263Views
ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމަށްޓަކައި “ލީގް އޮފް ނޭޝަންސް” އުފެދުނު ނަމަވެސް، ދިގު މުއްދަތެއްގައި އެ ޖަމްޢިއްޔާ ވެގެންދިޔައީ ނާކާމިޔާބު އެއްޗަކަށެވެ. އެކި ސަބަބުތަކާހުރެ ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި ޤައުމުތައް ނާކާމިޔާބުވުމުގެ ހިތި ނަތީޖާއަކީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމެވެ. އެހެންކަމުން، ދުނިޔޭގެ ޞުލްޙައަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ އދ. (ޔުނައިޓެޑް ނޭޝަންސް) އުފެއްދުމެވެ. 1945 ވަނަ އަހަރު އުފެދުނު މި ޖަމްޢިއްޔާގެ މައިގަނޑު ދައުރަކީ، އދ. ގެ މުޢާހަދާގައިވާ ގޮތުގެ މަތިން ދުނިޔޭގައި ޞުލްޙަ ދެމެހެއްޓުމެވެ. އދ. ގެ ސަލާމަތީ މަޖިލީހަކީ ޤައުމުތަކުގެ މެދުގައި އުފެދޭ ބޮޑެތި ދެބަސްވުންތައް ޙައްލުކުރުމަށާއި، ޤާނޫނާއި ނިޒާމު ހިފެހެއްޓުމަށާއި، ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގެ ޙަރަކާތްތައް ހިންގުމަށާއި، ދުނިޔެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސްއޫލުވެރިވާ އދ. ގެ މައިގަނޑު ގޮފިވެސްމެއެވެ.
ސަލާމަތީ މަޖިލީހުގެ މަސައްކަތްތަކުން އެންމެ ޚާއްޞަކޮށް ފާހަގަކޮށްލެވެނީ “ވީޓޯ” ކުރުމުގެ ބާރެވެ. ސަލާމަތީ މަޖިލީހުގައި ދާއިމީ ފަސް މެންބަރުން ތިބޭއިރު، އެ މަޖިލީހުގެ ކޮންމެ ނިންމުމެއް ބާޠިލުކުރުމުގެ (ވީޓޯ ކުރުމުގެ) ބާރު އެ ޤައުމުތަކަށް ލިބިގެންވެއެވެ. އެ ދާއިމީ މެންބަރުންނަކީ (P5) އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތެވެ. މި ޤައުމުތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގެ އިއްތިހާދީ ބާރުތައް ކަމަށްވުމުން، އެ ދުވަސްވަރު އެ ޤައުމުތަކުގެ މެދުގައި އޮތީ ވަރަށް ބޮޑު އެއްބާރުލުމެކެވެ. އެ ޒަމާނުގައި، މި ޤައުމުތަކުން އަމިއްލަ މަންފާއަށްޓަކައި ވީޓޯގެ ބާރު ބޭނުންކޮށްފާނެތޯ އެއްވެސް ޤައުމަކުން ސުވާލެއް ނުއުފައްދައެވެ. ނަމަވެސް، މިއަދާހަމައަށް ވެސް ދާއިމީ ފަސް މެންބަރުން، ވީޓޯގެ ބާރު، ބައިނަލްއަޤްވާމީ ސިޔާސީ މަޝްރަޙަށް ނުފޫޒު ފޯރުވުމަށާއި އަމިއްލަ ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އައީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ބޭނުންކުރަމުންނެވެ. އދ އުފެއްދުމުގައި މި ގެނެސްފައިވާ ވީޓޯގެ ނިޒާމުގެ ސަބަބުން ދުނިޔޭގެ ބައެއް ބޮޑެތި މައްސަލަތަކުގައި ވަކި ގޮތެއް ނިންމުމަށް ސަލާމަތީ މަޖިލީހަށް ހުރަސްއެޅި، މަޖިލިސް ވާގިނެތޭގޮތް އަންނަނީ ދިމާވަމުންނެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ މެދުގައިވާ ބައިބައިވުން އެންމެ ބޮޑަށް ފެންނަނީ އިސްރާއީލް-ފަލަސްޠީން މައްސަލައިގައެވެ. ވިހިވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން، ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުމާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް ހުށަހެޅޭ ޤަރާރުތައް އެމެރިކާއިން ދަނީ މެދުކެނޑުމެއްނެތް ގޮތެއްގައި ވީޓޯ ކުރަމުންނެވެ. ލުބުނާނާއި ސޫރިޔާއަށް އިސްރާއީލުން ދޭ ޢުދުވާނީ ޙަމަލާތައް ކުށްވެރިކުރުމަށް ވެސް އެމެރިކާ ބޭނުމެއް ނުވެއެވެ. ބައިނަލްއަޤްވާމީ މިފަދަ ކުރިމަތިލުންތަކުގައި އެމެރިކާއިން އަބަދުވެސް އިސްކަންދެނީ އަމިއްލަ ޤައުމީ މަޞްލަޙަތަށެވެ. އެއީ އެ ޤައުމުގެ ބާރުވެރިކަން ދެމެހެއްޓުމަށާއި އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށެވެ. އެމެރިކާގެ މައިގަނޑު ސިޔާސަތަކީ އަމިއްލަ ބާރުވެރިކަން ދެމެހެއްޓުމެވެ. އެމެރިކާއިން ސަރަޙައްދީ ޞުލްޙައަށްވުރެ ބޮޑަށް އިސްކަންދެނީ މެދުއިރުމައްޗާއި އުތުރު އެފްރިކާ (MENA) ސަރަޙައްދުގައި އެ ޤައުމުގެ ނުފޫޒު ދެމެހެއްޓުމަށެވެ. ފާއިތުވެ ދިޔަ އަހަރާއި މި އަހަރު އެކަނި ވެސް، ޣައްޒާގައި އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތައް ކުށްވެރިކޮށް ސަލާމަތީ މަޖިލީހަށް ހުށަހެޅުނު ހުރިހާ ޤަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ ޞުލްޙަ ބެލެހެއްޓުމުގެ މެންޑޭޓަށް ބުރޫއަރައި، ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމަށް އދ.އަށް އޮތް ޤާބިލުކަމާމެދު ސުވާލު އުފެދެއެވެ.
އެމެރިކާގެ އިތުރުން، ދާއިމީ އެހެން މެންބަރުން ވެސް ދަނީ އެ ޤައުމުތަކުގެ މަޞްލަޙަތާ ދެކޮޅަށް ހުށަހެޅޭ ޤަރާރުތައް ފާސްވުމަށް ހުރަސްއެޅުމަށް ޓަކައި ވީޓޯގެ ބޭނުންކުރަމުންނެވެ. އެހެންކަމުން، މިއިން އެނގެނީ ދުނިޔޭގެ ޞުލްޙައަށް ހުރަސްއެޅެނީ އދ. ގެ އެންމެ ބާރުގަދަ މެންބަރުންގެ ސިޔާސީ މަޞްލަޙަތުތަކުގެ ސަބަބުން ކަމެވެ. ބާރުގަދަ ޤައުމުތަކުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. ނަތީޖާއަކީ ދުނިޔޭގެ ބޮޑެތި ހަމަނުޖެހުންތައް ޙައްލެއްނުވެ ދެމިއޮތުމެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފަލަސްޠީން-އިސްރާއީލް މައްސަލައެވެ. މީގެ އިތުރުން، ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ވެސް މިހާރު ދަނީ ނުރައްކާތެރި ދަރަޖައަކަށް ބަދަލުވަމުންނެވެ. މިފަދަ ކޮންމެ މައްސަލައެއްގެ ފަހަތުގައި ދާއިމީ މެންބަރު ގައުމެއްގެ މަޞްލަޙަތު ހިމެނެއެވެ. އެހެންކަމުން، ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމަށް ސަލާމަތީ މަޖިލީހަށް އޮތް ޝަރުޢީ ހައިޞިއްޔަތާމެދު (Legitimacy) ސުވާލު އުފެދެއެވެ.
