުން ދަނީ ތަފާތު ގިނަ ގޮތްތަކާއި ވަޞީލަތްތައް ބޭނުންކުރަމުންނެވެ. މީގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކުރަނީ ކޮލިޓޭޓިވް (Qualitative / ފެންވަރު ބަލާ) ދިރާސާގެ އުޞޫލެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ ގުޅުންތަކުގައި، ޚާއްޞަކޮށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގައި ރާއްޖެއިން އަދާކޮށްފައިވާ ދައުރު ދެނެގަތުމަށް މި މަޒުމޫނުގައި ބޭނުންކޮށްފައިވަނީ ކޮލިޓޭޓިވް ރިސާޗް މެތޮޑޮލޮޖީއެކެވެ. މި އުޞޫލުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކާއި، ރަސްމީ ބަޔާންތަކާއި، އަދި ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭ ކޭސް ސްޓަޑީޒްތައް ފުންކޮށް ތަޙުލީލުކުރުމަށް މަގުފަހިވެއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޑިޕްލޮމެޓުން ބައިނަލްއަޤުވާމީ މަންސަތަކުގައި ބޭނުންކުރާ އިސްތިރާޖީ އުޞޫލުތައް ދެނެގަތުމަށް މި އުޞޫލު ވަރަށް އެކަށީގެންވެއެވެ.
މަޢުލޫމާތު އެއްކުރުމުގައި އަސާސީ (ޕްރައިމަރީ) އަދި ސާނަވީ (ސެކަންޑަރީ) މަސްދަރުތަކަށް ބަރޯސާވެފައިވެއެވެ. އަސާސީ މަސްދަރުތަކުގެ ތެރޭގައި އދ.، ކޮމަންވެލްތު، އޭއޯއެސްއައިއެސް، ސާކް އަދި އެހެނިހެން ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ރާއްޖޭގެ މަންދޫބުން ދެއްވާފައިވާ ރަސްމީ ތަޤުރީރުތަކާއި ބަޔާންތައް ހިމެނެއެވެ. މީގެ އިތުރުން، އދ. އާއި އޭއޯއެސްއައިއެސް އަދި ސާކްގެ ސިޔާސަތުތަކާ ބެހޭ ލިޔެކިޔުންތަކާއި، ގަރާރުތަކާއި، އެއްބަސްވުންތަކާއި، އަދި ތަފާތު އަހަރުތަކުގައި ބާއްވާފައިވާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސްތަކުގެ (COP) ބަޔާންތައް ހިމެނެއެވެ.
ސާނަވީ މަސްދަރުތައް (Secondary Sources): ސާނަވީ މަސްދަރުތަކުގެ ތެރޭގައި ކުދި ޤައުމުތަކުގެ ޚާރިޖީ ސިޔާސަތާއި، މަލްޓިލޭޓަރަލިޒަމްއާއި، އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ބެހޭ އިލްމީ މަޒުމޫނުތަކާއި ފޮތްތައް ހިމެނެއެވެ. އަދި ތިންކް ޓޭންކްތަކުން ނެރެފައިވާ ރިޕޯޓްތަކާއި، ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ސިޔާސަތުތަކާ ބެހޭ ރިޕޯޓްތަކާއި، އދ. ގެ އެކި އިދާރާތަކުން ނެރެފައިވާ ރިޕޯޓްތަކާއި، އަދި ރާއްޖެއިން ބޭނުންކޮށްފައިވާ ސިޔާސަތުތަކާ ބެހޭ ކަރުދާސްތައް ވެސް ސާނަވީ މަސްދަރުގެ ގޮތުގައި ބަލާފައިވެއެވެ.
ތަޙުލީލީ މަރުހަލާ (Analytical Approach): މި ދިރާސާގައި މަޢުލޫމާތުތައް ތަޙުލީލުކޮށްފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ: އދ.، ކޮމަންވެލްތު، އޭއޯއެސްއައިއެސް، އަދި ސާކްގައި ރާއްޖޭގެ ބައިވެރިވުމެވެ. ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ މޫސުމީ ޚާރިޖީ ސިޔާސަތު، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރުން، އަދި ސަރަޙައްދީ ހަމަޖެހުން ފަދަ މައުޟޫޢުތަކަށެވެ. ކުދި ޤައުމުތަކުގެ ބައިނަލްއަޤުވާމީ ގުޅުންތަކުގެ އޮނިގަނޑުގެ ތެރެއިން ރާއްޖޭގެ ޢަމަލުތައް ދެނެގަނެ، ރާއްޖެއަށް ޚާއްޞަވެގެންވާ ކުރިއެރުންތަކާއި ގޮންޖެހުންތައް ވަޒަންކުރުމަށް އަޅާކިޔުމުގެ ތަޙުލީލީ އޮނިގަނޑެއް ބޭނުންކޮށްފައިވާނެއެވެ.
