154Views
މިއަދުގެ މުޖުތަމައުގައި ތަފާތު އަދި ޚިޔާލުތަފާތުވުން ބޮޑު ޚިޔާލުތައް ގިނަވުމުގެ ސަބަބުން، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. މުޖުތަމައުގައި ހަމަޖެހިގެން އުޅުމަށް ޓަކައި މީހުން އެ މީހުންގެ ޚިޔާލުތައް ފާޅުކުރަންޖެހެއެވެ. ވޭތުވެދިޔަ ސާޅީސް ގަރުނުގެ ތެރޭގައި، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ ދިމިގުރާތީ މުޖުތަމައެއް ބިނާކޮށް ދެމެހެއްޓުމުގެ މައިގަނޑު ތަޅުދަނޑިއެވެ. މީގެ ނުފޫޒު ވަރަށް ތަނަވަސްވެފައި، ވިސްނުމާއި އަމަލުކުރާ ގޮތް ފަދަ ދިރިއުޅުމުގެ އެކި ދާއިރާތަކަށް ފޯރައެވެ. މީގެއިތުރުން ޝަރުޢީ ކޯޓުތަކާއި، މަޖިލީހުގެ އިދާރާތަކުގައި އަދި އާދައިގެ ކްލާސްރޫމެއްގައި ވެސް މީގެ ބޭނުންކުރެވެއެވެ.
އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ ބައެއް ފަހަރު ވަރަށް ގޮންޖެހުން ބޮޑު، އަދި ލަދުގަންނަ ކަމަކަށް ވެސް ވެދާނެއެވެ. މިއީ ހަމައެކަނި އާދައިގެ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. އޭގެ އިތުރުން ޢިލްމުވެރިން، ޑޮކްޓަރުން، ފަންނުވެރިން އަދި ވިޔަފާރިވެރިން ފަދަ މަތީ މަގާމުތަކުގެ ބޭފުޅުންނަށް ވެސް ދިމާވާ ކަމެކެވެ. މަޖިލީހަކާ ކުރިމަތިލާން ޖެހިލުންވުމާ އެކު، އަތްތިލައިން ދާހިއްލުމާއި، ދޫއޮޅުމާއި، ބުނަންއުޅޭ ބަސް ހަނދާންނެތުން ފަދަ ކަންކަން ދިމާވެއެވެ. މިއީ ވާހަކަދައްކާ މީހާއަށް (ޚާއްޞަކޮށް ޚިޔާލު ފާޅުކުރުމުގައި) ދަތިތަކާ ކުރިމަތިކުރުވާ، އަދި އަޑުއަހަން ތިބޭ މީހުންނަށް ވެސް އުނދަގޫތަކެއް ކުރުވާ ކަންކަމެކެވެ.
އެރިސްޓޯޓަލް ވިދާޅުވެފައިވެއެވެ: “ވާހަކަދައްކާ މީހެއްގެ ކިބައިގައި ތިން ސިފައެއް ހުންނަންޖެހެއެވެ. އެއީ ބުއްދިވެރިކަމާއި، ރަނގަޅު އަޚްލާޤާއި، އަދި އަޑުއަހާ މީހުންނަށް ހެޔޮއެދުމެވެ.” މިއިން އެނގެނީ އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ ހަމައެކަނި ވާހަކަދައްކާ މީހާ ތަރައްޤީކުރުން ނޫންކަމާއި، ނަތީޖާއެއްގެ ގޮތުން ހެޔޮލަފާ އިންސާނަކަށް ވުންކަމެވެ.
ތަގުރީރަކީ ކުރު ތަގުރީރެއް ކަމުގައިވިޔަސް ނުވަތަ ދިގު ތަގުރީރެއް ކަމުގައިވިޔަސް، އަމަލުކުރަންޖެހެނީ އެއް ގަވާއިދުތަކަކަށެވެ. އެއީ ތައްޔާރުވުމުގެ ގަވާއިދެވެ. ތައްޔާރުވުމުގެ އާދައަކީ ކުޅަދާނަ ވާހަކަދައްކުންތެރިން އުފައްދައިދޭ ކަމެކެވެ. ބައެއް މީހުން އެމީހުން ވާހަކަދައްކަނީ “އުފަންވުމުގައި ލިބިފައިވާ ހުނަރުން” ކަމަށް ބުންޏަސް، ހަގީގަތުގައި އެމީހުން ދަނީ އެމީހުންގެ މުޅި އުމުރުގައި ވެސް އެ ތަގުރީރުތަކަށް ތައްޔާރުވަމުންނެވެ.