މި މަޒުމޫނުގައި، ދާއިމީ ފަސް މެންބަރުންގެ މެދުގައިވާ ބައިބައިވުމުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ ޞުލްޙަޔާއި ސަލާމަތް ދެމެހެއްޓުމުގެ ޤާބިލުކަމަށް ކުރާ ފުން އަސަރުތައް ދިރާސާކޮށްފައި ވާނެއެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން މިއަދުގެ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާ ހަމައަށް މި ބައިބައިވުންތައް އުފެދުނު ތާރީޚީ އަޞްލުތައް ހޯދައި ބަލައިލެވިފައިވާނެއެވެ. އަދި އިސްރާއީލް-ފަލަސްޠީން މައްސަލަ، ސޫރިޔާގެ ދާޚިލީ ހަނގުރާމަ އަދި ޔޫކްރެއިންގެ ކްރައިސިސް ފަދަ ކޭސް ސްޓަޑީތަކުގެ އަލީގައި މީގެ ނަތީޖާތައް ވަޒަންކުރެވިފައިވާނެއެވެ. މީގެ އިތުރުން، މި ފަސް ޤައުމުގެ މެދުގައި ހުރި ތަފާތުތަކާއި، އޭގެ ސަބަބުން ސަލާމަތީ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށާއި، މަޖިލީހުގެ ހަރުދަނާކަމާއި ޝަރުޢީ ހައިޞިއްޔަތާ ގުޅުންހުރި ކަންކަމަށް ދިރާސީ ނަޒަރަކުން ފުންކޮށް ބަލާލެވިފައި ވެސް ވާނެއެވެ. މީގެ އިތުރުން ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ބޮޑުކުރުމަށް ކުރެވިދާނެ ކަންކަމަށް ވެސް ނަޒަރުހިންގާލީމެވެ. އިންސާނީ ކަރާމާތާއި ކަންބޮޑުވުންތަކާ ގުޅޭ މައްސަލަތަކުގައި ވީޓޯގެ ބާރު ވަކި މިންވަރަކަށް ހަނިކުރުން ފަދަ މަޖިލީހުގެ ނިންމުންތައް ހަރުދަނާކުރުމާ ގުޅޭ ކަންކަން ދެނެގަތުމަށް މި މަޒުމޫނުގައި މަސައްކަތް ކުރެވިފައިވާނެމެއެވެ.
މިއަދާ ހަމައަށް އައި އިރު ފާހަގަކުރެވޭ އެއްކަމަކީ، އަދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ މެދުގައިވާ ބައިބައިވުމުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ ޞުލްޙަ ބެލެހެއްޓުމުގެ މެންޑޭޓް ފުރިހަމަކުރުމަށް ވަރަށް ބޮޑަށް ހުރަސްއެޅި، އޭގެ ޝަރުޢީ ހައިޞިއްޔަތު ގެއްލި، މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ޓަކައި އިޞްލާޙީ ބަދަލުތަކެއް ގެންނަން މަޖުބޫރުވާ ކަމެވެ. މިފަދަ ބަދަލުތަކެއް ނުގެނެސްފިނަމަ، ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގެ ނިޒާމުގައި ސަލާމަތީ މަޖިލީހުގެ މުހިންމުކަން ކެނޑިގެންދިއުމުގެ ބިރު އެބައޮތެވެ.
އދ. ގެ ސަލާމަތީ މަޖިލީހަކީ ބައިނަލްއަޤްވާމީ ޞުލްޙަޔާއި ސަލާމަތް ދެމެހެއްޓުމުގެ މައިގަނޑު ގޮތްޕެވެ. އެހެންކަމުން، ސަލާމަތީ މަޖިލީހުގެ ޤާނޫނީ ބާރުތަކާއި އެ ބާރުތައް ބޭނުންކުރާ ގޮތް ވަނީ އިލްމީ ދިރާސާތަކުގެ މަރުކަޒީ ނުކުތާއަކަށް ވެފައެވެ. ޚާއްޞަކޮށް، ދާއިމީ ފަސް މެންބަރުން އެ ޤައުމުތަކުގެ ވީޓޯގެ ބާރު ބޭނުންކުރާ ގޮތާ ބެހޭގޮތުން އެކި ދިރާސާތައް ވަނީ ހަދާފައެވެ. ދިރާސާވެރިން މަޖިލީހުގެ އޮނިގަނޑާ މެދުގައާއި، ވީޓޯގެ ބާރު ބޭނުންކުރަނީ މަޖިލީހުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްތޯ ސުވާލު އުފައްދައި ބަހުސްކުރެއެވެ. އަދި އދ. އުފެދުނުއިރު މި ފަސް ޤައުމުގެ މެދުގައި އޮތް ގުޅުމާއި، މިހާރު އޮތް ގުޅުން ވެސް އަޅާކިޔާފައިވެއެވެ. މި ލިޔުމުގައި ސަލާމަތީ މަޖިލީހުގެ ހިންގުމުގެ ނަޒަރިއްޔާތާއި، ދާއިމީ މެންބަރުންގެ ގުޅުން ބަދަލުވަމުންދިޔަ ގޮތުގެ ތާރީޚާއި، އަދި ބައިބައިވުމުގެ ނަތީޖާ ހާމަކޮށްދޭ ވަކިވަކި ކޭސްތައް ދިރާސާކޮށްފައިވާނެއެވެ.