ތަޙުލީލު (Analysis)
ރާއްޖެއަކީ ކުޑަ، އަދި ޒަރޫރީ ތަބީޢީ ވަޞީލަތްތައް މަދު ޤައުމަކަށް ވިޔަސް، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގައި ރާއްޖެއިން ބާއްވާ ހަރަކާތްތެރި ގުޅުންތަކުން ދައްކުވައިދެނީ، ދުނިޔޭގެ ބާރުތަކުގެ މެދުގައި ހަމަހަމަކަން ހިފަހައްޓައި، ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިގެންވާ ކަމެވެ. އދ.ގެ ހިއުމެނިޓޭރިއަން އެފެއާޒް ކޯޑިނޭޝަން އޮފީހުން (1987) ބަޔާންކުރާ ގޮތުގައި، 1987 ވަނަ އަހަރު މާލެއަށް އެރި އުދައިގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި މުހިންމު މަސައްކަތްތަކެއް ފެށިއެވެ. އެގޮތުން، 2009 ވަނަ އަހަރު ބޭއްވި ފެނުއަޑީގެ ކެބިނެޓް ބައްދަލުވުމުގެ ސަބަބުން، ކުދި ޖަޒީރާ ޤައުމުތަކަށް (SIDS) އޮތް ނުރައްކާ ހާމަކުރުމުގައި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2009). މީގެ ނަތީޖާއެއްގެ ގޮތުން ޕެރިސް އެގްރީމެންޓް ފަދަ މުހިންމު އެއްބަސްވުންތައް އުފެދި، އޭގައި ރާއްޖޭގެ ދައުރު ބައިނަލްއަޤުވާމީ މައިދާނުން ފެނިގެންދިޔައެވެ. ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް އެހެން ކުދި ޖަޒީރާ ޤައުމުތަކާ ގުޅިގެން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިކަންކަން ހުރީ ތޯރހަލްސަން އަދި ބޭލްސް (2017) ފަދަ އިލްމުވެރިން ފާހަގަކުރައްވާ “ނީޝް ޑިޕްލޮމެސީ” ގެ މަފްހޫމާ އެއްގޮތަށެވެ.
އދ. ގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ޝާހިދު (2003) ބަޔާންކުރައްވާ ގޮތުގައި، ރާއްޖެއަކީ އޭއޯއެސްއައިއެސްގެ ބާނީ މެންބަރަކަށް ވުމާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލުދޭނެ މާލީ ނިޒާމެއް ޤާއިމުކުރުމަށް “ލޮސް އެންޑް ޑެމޭޖް” (Loss and Damage) އެޖެންޑާ ކުރިއެރުވުމުގައި ވަރުގަދަ ދައުރެއް އަދާކޮށްފައިވާ ޤައުމެކެވެ. އދ. (2018) އިން ފާހަގަކުރާ ގޮތުގައި، ކޮޕް27 (COP27) ސަމިޓްގައި ލޮސް އެންޑް ޑެމޭޖް ފަންޑު ޤާއިމުކުރުމަކީ، އޭއޯއެސްއައިއެސްގެ ތެރޭގައި ރާއްޖެއިން ގުޅިގެން އަދާކުރި މުހިންމު ދައުރުގެ ހެއްކެކެވެ. ރާއްޖެއިން އަންނަނީ އެ ފަންޑު ކުރިއެރުވުމުގައި އިސް ސަފުގައި ހަރަކާތްތެރިވަމުންނެވެ. އަދި “ސަމޯއާ ޕާތުވޭ” (Samoa Pathway) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ވެސް ރާއްޖެއިން ޝައުޤުވެރިކަން ފާޅުކޮށް ވަކާލާތުކުރެއެވެ.
ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ބައިނަލްއަޤުވާމީ މަންސަތަކުގެ މުހިންމުކަން ރާއްޖޭގެ މަސައްކަތްތަކުން ދައްކުވައިދެއެވެ. ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް އެކި ދާއިރާތަކުން ގިނަ ފުރުޞަތުތަކެއް ލިބިފައިވެއެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ލިބުނު އެހީތެރިކަން ފާހަގަކޮށްލެވެއެވެ. ކޮމަންވެލްތުގެ އެހީތެރިކަމާ އެކު ރާއްޖެއަށް ފަންނީ އެހީތެރިކަމާއި ޤާބިލުކަން އިތުރުކުރުމުގެ (Capacity-Building) ހަރަކާތްތައް ލިބިފައިވެއެވެ. ބޯގަރ (2020) ބަޔާންކުރާ ގޮތުގައި، 2016 ވަނަ އަހަރު ރާއްޖެ ކޮމަންވެލްތުން ވަކިވެ، އަދި 2020ވަނަ އަހަރު އަލުން ގުޅުމުން އެނގެނީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ މުހިންމުކަމެވެ. ޑިމޮކްރެޓިކް އުޞޫލުތަކާއި، އިންސާނީ ޙައްޤުތަކާއި، އަދި ބައިނަލްއަޤުވާމީ ދުނިޔޭގެ އިތުބާރާއި ނުފޫޒު ދެމެހެއްޓޭނީ މިފަދަ ބައިނަލްއަޤުވާމީ ނިޒާމުތަކުގެ ތެރެއިންނެވެ.