ތެދެކެވެ. ބައެއް މީހުންނަކީ އުފެދުމުގައި ވެސް ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވާ މީހުންނެވެ. ނަމަވެސް ގިނަ މީހުންނަކީ އެފަދަ މީހުންނެއް ނޫނެވެ. ތަގުރީރުދޭން ނުވަތަ ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަދައްކަން ނުކެރޭނެ ކަމަށް ބުނާއިރު، އެހެން ބުނާ ހަމައެކަނި މީހަކީ ތިޔައީއެއް ނޫނެވެ. ސްޓޭޖް މައްޗަށް އަރަން ބިރުގަތުމަކީ ދިމާވާނެ ކަމެކެވެ. ސްޓޭޖްފަދަ ތަންތަނުގައި ތަމްސީލުކުރާ ފަންނާނުން ވެސް ކޮންމެ ފަހަރަކު ވެސް ފުރަތަމަ ސްޓޭޖަށް އަރާއިރު ވަކި މިންވަރަކަށް ޖެހިލުންވެ ބިރުގަނެއެވެ.
ފަހަރެއްގައި ތިބާގެ ވަޒީފާއަކީ އާންމުންގެ ކުރިމަތީގައި ވާހަކަދައްކަންޖެހޭ ވަޒީފާއެއް ނޫންކަމަށް ހީވެދާނެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ސަބަބަކީ ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް، ކޮންމެވެސް ސިފައެއްގައި އާންމުންގެ ކުރިމަތީގައި ވާހަކަދައްކަންޖެހޭ ދަނޑިވަޅެއް އަންނާނެތީއެވެ. އެހެންކަމުން، މި ލިޔުމުގައި ބަލައިލާނީ ދިރިއުޅުމުގައި އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ މުހިންމުކަމާއި މުވާޞަލާތުކުރުމުގެ މަރުޙަލާގެ ބައެއް ޚާއްޞަ ކަންކަމުގެ މައްޗަށް ކަމެވެ.
އާންމުންގެ ކުރިމަތީގައި ވާހަކަދައްކާ މީހުންގެ ޢާންމު 4 ބައި
| ބައި | ސިފަތައް |
| ރެކޭ މީހާ (The Avoider) | ބަޔަކު މީހުންގެ ކުރިމަތީގައި ވާހަކަދައްކަންޖެހޭ ކޮންމެ ކަމަކުން ރެކެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއެވެ. ބައެއް ހާލަތްތަކުގައި، މިއީ ހުށަހެޅުންތައް (ޕްރެޒެންޓޭޝަން) ހުށަހަޅަން ނުޖެހޭ ފަދަ ވަޒީފާތައް އިޚްތިޔާރުކުރާ މީހުންނެވެ. |
| ދެކޮޅުހަދާ މީހާ (The Resister) | ވާހަކަދައްކަން އެދުމުން ބިރުގަނެއެވެ. މިއީ ވަރަށް ބޮޑު ބިރުވެރިކަމަކަށް ވެދާނެއެވެ. މިފަދަ މީހުން އާންމުންގެ ކުރިމަތީގައި ވާހަކަދައްކަން ބޭނުންނުވި ނަމަވެސް، އެނޫން ގޮތެއް ނޯވެއެވެ. ވާހަކަދައްކަން ޖެހިއްޖެ ނަމަ، ދައްކާނީ ވަރަށް ފަސްޖެހިގެންނެވެ. |
| ގަބޫލުކުރާ މީހާ (The Accepter) | ހުށަހެޅުންތައް ހުށަހެޅިދާނެއެވެ. ނަމަވެސް އެކަމަށް މާ ބޮޑު ޝައުގުވެރިކަމެއް ނުހުރެއެވެ. މިފަދަ މީހުން މަދުން ނަމަވެސް ހުށަހެޅުންތައް ހުށަހަޅައި، އެކަމާ މެދު ހިތްހަމަޖެހެއެވެ. ބައެއް ފަހަރު މިއީ ވަރަށް ޝައުގުވެރި އަދި ޤަބޫލުކުރެވޭ ފަދަ ހުށަހެޅުންތަކަކަށް ވެއެވެ. |
| ހޯދާ މީހާ (The Seeker) | ވާހަކަދައްކާނެ ފުރުސަތުތައް އަބަދުވެސް ހޯދައެވެ. މިފަދަ މީހުން ދެކޭގޮތުގައި ޖެހިލުންވުމަކީ ހުށަހެޅުން ހުށަހަޅާއިރު ޝައުގުވެރިކަން އުފައްދައިދޭ ހިތްވަރެކެވެ. މިއީ ގިނައިން ވާހަކަދައްކައިގެން ފަންނީ މުވާޞަލާތީ ހުނަރާއި އަމިއްލަ އިތުބާރު ބިރު ނެތި ބިނާކުރުމަށް މަސައްކަތްކުރާ މީހުންނެވެ. |
ދިރިއުޅުމުގައި އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުން އަދާކުރާ ދައުރަކީ ކޮބާ؟
އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުން ލިބޭ ކާމިޔާބީގެ ސަބަބުން ތިބާއަށް އާ ފުރުސަތުތަކުގެ ދޮރުތައް ހުޅުވޭނެއެވެ. މިއީ އާ ކާމިޔާބީތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަމިއްލަ ކުރިއެރުމާއި، ނުފޫޒާއި، ވަޒީފާގެ ކުރިއެރުމުގެ ތެރެއިން ތިބާގެ އަގު އުފުލައިދޭނެ ކަމެކެވެ.
1. އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުން އަމިއްލަ ކުރިއެރުން ލިބޭ
އަބްރަހަމް މެސްލޯގެ ބޭނުންތަކުގެ ތަރުތީބު (Maslow’s Hierarchy of Needs) ގައި، އިންސާނާގެ އަމިއްލަ ޤަދަރު ނުވަތަ އަމިއްލަ އަގު ވަޒަންކުރުން ވަނީ އެންމެ މަތީގައެވެ. ތަގުރީރު ދިނުމަކީ ރަނގަޅު ތަގުރީރެއް ދެވުމުން ލިބޭ އަމިއްލަ ހިތްހަމަޖެހުމުގެ ތެރެއިން އަމިއްލަ ޤަދަރު ވަޒަންކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ޚާއްޞަކޮށް އަޑުއަހާ މީހުންގެ ފަރާތުން އެދެވޭ ތަރުޙީބެއް ލިބުމުން ވާހަކަދައްކާ މީހާގެ އަމިއްލަ އިތުބާރު ބޮޑުވެގެންދެއެވެ. އަދި ވެރިއަކު ނުވަތަ އިސް މީހަކު ބަޔަކު މީހުންގެ ކުރިމަތީގައި ވާހަކަދައްކަން އެދުމުން އުފެދޭ ނުތަނަވަސްކަން ނުވަތަ ބިރުވެރިކަން ކުޑަކޮށްދެއެވެ.
ކްލާސް ކުރިމަތީގައި ވާހަކަދައްކަން ޖެހިލުންވާތީ ކޯހެއް ފަސް ފަހަރު ދޫކޮށްލި ދަރިވަރަކާ އަޅުގަނޑާ ދިމާވިއެވެ. ނަމަވެސް އަމިއްލައަށް އުނގެނިގެން އިތުބާރު ބިނާކުރުމަށްފަހު، އާންމުންގެ ކުރިމަތީގައި ވާހަކަދައްކަން ނިންމައި އެކަން ކާމިޔާބުކުރިއެވެ. ހަގީގަތުގައި، ފަހުން އޭނާ އެކަމަށް ޝައުގުވެރިވެ، އިތުރު ތަގުރީރުތައް ދިނުމަށް އަމިއްލައަށް އެދެން ވެސް ފެށިއެވެ.
ދިރާސާކުރުމާއި، ޚިޔާލުތައް އެކުލަވާލުމާއި، އިންތިޒާމުކުރުން ފަދަ އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ވަސީލަތްތަކުގެ މަންފާއާ އެކު، ޚިޔާލުތައް ހުށަހެޅުމުގެ ނިޒާމީ، އަދި ފުރިހަމަ ގޮތްތަކެއް ލިބިދެއެވެ. މީގެ ސަބަބުން އަމިއްލަ ޚިޔާލުތައް މާ ފުރިހަމައަށް ފާޅުކުރެވޭނެއެވެ. އަދި އެހެން މީހުންނަށް އިތުރަށް ހުޅުވާލެވިފައިވާ މީހަކަށް ވެގެންދާނެއެވެ. މީގެއިތުރުން، ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުން މަތީ މަގާމުތަކުގެ މީހުންނާ އެކު ވާހަކަދައްކާ އިރު ޚާއްޞަ ދައުރެއް ލިބިދެއެވެ. އެންމެ ފަހުން، އަޑުއަހާ މީހުން ތިބާ އުފަލާ އެކު ބަލައިގަތުމުން އަމިއްލަ ކާމިޔާބީގެ އިޙްސާސް ލިބިގެންދެއެވެ. މިއީ ތިބާގެ މުވާޞަލާތީ ހުނަރާއި ބުއްދިވެރިކަން ދައްކުވައިދޭ ކަމެކެވެ. މި ކަންކަމަކީ އަމިއްލަ އިޙްތިރާމާއި ޤަދަރު (Self-esteem) އިތުރުކޮށްދޭ ކަންކަމެކެވެ.
2. އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުން މުޖުތަމައަށް ނުފޫޒު ފޯރުވޭ
މުވާޞަލާތުކުރުމުގެ ފަންނުން ފައިދާ ކުރާނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. މުޅި މުޖުތަމައަށް ވެސް މީގެ ފައިދާ ކުރާނެއެވެ. ގިނަ ސަރުކާރުތަކުން ރައްޔިތުންގެ އަޑު އަހައެވެ. ރަނގަޅު މުވާޞަލާތީ ހުނަރާ އެކު، އާންމުންގެ ޙައްޤުތަކާއި ޚިޔާލުތައް ފާޅުކުރުމުގައި ރައްޔިތުން ތަމްސީލުކުރެވިދާނެއެވެ.
މީގެ މިސާލަކީ މުޖުތަމައުގެ މަޝްވަރާ ބައްދަލުވުމެކެވެ. އާންމުކޮށް އަވަށެއްގައި ގަވާއިދުން ބައްދަލުވުންތައް ބާއްވާ އިރު، ވަކި ކަންކަމާ ނުވަތަ އަމަލުކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރެވެއެވެ. އެ މަޝްވަރާތަކުގައި ތަފާތު ޚިޔާލުތައް ފާޅުކުރެވި، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ފުރިހަމަ ބޭނުން ހިފެއެވެ.
އެކި ފަންތީގެ މީހުން އާންމުންގެ ކުރިމަތީގައި ވާހަކަދައްކަންޖެހެއެވެ. އެއީ ރަސްމީ ގޮތުން ކަމުގައި ވިޔަސް ނުވަތަ ނުރަސްމީ ގޮތުން ކަމުގައި ވިޔަސްމެއެވެ. ކުލާސްރޫމުގައި ފިލާވަޅު ކިޔައިދޭ ކުދިންނާއި، ރަށު ބައްދަލުވުމުގައި ވާހަކަދައްކާ އާންމުންނާއި، ޤައުމީ ކަންކަމުގައި އަޑުއުފުލާ ރައްޔިތުންނާއި، އާދައިގެ ކުޑަ ވިޔަފާރިވެރިޔާއިން ފެށިގެން ކުންފުންޏެއްގެ ރވެރިޔާއާ ހަމައަށެވެ. ހަގީގަތުގައި އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމާ ދުރުވެވޭނެ އެއްވެސް ގޮތެއް ނެތެވެ.
3. އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުން އަމިއްލަ ނަފުސުގެ ޔަގީންކަން އިތުރުވެ އެތައްގޮތަކުން ކުރިއެރުން ލިބޭ
އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ހުނަރަކީ ވަޒީފާއަށާއި، ނަތީޖާއެއްގެ ގޮތުން މާލީ ކަންކަމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. އާންމުކޮށް ކާމިޔާބީ ވަޒަންކުރެވެނީ “ވަޒީފާގައި އުޅޭތާ ކިތައް އަހަރުވެއްޖެތޯ؟” ނުވަތަ “އެމްބީއޭ ޑިގްރީއެއް ނުވަތަ އެއާ އެއްވަރުގެ ސަނަދެއް އޮތްތޯ؟” ފަދަ ސުވާލުތަކުގެ ޖަވާބުންނެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ސާބިތުކޮށްދީފައިވާ ގޮތުގައި ކޮންމެ ދާއިރާއަކުން ވެސް ކާމިޔާބީގެ އެންމެ ބޮޑު ނިޝާނަކީ އެ މީހަކީ ތަގުރީރުދިނުމަށް ގިނައިން އެދެވޭ މީހެއްތޯ ބެލުމެވެ. ގިނައިން ތަގުރީރުދޭ މީހުންނަށް، މަދުން ނުވަތަ އެއްގޮތަކަށް ވެސް ތަގުރީރު ނުދޭ މީހުންނަށްވުރެ ބޮޑު މުސާރައެއް ލިބޭކަން ފާހަގަކުރެވެއެވެ.