ސަލާމަތީ މަޖިލީހުގެ އޮނިގަނޑުން ދައްކުވައިދެނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އޮތް ބާރުގެ މިނެވެ. ދާއިމީ ފަސް މެންބަރުންނަށް ވީޓޯގެ ބާރު ދިނީ ބައިނަލްއަޤްވާމީ ވެރިކަމުގައި އެ ޤައުމުތަކުގެ ބައިވެރިވުން ދެމެހެއްޓުމަށްޓަކައެވެ. މި ބާރު ދިނުމުގެ މަޤްޞަދަކީ އެއްވެސް ޤައުމަކުން އެކަނި ބޭނުންގޮތަކަށް ކަންކަން ނިންމުން ހުއްޓުވުމާއި، ބޮޑެތި ބާރުތަކުގެ އެއްބާރުލުމާ އެކު ޖަމާއީ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ. ނަމަވެސް، ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ދާއިމީ ފަސް މެންބަރުންގެ އަމިއްލަ އެދުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ހަމަނުޖެހުންތައް ޙައްލުކުރުމުގައި އދ. ވަނީ ނާކާމިޔާބުވެފައެވެ. މިއީ އދ. އުފެއްދި މަޤްޞަދު ޙާޞިލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ޙައްލުނުވެ ހުރި މައްސަލަތަކުގެ ތެރޭގައި ސޫރިޔާއާއި ލީބިޔާގެ ދާޚިލީ ހަނގުރާމައާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، ފަލަސްޠީން-އިސްރާއީލް މައްސަލަ ހިމެނެއެވެ. މި ޤައުމުތަކުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާއި ނިރުބަވެރި ޖަމާޢަތްތަކާއި ސަރުކާރުތަކުގެ އަނިޔާވެރިކަން ހުއްޓުވުމުގައި ސަލާމަތީ މަޖިލިސް ވަނީ ވާގިނެތިފައެވެ.
ވީޓޯގެ ބާރު ބޭނުންކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުން، ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއާއި ސޯވިއެޓް ޔޫނިއަނާ ދެމެދު އޮތް ވާދަވެރިކަން ވަރަށް ސާފުކޮށް ފެނެއެވެ. މި ވީޓޯތަކުން ދައްކުވައިދެނީ ދެ ޤައުމުގެ ފިކުރީ ތަފާތުތަކެވެ. މިފަދަ ޙާލަތްތަކުގައި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ސަލާމަތީ މަޖިލީހަށް އެދެވޭ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. މީގެ އެއް މިސާލަކީ ކޮރެއާ ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަނުން ސަލާމަތީ މަޖިލިސް ބޯއިކޮޓް ކުރުމެވެ. އެއާއެކު، އެމެރިކާގެ ލީޑަޝިޕްގެ ދަށުން އެ ހަނގުރާމައަށް ތަދައްޚުލުވުމަށް ހުށަހެޅުނު ޤަރާރު ވީޓޯއަކާ ނުލައި ފާސްވިއެވެ. މިއަދު އެމެރިކާއާއި ޗައިނާއާ ދެމެދު އައު ވާދަވެރިކަމެއް އުފެދިފައިވާ އިރު، ޔޫކްރެއިންއާއި އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި ރަޝިޔާގެ ނުފޫޒު އަލުން ވަނީ ގަދަވެފައެވެ. މި ޒަމާނުގައި ފެންނަން އޮތް ޙަޤީޤަތަކީ، މިއަދުގެ ޖިއޯޕޮލިޓިކްސްގެ ސަބަބުން ދާއިމީ މެންބަރުންގެ މެދުގައި އުފެދިފައިވާ ބައިބައިވުމުގެ ސަބަބުން ސަލާމަތީ މަޖިލީހަށް އޭގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމެވެ. 1980 ގެ އަހަރުތަކުން ފެށިގެން އެމެރިކާއިން އިސްރާއީލް ކުށްވެރިކުރާ ޤަރާރުތައް ތަކުރާރުކޮށް ވީޓޯކޮށް، ދުނިޔޭގެ ޞުލްޙައަށްވުރެ އަމިއްލަ މަޞްލަޙަތު އިސްކޮށްފައިވާކަން ވަރަށް ރަނގަޅަށް ފާހަގަކުރެވެއެވެ. މިއަދާ ހަމައަށް ވެސް އެމެރިކާއިން ދަނީ އިސްރާއީލާ ދެކޮޅު ޤަރާރުތައް ވީޓޯ ކުރަމުންނެވެ. އެހެންކަމުން، މިއިން ދައްކައިދެނީ އެމެރިކާގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތެވެ.
އދ. ބައިބައިވި އަނެއް ދާއިރާއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައެވެ. ސޫރިޔާ ވެފައިވަނީ ގިނަ ޓެރަރިސްޓް ޖަމާޢަތްތަކެއްގެ ހަނގުރާމައިގެ މައިދާނަކަށެވެ. މީގެ ތެރޭގައި ބައެއް ދާއިމީ މެންބަރުން ތާއީދުކުރާ ޖަމާޢަތްތައް ވެސް ހިމެނެއެވެ. ހަމައެފަދައިން، އަސަދުގެ ރެޖީމް ދެމެހެއްޓުމަށް ބޭނުންވި ޤައުމުތައް ވެސް ދާއިމީ މެންބަރުންގެ ތެރޭގައި ތިއްބެވެ. 2011 ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޗައިނާއިން ދިޔައީ ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި އަސަދުގެ ރެޖީމުން ހިންގި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުށަހެޅި ޤަރާރުތައް ވީޓޯ ކުރަމުންނެވެ. ހަމައެގޮތަށް، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ހުށަހެޅުނު ހުރިހާ ޤަރާރެއް ރަޝިޔާއާއި ޗައިނާއިން ވަނީ ވީޓޯކޮށްފައެވެ. ރަޝިޔާއިން ވެސް އިސްކަންދެނީ ސަރަޙައްދީ ހަމަޖެހުމާއި ހުޅަނގުގެ މަޞްލަޙަތުތަކަށްވުރެ، އަމިއްލަ އިސްތިރާޖީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށެވެ. މިއީވެސް ސަލާމަތީ މަޖިލީހުގެ ބައިބައިވުން ހާމަކޮށްދޭ ކަމެކެވެ.
އިސްރާއީލް-ފަލަސްޠީން ހަމަނުޖެހުމުން އެނގެނީ އެމެރިކާގެ ވީޓޯތަކުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ އަގުވެއްޓިފައިވާ މިންވަރެވެ. މީގެ އެއް މިސާލަކީ، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މި ފާއިތުވި 3 އަހަރު ވެސް އެމެރިކާއިން އިސްރާއީލަށް ތާއީދުކޮށް ސަލާމަތީ މަޖިލީހުގެ އެތައް ޤަރާރެއް ވީޓޯކޮށްފައިވުމެވެ. މީގެ ތެރޭގައި ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ފުޅާކުރުމާ ދެކޮޅު ޤަރާރުތަކާއި، ޣައްޒާގެ ލޭއޮހޮރުވުންތަކާ ދެކޮޅު ޤަރާރުތަކާއި، އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިންތަކުގައި ވަޒަންވެރިވެފައިވާ ޔަހޫދީން ހިންގާ އަނިޔާވެރިކަމާ ދެކޮޅު ޤަރާރުތައް ހިމެނެއެވެ. މިފަދަ ޙާދިސާތަކުން އެނގެނީ ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމުގައި ސަލާމަތީ މަޖިލިސް ނާކާމިޔާބުވެފައިވާ މިންވަރެވެ.