ރާއްޖެއިން ސާކްގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ސާކް ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އިންޑިއާއާއި ޕާކިސްތާނުގެ މައްސަލަތަކުގެ ސަބަބުން ސާކްގެ ކުރިއެރުން ހުއްޓިފައިވީ ނަމަވެސް، ސާކްގެ މުހިންމުކަން ރާއްޖެއަށް ބޮޑެވެ. އެހެންކަމުން، ރާއްޖެއިން ސާކްގައި ހަރަކާތްތެރި ދައުރެއް އަދާކުރެއެވެ. “ސާކް ފުޑް ބޭންކް އިންފޮމޭޝަން ސިސްޓަމް” އާއި “ޑިޒާސްޓަރ މެނޭޖްމަންޓް ޕްރޮގްރާމް” ފެށުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރިއެވެ (ސާކް އެގްރިކަލްޗަރ ސެންޓަރ، 2024). ނަމަވެސް، ސާކްގެ ބޮޑެތި ޤައުމުތަކުގެ މެދުގައި އޮންނަ ޖިއޯޕޮލިޓިކަލް ( geopolitics ) މައްސަލަތަކުގެ ސަބަބުން، ރާއްޖެ ފަދަ ޤައުމުތަކަށް ބައިނަލްއަޤުވާމީ ބޮޑެތި މައްސަލަތަކުގައި ސާކްގެ މަންސަ ބޭނުންކޮށްގެން އަޑުއުފުލުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
ރާއްޖެއަށް މުހިންމު މައްސަލަތަކުގައި ވަކާލާތުކުރުމަށާއި، މޫސުމީ ޚާރިޖީ ސިޔާސަތުގެ ލީޑަރެއްގެ ގޮތުގައި ދުނިޔެ ބަލައިގަތުމަށް، ބައިނަލްއަޤުވާމީ ގުޅުންތަކުގެ ފުރުޞަތުތައް ރާއްޖެއިން ބޭނުންކޮށްފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ޤައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ތަކުރާރުކޮށް ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ވަކާލާތުކޮށް، ދުނިޔޭގެ ސަމާލުކަން ހޯދާފައިވެއެވެ. އަދި އެހެން ޤައުމުތަކުގެ އިތުބާރާއި އިޙްތިރާމް ވެސް ރާއްޖެއިން ހޯދާފައިވެއެވެ. މީގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ރަނގަޅު ނަމެއް ލިބިފައިވެއެވެ. މިގޮތުން، ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ރާއްޖެއިން ތަފާތު އިއްތިޙާދުތަކާ އެކު ގުޅިގެން މަސައްކަތްކުރެއެވެ. މިގޮތަށް މަސައްކަތްކުރުމުން، ދުނިޔޭގެ ސަމާލުކަން ހޯދުމަށް އެހެން ޤައުމުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ރާއްޖެއަށް ލިބެއެވެ. ގްރީން ކްލައިމެޓް ފަންޑަށް (Green Climate Fund) ވުޖޫދުކުރުމުގައްޔާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (SDGs) ބައްޓަންކުރުމުގައި ރާއްޖެއިން ހަރަކާތްތެރި ދައުރެއް އަދާކުރިއެވެ. މި ހުރިހާ ކަމަކުން އެނގެނީ، މަލްޓިލޭޓަރަލިޒަމްގެ ތެރެއިން ރާއްޖެއަށާއި އެހެނިހެން ނާޒުކު ޤައުމުތަކަށް ތަފާތު ފައިދާތައް ހޯދުމަށް ރާއްޖެއިން މަސައްކަތްކުރާ ކަމެވެ.
ބައިނަލްއަޤުވާމީ ގުޅުންތަކުން ތަފާތު ކުރިއެރުންތައް ލިބެމުންދިޔަ ނަމަވެސް، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އަދިވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. ވަޞީލަތްތައް މަދުވުމާއި ދާޚިލީ ނުތަނަވަސްކަމުގެ ސަބަބުން ބައެއް ފަހަރު ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށް ހުރަސްއެޅެއެވެ. ނަމަވެސް، އދ.، އޭއޯއެސްއައިއެސް، ކޮމަންވެލްތު، އަދި ސާކް ފަދަ މަންސަތަކުގެ ސަބަބުން، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި އެހެން ޤައުމުތަކަށް އިސްތިރާޖީ ގޮތުން ނުފޫޒު ފޯރުވުމުގެ ފުރުޞަތާއި ޤާބިލުކަން އިތުރުވެފައިވެއެވެ. ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކުން ކަންބޮޑުވާ ދާއިރާތަކަށް އަމާޒުކޮށްގެން ތަފާތު އިއްތިޙާދުތައް ޤާއިމުކޮށް، ބައިނަލްއަޤުވާމީ ގުޅުންތަކުގެ އެހީގައި މި މައްސަލަތައް ޙައްލުކުރުމުގެ ފުރުޞަތު މިހާރު އެބައޮތެވެ. ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ މުހިންމުކަމާއި އެ ފަރާތްތަކާއެކު ބާއްވާ ރަނގަޅު ގުޅުންތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ގިނަ ދާއިރާތަކެއްގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރެވޭނެއެވެ.