އާދައިގެ އިންޖިނިއަރެއްގެ މިސާލަށް ބައްލަވާށެވެ. އޭނާ ހަފުތާ އަކު ދެ ގަޑިއިރު، ޖުމްލަ 6 ހަފުތާގެ މުއްދަތަށް ހިންގާ އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ސެމިނާރެއްގައި ބައިވެރިވިއެވެ. ދެ މަސްދުވަސް ފަހުން، އޭނާއަށް ސީނިއަރ އެންޖިނިއަރުގެ މަގާމަށް ކުރިއެރުން ލިބުނެވެ! އޭނާގެ ވެރިޔާއަށް އޭނާގެ ފުރިހަމަ ހުށަހެޅުންތައް ވަނީ ފާހަގަކުރެވިފައެވެ.
ކުންފުންޏެއްގައި މަސައްކަތްކުރާ މުއްދަތު ދިގުވިވަރަކަށް އަދި ވަޒީފާގެ ކުރިއެރުން ލިބެމުންދާ ވަރަކަށް، ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމަށާއި މުވައްޒަފުންނާއި ކްލައިންޓުންނަށް މައުލޫމާތު ދިނުމަށް ވެރިން އެދޭ މިންވަރު އިތުރުވާނެއެވެ. މަގާމު މަތިވިވަރަކަށް ދަށުގައި ތިބޭ މީހުންނަށް މަގުދައްކައި ހިންގުމުގެ މަސްއޫލިއްޔަތު ބޮޑުވާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފުރިހަމައަށް ވާހަކަދެއްކުން މަޖުބޫރުވާނެއެވެ. މެނޭޖަރަކު މީގެ ކުރިން ވިދާޅުވެފައިވެއެވެ: “ބޯޑުގެ ޗެއަރމަނުން ފެށިގެން އެންމެ ކުޑަ ދާއިރާގެ އެސިސްޓެންޓް މެނޭޖަރާ ހަމައަށް، ވިޔަފާރީގެ ދާއިރާގައި އުޅޭ ކޮންމެ މީހަކު ވެސް ކޮންމެވެސް ވަގުތެއްގައި އާންމުންގެ ކުރިމަތީގައި ވާހަކަދައްކަން ނުވަތަ ތަގުރީރެއް ދޭންޖެހެއެވެ.”
ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން، ރާއްޖޭގެ ކުދި ވިޔަފާރިތަކާއި ޖަމްޢިއްޔާތަކަށް ވެސް އާންމުންގެ ކުރިމަތީގައި ވާހަކަދައްކަން އެނގޭ މުވައްޒަފުން ބޭނުންވެއެވެ. އަމިއްލަ ސެކަންޑަރީ ސުކޫލުގެ ކޯޗެއްގެ މިސާލަށް ބައްލަވާށެވެ. އާ ކުޅިވަރު ސާމާނު ބޭނުންވާކަން ސުކޫލް ބޯޑަށް ވިސްނައިދިނުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ނެތްނަމަ، ސުކޫލުގެ ކުޅުންތެރިންނަށް ޖެހޭނީ ބާ ސާމާނާ އެކު އުޅޭށެވެ. އެއާ އެއްގޮތަށް، ސުކޫލުގެ ޔުނީފޯމް ކޯޑާ މެދު ޝަކުވާކުރާއިރު ބެލެނިވެރިންގެ ވާހަކައިގައި ބުރަދަނެއް ނެތްނަމަ، ކުދީންނަށް ޖެހޭނީ އެ ޔުނީފޯމެއްގައި ސުކޫލަށް ދާށެވެ. ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތަކުގެ ތަފްސީލު ޝައުގުވެރިކަމާ އެކު ކިޔައިދޭން ނޭނގޭނަމަ، އެ ތަކެތި ގަންނާނެ މީހުން ކުޑަވާނެއެވެ. މިއީ ނަރުހުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުން އަދި އެހެނިހެން ދާއިރާތަކަށް ވެސް ހިނގާ އުޞޫލެކެވެ. ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެމެރިކާގެ ޖެނެރަލް މޯޓާސްގެ މުވައްޒަފުންވެސް ގަވާއިދުން ބައްދަލުވެ، އެމީހުން މެނޭޖްމަންޓަށް ރަސްމީކޮށް ހުށަހަޅާނެ ނިންމުންތައް ގްރޫޕްގެ ތެރޭގައި ވާހަކަދައްކައި، މަޝްވަރާކޮށް ނިންމައެވެ.