އިސްވެ ބަޔާންކުރެވުނު ސަބަބުތަކާހުރެއާއި، އެފްރިކާ އަދި ދެކުނު އެމެރިކާގެ އެއްވެސް ޤައުމަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކަށް ނުވާތީ، މަޖިލިސް އިޞްލާޙުކުރުމަށް ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ. އާބާދީ ބޮޑު އަދި އިޤްތިޞާދު ވަރުގަދަ ޤައުމުތައް ކަމަށްވާ އިންޑިއާއާއި ބްރެޒިލްއިން ދަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއަކަށް ވަކާލާތު ކުރަމުންނެވެ. ސަލާމަތީ މަޖިލީހުގެ އިޞްލާޙާ ބެހޭ ޢިލްމީ ބަހުސްތަކުގައި ބާރުގެ ހަމަހަމަކަން ނެތް މައްސަލައާއި ވީޓޯގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މި ގައުމުތަކުން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް މިކަންކަން އިސްލާހުކުރާނެ ނިޒާމެއް ވެސް އެންމެ ކުޑަމިނުން އެކުލަވައިލެވޭނީ މި ފަސްގައުމުގެ ރުހުން ލިބިގެންނެވެ. އެކަން އެގޮތަށް ވެދާނެބާއެވެ؟ ދާއިމީ ފަސް މެންބަރުންގެ މެދުގައިވާ ވާދަވެރިކަމުގެ ސަބަބުން، ކޮންމެ ޤައުމެއްގެ ވެސް އިސްކަމަކީ އަމިއްލަ އިސްތިރާޖީ މަޞްލަޙަތުތައް ޙިމާޔަތްކުރުމެވެ.
ބޮޑެތި ލޭއޮހޮރުވުންތައް ހިންގާ ޙާލަތްތަކުގައި ވީޓޯ ބޭނުންކުރުން ހަނިކުރުމަކީ މި ބައިބައިވުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރެވިދާނެ ކަމެކެވެ. އަނެއް ޙަޤީޤަތަކީ، ދުނިޔެއަކީ ނިއުކްލިއަރ ބޮމުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް ދާއިމީ މެންބަރުން ކުރި މަސައްކަތް ވެސް ނާކާމިޔާބުވެފައިވުމެވެ. އުތުރު ކޮރެއާއިން ރަޝިޔާގެ އެހީތެރިކަމާ އެކު ނިއުކްލިއަރ ޓެސްޓްތައް ހަދައި، ސަލާމަތީ މަޖިލީހުގެ ދެކޮޅުހެދުންތަކާއެކު ވެސް ނިއުކްލިއަރ ބާރަކަށް ވަނީ ވެފައެވެ. މި ބަޔާންކުރި ފަދައިން، ކޮންމެ ދާއިމީ މެންބަރަކުވެސް ބަލަނީ އަމިއްލަ މަޞްލަޙަތު ޙިމާޔަތްކޮށް ނުފޫޒު ދެމެހެއްޓުމަށެވެ. ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ނޭޓޯ (NATO) ގެ މެންބަރުން ބަލަނީ ދުނިޔޭގައި އެމީހުންގެ ނުފޫޒު ހިފެހެއްޓުމަށެވެ. ރަޝިޔާއާއި ޗައިނާއިން މަސައްކަތް ކުރަނީ ޔޫރަޕްގެ ޤައުމުތަކާ ދެކޮޅަށެވެ. އެހެންކަމުން، ސަލާމަތީ މަޖިލިސް އިޞްލާޙުކުރުމަށް ދާއިމީ މެންބަރުންގެ ފަރާތުން ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ. އެއީ އެޤައުމުތަކަށް ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތައް ދޫކޮށްލަން ބޭނުންނުވާތީއެވެ. ދުނިޔޭގެ ޞުލްޙައާ ގުޅުންހުރި ގިނަ ދާއިރާތަކުން ސަލާމަތީ މަޖިލިސް ނާކާމިޔާބުވާ މައިގަނޑު ސަބަބަކީ މިއީއެވެ.
ތާރީޚީ ވާދަވެރިކަމާއި މިއަދުގެ ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކަށް ނިސްބަތްވާ މި ބައިބައިވުންތަކުގެ ސަބަބުން، ސަލާމަތީ މަޖިލީހުގެ ހިންގުމަށާއި، ހަރުދަނާކަމަށާއި، ޝަރުޢީ ހައިޞިއްޔަތަށް ވަރަށް ބޮޑަށް ހުރަސްއެޅޭކަން މި ހުރިހާ ދިރާސާތަކުން ހާމަވެއެވެ. އިޞްލާޙީ ހުށަހެޅުންތަކުން މިއަށް ޙައްލެއް ލިބިދާނެހެން ހީވާ މަގުތަކެއް ފެނުނު ނަމަވެސް، ދާއިމީ ފަސް މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް އައުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. މި ބައިބައިވުންތަކާއި ބާރުގަދަ ގައުމުތަކުގެ އަމިއްލައެދުން ވެފައިވަނީ ބައިނަލްއަޤްވާމީ ޞުލްޙަޔާއި ސަލާމަތް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަށެވެ.
ދާއިމީ މެންބަރުންގެ ޢަމަލުތައް ހުންނަ ގޮތް ދެނެގަތުމަށްޓަކައި ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާއި ވީޓޯ ރެކޯޑުތައް ދިރާސާކުރެވިފައިވާނެއެވެ. މިގޮތުން ސަލާމަތީ މަޖިލީހުން އެއްބަސްވުމަކަށް އާދެވުނު މައްސަލަތަކާއި، ބައިބައިވުމުގެ ސަބަބުން އެއްވެސް ފިޔަވަޅެއް ނޭޅި ހުއްޓުނު މައްސަލަތައް އަޅާކިޔުން ހިމެނެއެވެ. ދާއިމީ މެންބަރުންގެ ވީޓޯތަކުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވުމަށް ނުވަތަ ޙައްލުވުމަށް މެދުވެރިވާ ސަބަބުތައް ވެސް ބެލިފައިވެއެވެ. މިގޮތުން ދާއިމީ މެންބަރުންގެ ބައިބައިވުމުގައި ހުރި މައިގަނޑު އަޞްލުތައް ދެނެގަތުން ވެސް މީގެތެރޭގައި ހިމެނެއެވެ. މިސާލަކަށް: އިއްތިޙާދީ ޤައުމުތައް ޙިމާޔަތްކުރުން (އެމެރިކާ- އިޒްރޭލް)، ޖިއޯޕޮލިޓިކަލް ވާދަވެރިކަން (ޔޫކްރެއިންގައި އެމެރިކާ-ރަޝިޔާ)، އަދި މިނިވަންކަމާއި އިސްތިޤްލާލުގެ ކަންބޮޑުވުންތައް (އެފްރިކާ-ރަޝިޔާ-ޗައިނާ) ގެ ގުޅުން ހިމެނެއެވެ.