ބަހުސް / މަޝްވަރާ (Discussion)
ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ ގުޅުންތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގައި އަދާކުރާ ދައުރަށް ބަލާއިރު އެހެން ޤައުމުތަކަށް ހުރި ރަނގަޅު މިސާލެކެވެ. މި ބަހުސްގައި، ލިޓްރޭޗަރ ރިވިއުއާއި، މެތޮޑޮލޮޖީއާއި، އަދި ތަޙުލީލުން ލިބުނު މަޢުލޫމާތުތައް އެއްކޮށްލައި، ބައިނަލްއަޤުވާމީ ގުޅުންތަކާއި މަލްޓިލޭޓަރަލް ނިޒާމުތަކާ މެދު އިސްތިރާޖީ ނަޒަރަކުން ބަލައި، ރާއްޖޭގެ ބައިނަލްއަޤުވާމީ ގުޅުންތަކުގެ ސަބަބުން ލިބޭ ފުރުޞަތުތަކާއި ގޮންޖެހުންތައް ފާހަގަކޮށްފައިވާނެއެވެ.
އިސްތިރާޖީ ވަކާލާތަށް ޓަކައި ގިނަ ޤައުމުތައް ބައިވެރިވާ މަންސަތަކުގެ ބޭނުން ހިފުން
ލިޓްރޭޗަރ ރިވިއުއަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދުނިޔޭގެ ބޮޑެތި މައްސަލަތަކާއި ކުދި ޖަޒީރާ ޤައުމުތަކާ ގުޅުންހުރި މައްސަލަތަކުގައި އަޑުއުފުލުމަށް ރާއްޖެއިން ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފަމުންދާ ކަމެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅުންހުރި މައްސަލަތަކުގައި ދެމެހެއްޓެނިވި އަދި ފައިދާހުރި ނުފޫޒެއް ފޯރުވުމަށް ރާއްޖެއިން ބައިނަލްއަޤުވާމީ ޖަމްޢިއްޔާތައް ބޭނުންކުރެއެވެ. މެތޮޑޮލޮޖީގައި ފާހަގަކޮށްފައިވާ ގޮތަށް، މި މަޒުމޫނުގައި ކޮލިޓޭޓިވް އެނަލިސިސް ބޭނުންކޮށްގެން، އދ. އާއި އޭއޯއެސްއައިއެސް، ކޮމަންވެލްތު، އަދި ސާކް ފަދަ ޖަމްޢިއްޔާތަކުގައި ރާއްޖޭގެ ބައިވެރިވުން ދެނެގަނެވިފައިވެއެވެ. ހޯދުންތަކުން ދައްކާގޮތުގައި، ރާއްޖެއިން ވަނީ އާޗަރ (2014) ގެ ކުދި-ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުގެ މަފްހޫމް ބަލައިގެންފައެވެ. މިއީ ގުޅިގެން މަސައްކަތްކުރުމާއި ވަކި ޚާއްޞަ ދާއިރާއަކަށް އަމާޒުހިފުމަށް ބާރުއަޅާ މަފްހޫމެކެވެ.
މިސާލަކަށް، އދ. ގެ މަންސަތަކުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރާ ވަކާލާތުތައް އެހެން ޤައުމުތަކުން ބަލައިގަނެ، ސިޔާސަތުތައް އެކުލަވާލުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ހުރި މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. 2009ވަނަ އަހަރު ބޭއްވި ފެނުއަޑީގެ ކެބިނެޓް ބައްދަލުވުމަކީ، ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި އައު އީޖާދީ ޚާރިޖީ އުޞޫލުތައް ބޭނުންކުރަންޖެހޭކަން ދައްކުވައިދޭ މުހިންމު މިސާލެކެވެ. ބޮޑަންސްކީ (2015) ބަޔާންކުރާ ގޮތުގައި، ދުނިޔޭގެ ސަމާލުކަން ހޯދުމަށް ޓަކައި ކުދި ޤައުމުތަކުން އީޖާދީ ޚިޔާލުތައް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ކުރިއަށް ދިއުމަށް ޓަކައި ޤައުމުތަކުގެ އަޚްލާޤީ ލީޑަރޝިޕް (Moral Leadership) ވެސް ބޭނުންކުރެވިދާނެއެވެ.