ސަލާމަތީ މަޖިލީހުގެ ބައިބައިވުން އެންމެ ސާފުކޮށް ފެންނަނީ ދާއިމީ މެންބަރުން ވީޓޯގެ ބާރު ބޭނުންކޮށްފައިވާ ގޮތުންނެވެ. މިކަން ފަސޭހައިން ދެނެގަތުމަށް ޓަކައި ތާވަލުތަކާއި ގްރާފްތަކުގެ އެހީގައި ތަފްޞީލުކޮށް ބަލާލެވިފައިވާ ބައެކެވެ. ދުނިޔޭގެ ބޮޑެތި މައްސަލަތައް ކަމަށްވާ އިސްރާއީލް-ފަލަސްޠީން މައްސަލައާއި، މެދުއިރުމަތީގެ ދާޚިލީ ހަނގުރާމަތަކާއި، ޔޫކްރެއިންގެ ހަމަނުޖެހުމަކީ މި ބައިބައިވުންތައް ދައްކުވައިދޭ ކޭސް ސްޓަޑީތަކެވެ. މި ކޭސް ސްޓަޑީތަކުގެ އަލީގައި ލިބޭ މަޢުލޫމާތުން އެނގެނީ، ޤައުމުތަކުން އަމިއްލަ މަޞްލަޙަތު ޙިމާޔަތްކުރުމަށް ޓަކައި ޤާނޫނުތަކުގެ ބޭނުން ހިފާފައިވާ ގޮތާއި، އޭގެ ސަބަބުން ބައިނަލްއަޤްވާމީ ޞުލްޙަ ބެލެހެއްޓުމަށް އެޅިފައިވާ ހުރަސްތަކެވެ.
ދާއިމީ ފަސް މެންބަރުންނަށް ވީޓޯގެ ބާރު ލިބިދޭ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޮނިގަނޑުން ދައްކައިދެނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބާރުގެ ތިލަފަތް ބުރަވެފައިވާ ގޮތްތަކެވެ. އަޞްލުގައި، މި އޮނިގަނޑުގެ މަޤްޞަދަކީ ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި ބޮޑެތި ބާރުތަކުގެ އެއްބާރުލުން މުހިންމުކަން ކަށަވަރުކުރުމެވެ. ނަމަވެސް، ޖިއޯޕޮލިޓިކަލް މަޝްރަޙު ބަދަލުވަމުންދިޔަ ވަރަކަށް، ވީޓޯތައް ބޭނުންކުރެވެން ފެށުނީ އަމިއްލަ ޤައުމީ މަޞްލަޙަތު ކުރިއެރުވުމަށެވެ. މިއީ ގިނަ ފަހަރަށް ސަލާމަތީ މަޖިލީހުގެ ޞުލްޙަ ބެލެހެއްޓުމުގެ މެންޑޭޓަށް ވެސް ބެލުމެއްނެތި ކޮށްފައިވާ ކަންކަމެވެ.
އދ. އުފެއްދި ޤައުމުތަކަކީ ދެވަނަ ބޮޑު ހަނގުރާމައިން މޮޅުވި ޤައުމުތަކެވެ. އެ ދުވަސްވަރު މި ޤައުމުތަކާ ނުލައި ދުނިޔެ ސުލްޙަ ނުކުރެވޭނެތީ، މި ޤައުމުތަކަށް ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު ދެވުނެވެ. ނަމަވެސް، މަޝްރަޙު ވަރަށް އަވަހަށް ބަދަލުވިއެވެ. ހަގީގީ ހަނގުރާމައެއް ނެތް ނަމަވެސް، ދާއިމީ މެންބަރުންގެ މެދުގައި ފިނި ހަނގުރާމަ އޮތީ ފެށިފައެވެ. އެމެރިކާ އިސްވެ އޮވެ ހުޅަނގުން އުފެއްދި އިއްތިޙާދު މަސައްކަތް ކުރަން ފެށީ ސޯވިއެޓް ޔޫނިއަންގެ (USSR) ވިސްނުމާ ދެކޮޅަށެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު ދުނިޔެ ދެ ބަޔަކަށް ބެހިގެން ދިޔުމާ އެކު، ދާއިމީ މެންބަރުންގެ މެދުގައި ބައިބައިވުން އުފެދުމަކަށް ގިނަ ދުވަހެއް ނުނެގިއެވެ. މިކަން ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުންކޮށްފައިވާ ގޮތުން ވަރަށް ސާފުކޮށް އެނގެއެވެ. ސަލާމަތީ މަޖިލީހުގެ ވީޓޯތަކުގެ ބައިބައިވުމުން އެނގެނީ ދާއިމީ މެންބަރުން ދުނިޔޭގެ ޞުލްޙައަށްވުރެ އަމިއްލަ މަޞްލަޙަތު އިސްކުރި ކަމެވެ. ފިގާ 1 އިން ދައްކައިދެނީ އދ. އުފެދުނީއްސުރެ ދާއިމީ މެންބަރުން ވީޓޯ ބޭނުންކޮށްފައިވާ ގޮތެވެ.

ފިގާ 1 އިން އެނގޭ ގޮތުގައި އދ. އުފެދުނީއްސުރެ އެމެރިކާއިން 66 ފަހަރު ވީޓޯ ބޭނުންކޮށްފައިވެއެވެ. ސޯވިއެޓް ޔޫނިއަނުން 90 ފަހަރު ވީޓޯ ބޭނުންކުރިއެވެ. ސޯވިއެޓް ޔޫނިއަން ރޫޅި، ރަޝިއަން ފެޑެރޭޝަން އުފެދުނު ފަހުން އެޤައުމުން މި ލިޔުން، ލިޔުމާ ހަމައަށް 23 ފަހަރު ވީޓޯ ބޭނުންކޮށްފައިވެއެވެ. އެހެންކަމުން ރަޝިޔާއިން ޖުމްލަ 113 ފަހަރު ވީޓޯ ބޭނުންކުރިއެވެ. އިނގިރޭސިވިލާތް، ޗައިނާ އަދި ފަރަންސޭސިވިލާތުން ވަކިވަކިން ވީޓޯ ބޭނުންކޮށްފައިވަނީ މަދު ފަހަރަކުއެވެ. ނަމަވެސް އެހެން ޤައުމުތަކާ ގުޅިގެން ބޭނުންކުރި ވީޓޯގެ އަދަދު ގިނައެވެ. ޗައިނާއާއި ރަޝިޔާއިން ގުޅިގެން ވީޓޯ ބޭނުންކުރާކަން އެނގެއެވެ. އަދި އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ވެސް ގުޅިގެން ވީޓޯ ބޭނުންކުރެއެވެ. މިއިން އެނގެނީ ހުޅަނގާއި އިރުމަތީގެ ފިނި ހަނގުރާމައިގެ ވާދަވެރިކަމުން ސަލާމަތީ މަޖިލީހުގައި ބައިބައިވުން އުފެދިފައިވާ ގޮތެވެ.

ސަލާމަތީ މަޖިލީހުގެ ވީޓޯ ނިޒާމުގައި އެންމެ ފާހަގަކޮށްލެވޭ އަދި ދެމިގެންގޮސްފައިވާ އެއް އުޞޫލަކީ އެމެރިކާގެ ޢަމަލުތަކެވެ (ފިގާ 2 ގައިވާ ފަދައިން). އެއީ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތުތައް ކުށްވެރިކޮށް ހުށަހެޅޭ ޤަރާރުތަކުން އިސްރާއީލް ސަލާމަތްކުރުމަށް މެދުކެނޑުމެއްނެތް ގޮތެއްގައި ވީޓޯ ބޭނުންކުރުމެވެ. އިސްރާއީލުގެ އާބާދީތައް ފުޅާކުރުމާއި، އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، ޣައްޒާގައި ހިންގާ އަސްކަރީ ޢަމަލުތައް ކުށްވެރިކޮށް ހުށަހެޅުނު 53 ޤަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ. މީގެ ތަފްޞީލު ތާވަލު 1 ގައި އެވަނީއެވެ.