އޭއޯއެސްއައިއެސް އިންވެސް ސާބިތުކޮށްދެނީ ރާއްޖޭގެ ލީޑަރޝިޕަށް ގުޅިގެން މަޝްވަރާކުރުމާއި ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ލިބިގެންވާ ކަމެވެ. “ލޮސް އެންޑް ޑެމޭޖް” އެޖެންޑާގެ އިސްނެގުމާ އެކު، ރާއްޖެއިން ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންތެރި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ލޮސް އެންޑް ޑެމޭޖް ފަންޑު ފަދަ މުހިންމު މާލީ އެހީގެ ނިޒާމުތައް ޤާއިމުކުރުމަށް އެހީތެރިވެދިނެވެ. މިއީ އޭއޯއެސްއައިއެސް ފަދަ އިއްތިޙާދުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ބައިނަލްއަޤުވާމީ ޚާރިޖީ މައިދާނުގައި އެ ޤައުމުތަކުގެ ގަދަރަށްވުރެ މާ ބޮޑު ނުފޫޒެއް ފޯރުވުމުގެ ބާރު ލިބޭކަމަށް ބެޓްޒޯލްޑް (2015) ހޯދާފައިވާ ހޯދުންތަކާ ދިމާވާ ކަމެކެވެ.
ކުދި ޤައުމުތަކުގެ ބައިނަލްއަޤުވާމީ ގުޅުންތަކަށް ހުރި ގޮންޖެހުންތައް
ލިޓްރޭޗަރ ރިވިއުއާއި ތަޙުލީލުން ހާމަވިގޮތުގައި، ރާއްޖެއިން ބައިނަލްއަޤުވާމީ ޚާރިޖީ ދާއިރާގައި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ވަޞީލަތްތައް މަދުވުމާއި ސަރަޙައްދީ ޖިއޯޕޮލިޓިކަލް ހާލަތުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން، މާލީ އެހީތެރިކަމާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ޓަކައި، ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކަށް ވަނީ ބައިނަލްއަޤުވާމީ ގުޅުންތަކުގެ އެހީއާއި ދުނިޔޭގެ އެހީތެރިކަމަށް ބޮޑަށް ބަރޯސާވާންޖެހިފައެވެ. މިސާލަކަށް، ޑިމޮކްރެޓިކް ވެރިކަމަކާއި ޤާބިލުކަން އިތުރުކުރުމަށް ވަކާލާތުކުރުމަށް ކޮމަންވެލްތު ބޭނުންކުރެވުނު ނަމަވެސް، 2018ވަނަ އަހަރު ރާއްޖޭގެ ދާޚިލީ ދުސްތޫރީ މައްސަލަތަކުގެ ސަބަބުން ކޮމަންވެލްތާ އެކު އޮތް ގުޅުމަށް ބުރޫއަރައި، ބައެއް ފަހަރު ނުތަނަވަސްކަން އުފެދުނެވެ. މިއިން ދައްކުވައިދެނީ، ބައިނަލްއަޤުވާމީ އެއްބަސްވުންތަކާ އެއްގޮތަށް ޢަމަލުކުރުމުގައި، ދާޚިލީ މައްސަލަތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެ ގުޅުންތައް ފުރިހަމައަށް ދެމެހެއްޓުމުގައި ހުރި ދަތިތަކެވެ.
ދެކުނު އޭޝިއާއަކީ ސަރަޙައްދީ ގިނަ ގޮންޖެހުންތަކެއް ހުރި ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަރަހައްދެކެވެ. ޖިއޯޕޮލިޓިކަލް މައްސަލަތަކާއި ބޯޑަރުގެ މައްސަލަތައް ގިނަ އަހަރުތަކެއް ވަންދެން ޙައްލުނުވެ އެބަހުއްޓެވެ. މިފަދަ ސަރަޙައްދެއްގައި ސާކް ފަދަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއް ފުރިހަމައަށް ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ހުރެއެވެ. އަދި ރާއްޖެ ފަދަ ކުޑަ ޤައުމަކަށް މިއީ އަދިވެސް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ތަޙުލީލުން ހާމަވިގޮތުގައި، ސަރަޙައްދީ އެއްބާރުލުން ޤާއިމުކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް، އިންޑިއާއާއި ޕާކިސްތާނުގެ ދެކޮޅުވެރިކަމުގެ ސަބަބުން މި މަސައްކަތްތަކަށް އެދެވޭ ކާމިޔާބީއެއް ނުލިބެއެވެ. މީގެ އިތުރުން، ސާކްގައި ރާއްޖެއިން ބައިވެރިވުމުން އެނގެނީ، ޖިއޯޕޮލިޓިކަލް ގޮތުން ނާޒުކު މާޙައުލެއްގައި ސަރަޙައްދީ އެއްބާރުލުން ބޭއްވުމުގެ ހުރި ދަތިކަމެވެ. ތަޙުލީލުން ހާމަވިގޮތުގައި، ރާއްޖެއިން ސަރަޙައްދީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރި ނަމަވެސް، ސާކްގެ ނާކާމިޔާބީއާއި އިންޑިއާ-ޕާކިސްތާނުގެ ވާދަވެރިކަމުގެ ސަބަބުން އޭގެ ކުރިއެރުމަށް ހުރަސްއެޅެއެވެ. ރާޖަރަތުނަމް އަދި ފިލިޕް (2021) ފާހަގަކުރައްވާ ގޮތުގައި، ސަރަޙައްދުގެ ކުދި ޤައުމުތަކުން ބޮޑެތި ބާރުތަކުގެ ސިޔާސީ ކުޅިގަނޑުގެ ތެރެއަށް ނުވެއްޓި، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ދަމަހައްޓަންޖެހެއެވެ.