ތާވަލު 1: އެމެރިކާއިން އޭގެ އިއްތިޙާދީން ޙިމާޔަތްކުރުމަށް ވީޓޯ ބޭނުންކޮށްފައިވާ ގޮތް
| އަހަރު | ޙިމާޔަތްކުރި ޤައުމު | ޤަރާރުގެ މައިގަނޑު މައުޟޫޢު | ވީޓޯގެ އަދަދު |
| 1972–2023 | އިސްރާއީލް | އަސްކަރީ ޢަމަލުތަކަށް ފާޑުކިޔުން، އާބާދީ ފުޅާކުރުން، ފަލަސްޠީނުގެ ޙައްޤުތައް | 53 |
| 1986 | ދެކުނު އެފްރިކާ | އަޕާތައިޑް (ނަސްލީ ތަފާތުކުރުން) ސިޔާސަތުތައް ކުށްވެރިކުރުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން | 3 |
| 1980–1984 | އެލް ސަލްވަޑޯރ / ނިކަރާގުއާ | މެދުތެރޭ އެމެރިކާގައި އެމެރިކާގެ ތަދައްޚުލުވުންތަކަށް ނުވަތަ ޕްރޮކްސީ ހަނގުރާމަތަކަށް ފާޑުކިޔުން | 4 |
| 2002 | އެމެރިކާގެ ސިފައިން، އެ ޤައުމުން ބޭރުގައި | ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން (ICC) އެމެރިކާގެ ސިފައިންނަށް ދަޢުވާނުކުރެވޭ ގޮތަށް އިސްތިސްނާ ހޯދުން | 2 |
| 1990–2003 | ޢިރާޤު / ކުވައިތު | އެމެރިކާ އިސްވެ އޮންނަ އިއްތިޙާދުތަކަށް ނުވަތަ އަސްކަރީ ޢަމަލުތަކަށް ފާޑުކިޔާ ޤަރާރުތައް | 2 |
| 1970 ގެ އަހަރުތައް | ރޮޑޭޝިއާ (ޒިމްބާބުވޭ) | UDI (އެއްފަރާތުން މިނިވަންކަން އިޢުލާންކުރުން) އާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް | 1 |
| 1973 | ޗިލީ | ޕިނޮޗޭގެ ބަޣާވާތުގައި އެމެރިކާގެ ބައިވެރިވުން ހުރިތޯ ބެލުމުގެ ތަޙުޤީޤު | 1 |
މަޞްދަރު: World Politics Data Lab
އެމެރިކާއިން އިސްރާއީލާއެކު އޮންނަ އިސްތިރާޖީ އިއްތިޙާދަށް އަބަދުވެސް އިސްކަންދެއެވެ. އަދި މި ގުޅުން ބަލިކަށިވެދާނެ ފަދަ ޤަރާރުތައް ހުރަސްއެޅުމަށް ވީޓޯ ބޭނުންކުރެއެވެ. ފަލަސްޠީން-އިސްރާއީލް މައްސަލައަކީ އދ. އުފެދުނު ފަހުން ދުނިޔޭގެ ޞުލްޙައަށް އޮތް އެންމެ ބޮޑު ހަމަނުޖެހުމެވެ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ މި ސިޔާސަތަކީ ހަމައެކަނި އިސްރާއީލް ޙިމާޔަތްކުރުމެއް ނޫނެވެ. އެއީ މެދުއިރުމައްޗާއި އުތުރު އެފްރިކާ (MENA) ސަރަޙައްދުގައި އެޤައުމުގެ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެކެވެ.
ތާވަލު 2: ފާއިތުވި 3 އަހަރު ދާއިމީ މެންބަރުން ވީޓޯ ބޭނުންކޮށްފައިވާ ގޮތް
| އަހަރު | އެޖެންޑާ އައިޓަމް | ވީޓޯގެ ބޭނުންކުރި ދާއިމީ މެންބަރު |
| 2024 | މެދުއިރުމަތީގެ ޙާލަތު (ފަލަސްޠީނުގެ މައްސަލަ) | އެމެރިކާ |
| 2024 | ސޫދާން އަދި ދެކުނު ސޫދާނުގެ ރިޕޯޓުތައް | ރަޝިޔާ |
| 2024 | ނިއުކްލިއަރ ފެތުރުން ހުއްޓުވުން (އުތުރު ކޮރެއާ) | ރަޝިޔާ |
| 2024 | އައު މެންބަރުން ބަލައިގަތުން | އެމެރިކާ |
| 2024 | މެދުއިރުމަތީގެ ޙާލަތު | ޗައިނާ، ރަޝިޔާ |
| 2023 | ޔޫކްރެއިންގެ ޞުލްޙަޔާއި ސަލާމަތް ދެމެހެއްޓުން | ރަޝިޔާ |
| 2023 | މާލީގެ ޙާލަތު | ރަޝިޔާ |
| 2022 | ނިއުކްލިއަރ ފެތުރުން ހުއްޓުވުން – DPRK | ޗައިނާ، ރަޝިޔާ |
| 2022 | ސޫރިޔާގެ ދާޚިލީ ހަނގުރާމަ | ރަޝިޔާ |
| 2022 | މެދުއިރުމަތި (ފަލަސްޠީނުގެ މައްސަލަ) | އެމެރިކާ |
މަޞްދަރު: The Institute of International and European Affairs
މިސާލަކަށް، 2024ވަނަ އަހަރު އެކަނިވެސް، ޣައްޒާގައި އިސްރާއީލުން ހިންގާ ޢަމަލުތައް ކުށްވެރިކޮށް ހުށަހެޅުނު ހުރިހާ ޤަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ (ތާވަލު 1 ގައިވާ ފަދައިން). މިއިން ދައްކައިދެނީ އަމިއްލަ ބާރުވެރިކަން ޙިމާޔަތްކުރުމަށާއި MENA ސަރަޙައްދުގައި ނުފޫޒު ހިފެހެއްޓުމަށް ގެންގުޅޭ އެމެރިކާގެ ދެފުށްދެގޮތް ދާއިމީ ސިޔާސަތެވެ. އިސްރާއީލް ޙިމާޔަތްކުރުމުގައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތަކަށާއި، ބިންތަކަށް ވެރިވެގަތުމަށާއި، ޚާއްޞަކޮށް ޣައްޒާ ބަންދުކޮށްފައިވާ މައްސަލައަށް އެމެރިކާއިން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މިގޮތަށް ތަކުރާރުކޮށް ވީޓޯ ކުރުމުގެ ސަބަބުން، އިންސާނީ ޙައްޤުތަކަށް އަރައިގަންނަ މައްސަލަތައް ޙައްލުކުރުމުގައި ސަލާމަތީ މަޖިލީހުގެ ދައުރަށް ހުރަސްއެޅެއެވެ. މީގެ ސަބަބުން މެދުއިރުމަތީގެ މަޝްރަޙު އިތުރަށް ގޯސްވެ، ދުނިޔޭގެ އެންމެ ދިގުލީ އެއް ހަމަނުޖެހުން ޙައްލުކުރުމުގައި މަޖިލީހުގެ ނާކާމިޔާބީއާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މާޔޫސްކަން އިތުރުވެއެވެ. ދުނިޔޭގެ ޞުލްޙައިގެ މަސައްކަތްތަކަށްވުރެ ސަރަޙައްދީ ބާރުވެރިކަން ދެމެހެއްޓުމަށް އެމެރިކާއިން އިސްކަންދޭ ދިނުމަކީ، ޚާއްޞަކޮށް MENA ސަރަޙައްދުގައި ތަކުރާރުކޮށް ފެންނަ ކަމެކެވެ.
ސަލާމަތީ މަޖިލީހުގައި ރަޝިޔާގެ ވީޓޯއަކީ އަބަދުވެސް އެޤައުމުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ބޭނުންކުރާ އިސްތިރާޖީ ހަތިޔާރެކެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަނަކީ ސަލާމަތީ މަޖިލީހުގެ މައިގަނޑު ބައިވެރިއެކެވެ. އެޤައުމުން ވީޓޯ ބޭނުންކުރީ އޭގެ ޖިއޯޕޮލިޓިކަލް މަޤާމު ވަރުގަދަކުރުމަށާއި އިއްތިޙާދީންނަށް ގެއްލުންވެދާނެ ޤަރާރުތައް ހުރަސްއެޅުމަށެވެ. މިގޮތުން، ކޮރެއާ ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަނުން ސަލާމަތީ މަޖިލިސް ބޯއިކޮޓް ކުރުމަކީ އދ. އަށް އެކަމުގައި ހަރުދަނާ ދައުރެއް އަދާނުކުރެވުނު އެއް ސަބަބެވެ. 2014 ވަނަ އަހަރު ކްރައިމިއާ ހިފި ފަހުން، ރަޝިޔާއިން ދަނީ ކްރައިމިއާގެ ޢަމަލުތަކަށާއި ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދަށް ދިން އަސްކަރީ ޙަމަލާތަކަށް ރަޝިޔާ ޒިންމާދާރުކުރުމަށް ހުށަހެޅޭ ޤަރާރުތައް ތަކުރާރުކޮށް ވީޓޯ ކުރަމުންނެވެ. ރަޝިޔާގެ ވީޓޯތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުންތައް ޙައްލުކުރުމަށް ކުރާ ބައިނަލްއަޤްވާމީ މަސައްކަތްތަކަށް ހުރަސްއެޅި، އެ ސަރަޙައްދުގައި ރަޝިޔާގެ ނުފޫޒު ދެމެހެއްޓުމަށް މަގުފަހިވެއެވެ.
ހުޅަނގުގެ ދާއިމީ މެންބަރުންނާއި (އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް) ރަޝިޔާ-ޗައިނާ ބްލޮކްގެ މެދުގައިވާ ބައިބައިވުމަކީ ސަލާމަތީ މަޖިލީހުގެ ނާކާމިޔާބީގެ މައިގަނޑު ސިފައެވެ. އެމެރިކާ، އިނގިރޭސިން އަދި ފަރަންސޭސިވިލާތް ގިނަ މައްސަލަތަކެއްގައި، ޚާއްޞަކޮށް މެދުއިރުމަތީގެ މައްސަލަތަކުގައި އެއްގަލަކަށް އަރައެވެ. ރަޝިޔާއާއި ޗައިނާއިން ގިނަ ފަހަރަށް އެހެން ފަރާތަކަށް ތާއީދުކުރެއެވެ. ޚާއްޞަކޮށް މެދުއިރުމައްޗާއި އިރުމަތީ ޔޫރަޕްގެ މައްސަލަތަކުގައެވެ. މި ދެ ބްލޮކްގެ މެދުގައިވާ ވާދަވެރިކަން ސޫރިޔާ، ޔޫކްރެއިން އަދި އިސްރާއީލުން ޣައްޒާއަށް އަރައިގަތް މައްސަލައިގެ ހަމަނުޖެހުންތަކުން ފެނެއެވެ. ސޫރިޔާގައި، އަސަދުގެ ރެޖީމަށް އަދަބުދިނުމަށް ހުށަހެޅުނު ޤަރާރުތައް ރަޝިޔާއާއި ޗައިނާއިން ވަނީ ތަކުރާރުކޮށް ވީޓޯކޮށްފައެވެ. ހަމައެފަދައިން، ޔޫކްރެއިންގައި، ރަޝިޔާއިން ކްރައިމިއާ ހިފުމާއި އިރުމަތީ ޔޫކްރެއިންގައި ހިންގާ އަސްކަރީ ޙަރަކާތްތައް ކުށްވެރިކުރުމަށް ހުޅަނގުން ބާރުއެޅިއެވެ. ދާއިމީ މެންބަރުންގެ މެދުގައިވާ ބައިބައިވުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ހަމަނުޖެހުންތައް ހައްލުކުރުމުގައި ސަލާމަތީ މަޖިލިސް އަބަދުވެސް ވަނީ ނާކާމިޔާބުވެފައެވެ. ވާދަވެރި ޤައުމީ މަޞްލަޙަތުތަކުގެ ސަބަބުން، ޚާއްޞަކޮށް ދާއިމީ މެންބަރުންގެ މެދުގައި ތަފާތު އިސްކަންދިނުންތައް ހުންނަ ޙާލަތްތަކުގައި ސަލާމަތީ މަޖިލިސް އަބަދުވެސް ވާގިނެތެއެވެ. މި ބައިބައިވުމުގެ ސަބަބުން އެއްބައިވަންތަ ފިޔަވަޅެއް އެޅުމަށް ހުރަސްއެޅި، ދުނިޔޭގެ މައްސަލަތަކަށް ހަރުދަނާގޮތެއްގައި އިޖާބަދިނުމަށް ސަލާމަތީ މަޖިލީސް ވަނީ ނުކުޅެދިފައެވެ.
މި ދިރާސާއިން ފާހަގަވި އެއްކަމަކީ، ދާއިމީ މެންބަރުންގެ ބައިބައިވުމުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ ބައިނަލްއަޤްވާމީ ޞުލްޙަޔާއި ސަލާމަތް ދެމެހެއްޓުމުގެ ޤާބިލުކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތައް ކުރާކަމެވެ. އެއްބަސްވުމަކަށް އައުމަށް ޓަކައި ދެވުނު ވީޓޯގެ ބާރު، ގިނަ ފަހަރަށް ބޭނުންކުރެވެނީ އަމިއްލަ ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ހަމަނުޖެހުންތަކުގައި، ޚާއްޞަކޮށް މެދުއިރުމައްޗާއި، ޔޫކްރެއިން އަދި ސޫރިޔާގެ މައްސަލަތަކުގައި އެއްވެސް ނިންމުމެއް ނިންމުމަށް ހުރަސްއެޅޭ މައިގަނޑު ސަބަބެވެ.