މޫސުމީ ޚާރިޖީ ސިޔާސަތުގެ ތެރެއިން ލިބޭ ފުރުޞަތުތައް
މޫސުމީ ޚާރިޖީ ސިޔާސަތުގައި ރާއްޖެއިން ހޯދާފައިވާ އެންމެ މުހިންމު އެއް ކާމިޔާބީއަކީ، ޤައުމުގެ ނާޒުކުކަން އިސްތިރާޖީ ފުރުޞަތަކަށް ބަދަލުކޮށްލުމުގެ ޤާބިލުކަމެވެ. ދުނިޔޭގެ ތިމާވެށީގެ ހިންގުމުގައި ލީޑަރެއްގެ ގޮތުގައި ރާއްޖެއަށް ވަނީ ޚާރިޖީ ގޮތުން ބޮޑު އިތުބާރެއް ލިބިފައެވެ. މީގެ ނަތީޖާއަކީ، ތިމާވެށީގެ ދާއިރާއިން ކުދި ޤައުމުތަކަށް އެހީތެރިކަމާއި ފަންޑު ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ލިބުމެވެ. ޕެރިސް އެގްރީމެންޓާއި ގްރީން ކްލައިމެޓް ފަންޑު ދެމިއޮތުމުގައި ރާއްޖެއިން ވަނީ ވަރަށް ބޮޑަށް ސާބިތުވެ ހުރެ، ހަރަކާތްތެރި ދައުރެއް އަދާކޮށްފައެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ބައިނަލްއަޤުވާމީ މައްސަލަތަކުގައި ވަކާލާތުކުރުމަށް ރާއްޖެއިން އޭގެ އަޚްލާޤީ ބާރު (Moral Authority) ބޭނުންކުރެއެވެ.
ތޯރހަލްސަން އަދި ބޭލްސް (2017)ގެ “ނީޝް ޑިޕްލޮމެސީ” އޮނިގަނޑު މިތަނަށް ވަރަށް ފެތެއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެއިން ދޭ ސަމާލުކަމުން އެނގެނީ، ކުދި ޤައުމުތަކަށް އެ ޤައުމުތަކުގެ މައްސަލަތަކަށް އަމާޒުހިފައި، އިތުބާރު ހޯދައި، އަދި އެ އިތުބާރު ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ ބައިވެރިވުންތައް އުފައްދައިގެން ތަފާތު ފޯރަމްތަކުގެ އެޖެންޑާއަށް ނުފޫޒު ފޯރުވޭނެ ގޮތެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (SDGs)، ޚާއްޞަކޮށް ލަނޑުދަނޑި 13 (މޫސުމީ ފިޔަވަޅުތައް) ބައްޓަންކުރުމުގައި ރާއްޖެއިން ކުރި މަސައްކަތްތަކުން ދައްކުވައިދެނީ، ޤައުމުގެ ސައިޒު ކުޑަވިޔަސް ދުނިޔޭގެ ހިންގުމަށް މާނަހުރި ޚިދުމަތްތަކެއް ކުރުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިގެންވާ ކަމެވެ.
އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން
ތަޙުލީލުން ފާހަގަވީ ގޮތުގައި، ރާއްޖޭގެ ނުފޫޒު ގަދަކުރުމަށް ޓަކައި ރާއްޖެއިން ބަރޯސާވެފައިވަނީ އޭއޯއެސްއައިއެސް އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ އިއްތިޙާދުތަކަށެވެ. މެތޮޑޮލޮޖީގައި ފާހަގަކޮށްފައިވާ ގޮތަށް، މޫސުމީ ވިލުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ގުޅިފައިވާ ލަނޑުދަނޑިތަކަށް ވަކާލާތުކުރުމަށް ރާއްޖެއިން މި އިއްތިޙާދުތަކުގެ ބޭނުން ހިފައެވެ. މި އުޞޫލަކީ ބައިނަލްއަޤުވާމީ މަޝްވަރާތަކުގައި ކުދި ޤައުމުތަކުގެ ބާރު އިއްތިޙާދުތަކުގެ ސަބަބުން ބޮޑުވާކަމަށް ޕާންކޭ އަދި ގުރޯލް (2020) ހޯދާފައިވާ ހޯދުންތަކާ ދިމާވާ ކަމެކެވެ.