އެމެރިކާއިން އިސްރާއީލް ޙިމާޔަތްކުރުމަށް މެދުކެނޑުމެއްނެތް ގޮތެއްގައި ކުރާ ވީޓޯތަކުން އެނގެނީ، ދުނިޔޭގެ ޞުލްޙައަށްވުރެ އަމިއްލަ އިއްތިޙާދުތަކަށް އިސްކަންދޭ މިންވަރެވެ. ހަމައެފަދައިން، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ވީޓޯތަކާއި، ހުޅަނގުން ހުށަހަޅާ ޤަރާރުތަކާ ދެކޮޅަށް ޗައިނާއާއި ރަޝިޔާ ގުޅިގެން މަސައްކަތްކުރުމުން ހާމަވަނީ ދާއިމީ މެންބަރުންގެ މެދުގައި އޮތް ބޮޑު އިރުމަތި-ހުޅަނގުގެ ވާދަވެރިކަމެވެ. މި ބައިބައިވުންތަކުގެ ސަބަބުން ސަލާމަތީ މަޖިލިސް ވާގިނެތުމުގެ އިތުރުން، ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ގޮތުގައި މަޖިލީހަށް އޮތް ޝަރުޢީ ހައިޞިއްޔަތަށް ވެސް ބުރޫއަރައެވެ.
އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާ އިރު ވީޓޯ ބޭނުންކުރުމަށް އޮތް ފުރުޞަތު ހަނިކޮށްގެން މި މައްސަލައަށް ހައްލެއް ގެނެވިދާނެކަމަށް ބެލެވެއެވެ. ހަމައެއާއެކު އިންޑިއާއާއި ބްރެޒިލް ފަދަ ބާރުތައް ހިމެނޭގޮތަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި އެފްރިކާގެ ބައްރުގެ ގައުމުތަކަށް ވެސް ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ލިބުން ފަދަ އިސްލާޙުތައް ގެންނަން ވަނީ ޖެހިފައެވެ. މިފަދަ އިޞްލާޙީ ބަދަލުތަކުން ސަލާމަތީ މަޖިލިސް އެ މަޖިލީހުގެ މޭންޑޭޓާ އެއްގޮތަށް ހަރަކާތްތެރިވުމަށް އެޅޭ ބާރަކަށް ވާނެއެވެ. ނަމަވެސް ވީޓޯގެ ބާރު ވަކި ގައުމުތަކަށް އޮތްހާ ހިނދަކު އެންމެ އެދެވޭ ހައްލެއް އަންނާނެކަމަކަށް ނުބެލެވެއެވެ. ވީޓީގެ ބަދަލުގައި އޮންނަންވީ ވޯޓު ދިންގޮތުގެ މެޖޯރިޓީއަށް ބަލައިގެން ކަންކަން ނިންމުމުގެ އުސޫލެވެ. ނަމަވެސް، ދާއިމީ މެންބަރުންގެ ފަރާތުން ކުރިމަތިވާ ބޮޑު ހުރަހަކީ އަދިވެސް މި އިސްލާހިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. މި އިސްލާހުތައް ގެނައުން ވެފައިވަނީ މީދާތަކެއް ބުޅަލުގެ ކަރުގައި ރަނގަބީލު އަޅުވަން އުޅުން ފަދަ ކަމަކަށެވެ.
ދާއިމީ މެންބަރުންގެ މެދުގައިވާ ބައިބައިވުމުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ ޞުލްޙަ ބެލެހެއްޓުމުގެ މެންޑޭޓް ފުރިހަމަކުރުމަށް ވަރަށް ބޮޑަށް ހުރަސްއެޅެއެވެ. މިކަން އިސްރާއީލް-ފަލަސްޠީން މައްސަލައާއި، ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި، ޔޫކްރެއިންގެ ކްރައިސިސް ފަދަ ހަމަނުޖެހުންތަކުން ފެނެއެވެ. ސިޔާސީ މަންފާއަށްޓަކައި ވީޓޯގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ އިތުބާރާއި ހަރުދަނާކަން ގެއްލި، ދުނިޔޭގެ ޞުލްޙަ ދެމެހެއްޓުމުގައި އެ މަޖިލީހުގެ ދައުރާމެދު ޝައްކު އުފެދެއެވެ. އިޞްލާޙީ ހުށަހެޅުންތަކުން ޙައްލުތަކެއް ލިބުނު ނަމަވެސް، އެކަންކަން ތަންފީޒުކުރުން ބިނާވެފައިވަނީ ދާއިމީ މެންބަރުންގެ ސިޔާސީ ވިސްނުމާއި އެއްބަސްވުމުގެ މައްޗަށެވެ. މިފަދަ އިޞްލާޙުތަކެއް ނުގެނެސްފިނަމަ، މިއަދުގެ ދުނިޔޭގެ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ސަލާމަތީ މަޖިލީހުގެ މުހިންމުކަން ކެނޑިގެންދިއުމުގެ ބިރު އެބައޮތެވެ.
ދާއިމީ މެންބަރުންގެ މެދުގައިވާ ބައިބައިވުންތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ޞުލްޙަޔާއި ސަލާމަތް ދެމެހެއްޓުމުގެ އަސާސީ މަޤްޞަދު ޙާޞިލުކުރުމަށް ސަލާމަތީ މަޖިލީހަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. ޖަމާއީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އަމިއްލަ ޤައުމީ މަޞްލަޙަތުތަކަށް އިސްކަންދިނުމުން، ދާއިމީ މެންބަރުން ދަނީ މަޖިލީހުގެ ޝަރުޢީ ހައިޞިއްޔަތު ނައްތާލަމުންނެވެ. އެއާއެކު ދުނިޔޭގެ ބޮޑެތި ހަމަނުޖެހުންތައް ޙައްލެއްނުވެ ދަނީ ދިގުދެމެމުންނެވެ.
އިސްރާއީލް-ފަލަސްޠީން މައްސަލައާއި ޔޫކްރެއިންގެ ކްރައިސިސް ފަދަ މައްސަލަތަކުން ފެންނަ ގޮތަށް، ވީޓޯ ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ސަލާމަތީ މަޖިލީހުގެ މެންޑޭޓާއި ބާރުގަދަ މެންބަރުންގެ ޖިއޯޕޮލިޓިކަލް ޙަޤީޤަތްތަކާ މެދު ނުތަނަވަސްކަން އުފެދެއެވެ. މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ވީޓޯގެ ބާރު ހަނިކުރުމާއި ސަލާމަތީ މަޖިލިސް ތަމްޞީލުކުރާ މެންބަރުގެ އަދަދު އިތުރުކުރުން ފަދަ އޮނިގަނޑުގެ އިޞްލާޙުތަކަކީ ކޮންމެހެން ބޭނުންތެރި ކަންކަމެވެ. މާނަހުރި ބަދަލެއް ނުގެނެސްފިނަމަ، ގިނަ ބާރުތަކެއް އެކުލެވޭ (Multipolar) ދުނިޔެއެއްގައި ސަލާމަތީ މަޖިލީހުގެ މުހިންމުކަން ކުޑަވެގެންދާނެއެވެ. އެހެނީ ދުނިޔޭގެ ޞުލްޙަ ބިނާވެފައިވަނީ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި (Multilateral cooperation) އިންޞާފުވެރިކަމުގެ މައްޗަށް ކަމަށްވާތީއެވެ.