ތަޙުލީލުން ފާހަގަވި އަނެއް މުހިންމު ކަމަކީ، ބައިނަލްއަޤުވާމީ ޚާރިޖީ ދާއިރާގައި ރާއްޖޭގެ ކާމިޔާބީ ބިނާވެފައިވަނީ އިއްތިޙާދުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް ކަމެވެ. މިސާލަކަށް، މޫސުމީ ފިޔަވަޅުތަކަށް އޭއޯއެސްއައިއެސްގެ ގުޅިފައިވާ ވަކާލާތަކީ މުހިންމު ކަމެއް ނަމަވެސް، ކުދި ޖަޒީރާ ޤައުމުތަކުގެ (SIDS) މެދުގައި އުފެދޭ ދާޚިލީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އޭގެ ނުފޫޒު ހަނިވެދާނެއެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ނުފޫޒު ދެމެހެއްޓުމަށް ޓަކައި، އިއްތިޙާދުތަކުގެ މެދުގައި އެއްބައިވަންތަކަން ހިފެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރަންޖެހެއެވެ.
މުސްތަޤުބަލާ ކުރިމަތިލުން (Navigating the Future)
މުސްތަޤުބަލާ ކުރިމަތިލާއިރު، ރާއްޖެއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެއެވެ. އަދި ބައިނަލްއަޤުވާމީ ޚާރިޖީ ދާއިރާގައި ތިމާވެށްޓާ ގުޅުން ހުރި ކަންކަމުގައި ނަގާކިޔާ ގައުމެއްގެ ގޮތުގައި ދެމިއޮވެ، ބަވަނަވެފައިވާ ދުނިޔެއެއްގައި، މި ގޮންޖެހުންތަކުން އަރައިގަނެވޭނީ ބައިނަލްއަޤުވާމީ ޚާރިޖީ އުޞޫލުތައް ވަރަށް ފައިދާހުރި ގޮތެއްގައި ބޭނުންކޮށްގެންނެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި، ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި އިތުބާރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ދާޚިލީ ވެރިކަން ހަރުދަނާކުރުމާއި ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމެވެ. އަދި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ބައްޓަންކުރަންޖެހޭނީ، ޚާރިޖީ އިސްކަންދޭ ކަންކަން ކަނޑައަޅައި، ރާއްޖެއާ ގުޅުންހުރި މައްސަލަތައް އިތުބާރާއި ޔަޤީންކަމާއެކު ޙައްލުކުރެވޭނެ ގޮތަށެވެ. މިގޮތުން، ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާ މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މައްސަލަތަކުގައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ މައްޗަށް ރާއްޖޭގެ ނުފޫޒު އިތުރުކުރެވޭނެއެވެ.
ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގައި ރާއްޖެއިން ހަރަކާތްތެރިކަމާ އެކު ބައިވެރިވުމުން އެނގެނީ، އިސްތިރާޖީ ވަކާލާތާއި، އިއްތިޙާދުތައް ބިނާކުރުމާއި، އަދި އަޚްލާޤީ ލީޑަރޝިޕްގެ އެހީގައި ދުނިޔޭގެ ސިޔާސަތުތައް ބައްޓަންކުރުމުގެ ޤާބިލުކަން ކުދި ޤައުމުތަކަށް ލިބިގެންވާ ކަމެވެ. ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މޫސުމީ ޚާރިޖީ ސިޔާސަތުގައި ރާއްޖޭގެ ކާމިޔާބީތައް ދަނީ އިތުރުވަމުންނެވެ. މިއީ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި ރާއްޖެއާ މެދު އޮތް އިތުބާރާއި ޔަޤީންކަމުގެ ސަބަބުންނެވެ. މީގެ ނަތީޖާއަކީ، މުހިންމު ސަރަޙައްދީ އަދި ދުނިޔޭގެ މައްސަލަތަކުގައި ރާއްޖެއިން އިސްނަގައިގެން ދައުރު އަދާކުރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ނުފޫޒުގަދަ ފަރާތެއްގެ ގޮތުގައި ރާއްޖޭގެ ދައުރު ބޮޑުވަމުންދިއުމެވެ.
ނިންމުން (Conclusion)
ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގައި ދިވެހިރާއްޖެއިން ހަރަކާތްތެރިކަމާ އެކު ބައިވެރިވުމުން ދައްކުވައިދެނީ، ކުދި ޤައުމުތަކުގެ އަޑުއުފުލުމަށާއި ބޮޑެތި މައްސަލަތަކުގައި ދުނިޔޭގެ ފިޔަވަޅުތަކަށް ވަކާލާތުކުރުމަށް ޓަކައި، ބައިނަލްއަޤުވާމީ ގުޅުންތައް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވިދާނެ ގޮތެވެ. އދ.، އޭއޯއެސްއައިއެސް (AOSIS)، ކޮމަންވެލްތު، އަދި ސާކް (SAARC) ފަދަ މަންސަތަކަށް އަމާޒުކޮށްގެން، ކުދި ޖަޒީރާ ޤައުމުތަކަށް (SIDS) ޚާއްޞަވެގެންވާ ގޮންޖެހުންތަކަށް ރާއްޖެއިން ވަނީ ޙައްލު ހޯދައިދީ، ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްފައެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ބާރަކީ، މޫސުމީ ނުރައްކާ އޮތް ކުޑަ ޤައުމެއްގެ ހައިސިއްޔަތުން އޭގެ ނާޒުކުކަން ބޭނުންކޮށްގެން ރާއްޖެއަށް އޮންނަ ސަމާލުކަން އިތުރުކުރުމެވެ. އދ. އާއި އޭއޯއެސްއައިއެސްގެ ތެރޭގައި މޫސުމީ ފިޔަވަޅުތަކަށް ރާއްޖެއިން ކުރި އިސް ވަކާލާތަކީ، ޕެރިސް އެގްރީމެންޓާއި ލޮސް އެންޑް ޑެމޭޖް ފަންޑު ޤާއިމުކުރުން ފަދަ ބައިނަލްއަޤުވާމީ ސިޔާސަތުތައް ކުރިއެރުވުމަށް އެހީތެރިވެދިން ކަމެކެވެ. މި ދާއިރާތަކުގައި ރާއްޖޭގެ ލީޑަރޝިޕުން ހާމަކޮށްދެނީ، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމުގެ “ޗެމްޕިއަނެއްގެ” ގޮތުގައި ރާއްޖެ އަދާކުރާ ދައުރެވެ. މީގެ ފައިދާ ހަމައެކަނި ރާއްޖެއަށް ނޫނަސް، އެހެނިހެން ނާޒުކު ޤައުމުތަކަށްވެސް ކުރެއެވެ.
ދުނިޔޭގެ ޖިއޯޕޮލިޓިކަލް ނުފޫޒުތަކުގެ ސަބަބުން ރާއްޖޭގެ ބައިނަލްއަޤުވާމީ ގުޅުންތަކަށް ގިނަގޮންޖެހުންތަކާ ކުރިމަތިވެއެވެ. މީގެ ތެރޭގައި މާލީ އަދި އިންސާނީ ވަޞީލަތްތައް މަދުވުމާއި، ބައެއް ފަހަރު އުފެދޭ ދާޚިލީ ސިޔާސީ ނުތަނަވަސްކަމާއި، މީގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އަންނަ ބަދަލުތަކާއި، އަދި ސާކް ފަދަ ސަރަޙައްދީ ޖަމްޢިއްޔާތަކުގެ ތެރޭގައި ހުންނަ ޖިއޯޕޮލިޓިކަލް މައްސަލަތައް ހިމެނެއެވެ. މި ގޮންޖެހުންތަކުން ދައްކުވައިދެނީ، ދާޚިލީ ވެރިކަމުގެ މައްސަލަތަކަށް ޙައްލު ހޯދުމާއި ބައިނަލްއަޤުވާމީ މުޖުތަމައުގެ ޒިންމާތައް އަދާކުރުމާ ދެމެދު ކުދި ޤައުމުތަކުން ހިފަހައްޓަންޖެހޭ ނާޒުކު ހަމަހަމަކަމެވެ.
މުސްތަޤުބަލަށް ބަލާއިރު، ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ރާއްޖޭގެ ނުފޫޒު ދެމެހެއްޓުމަށް ޓަކައި ޚާރިޖީ އެޖެންޑާ އިތުރަށް ވަރުގަދަކުރަންޖެހެއެވެ. ޚާއްޞަކޮށް، ބައިނަލްއަޤުވާމީ ގުޅުންތަކާ ބެހޭ މުއައްސަސާތައް އިތުރަށް ހަރުދަނާކޮށް، ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤުވާމީ ތަފާތު ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާ އޮންނަ ގުޅުންތައް ގުޅިގެން މަސައްކަތްކުރެވޭ ފެންވަރަށް މަތިކުރަންޖެހެއެވެ. އިއްތިޙާދުތަކުގެ އެތެރޭގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. މި އުޞޫލުގެ ސަބަބުން، ދުނިޔޭގެ ހިންގުމުގައި އިސްނަގާ އަދި ނުފޫޒުގަދަ ފަރާތެއްގެ ގޮތުގައި ރާއްޖޭގެ ދައުރު ފުޅާކުރެވޭނެއެވެ. ރާއްޖެއިން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަކީ، އިސްތިރާޖީ ވަކާލާތާއި، އިއްތިޙާދުތައް ބިނާކުރުމާއި، އަދި އީޖާދީ ޚާރިޖީ ސިޔާސަތުގެ އެހީގައި ބައިނަލްއަޤުވާމީ ސިޔާސަތުތައް ބައްޓަންކުރުމުގެ ފުރުޞަތު މަދު، މިފަދަ ހާލަތްތަކުގައި ތިބި އެހެން ޤައުމުތަކަށް ލިބިގެންދާ އަގުހުރި ފިލާވަޅުތަކެކެވެ.