Skip to content Skip to footer

ބައިނަލްއަޤުވާމީ ގުޅުންތަކުގެ ފެށުން

ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތާރީޚަކީ ތަފާތު އިސްތިޤްލާލީ ބާރުތަކާއި، ދައުލަތްތަކާއި، އަދި އަންބަރާތޫރިއްޔާތަކުން އެކަކު އަނެކަކާ ގުޅުން ބަހައްޓައި، ބާރުވެރިކަން ހޯދުމަށާއި ސުލްޙަޔާއި ތަރައްޤީއަށް ޓަކައި މަސައްކަތްކުރި ގޮތުގެ ތަފުޞީލެވެ. މީގެ ފެށުން ގުޅިފައިވަނީ ޤަދީމީ ޒަމާނުގެ ސުމާރީންނާއި، މިޞްރާއި، ޗައިނާ އަދި ޔޫނާނީ (ގްރީކް) ސިޓީ-ސްޓޭޓްތަކުގެ މެދުގައި ވެވުނު އެއްބަސްވުންތަކާއި ޚާރިޖީ ގުޅުންތަކާއެވެ. ނަމަވެސް، ޒަމާނީ ބައިނަލްއަޤްވާމީ ނިޒާމުގެ ނާރެސް ކަމުގައިވާ “ސަރަޙައްދީ އިސްތިޤްލާލު”(Territorial Sovereignty) އާއި “ދައުލަތް”(Nation-State) ގެ މަފްހޫމް ބައްޓަންވެގެން އައީ 1648ގެ ވެސްޓްފޭލިއަން އެގްރީމަންޓަށް (Treaty of Westphalia) ފަހުގައެވެ. އޭގެ ފަހުން، އިސްތިއުމާރީ ދުވަސްވަރާއި، ދުނިޔޭގެ ބޮޑު ދެ ހަނގުރާމަ (ބޮޑުހަނގުރާމަ1، ބޮޑުހަނގުރާމަ2)، ފިނި ހަނގުރާމަ (Cold War) އަދި ޒަމާނީ ގްލޯބަލައިޒޭޝަންގެ ތެރެއިން ބައިނަލްއަޤްވާމީ ގުޅުންތައް ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ  (United Nations) ފަދަ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ، އެކުވި އަދި ތަރައްޤީވެފައިވާ ނިޒާމަކަށް ބަދަލުވެފައެވެ.

މާއްދާ 1: ވެސްޓްފޭލިއާގެ ކުރީގެ ސިޔާސީ ނިޒާމު

1. ތަޢާރަފު

1648 ގައި ވެވުނު “ޓްރީޓީ އޮފް ވެސްޓްފޭލިއާ” ގެ ކުރިން، ވިލާތުގެ (ޔޫރަޕުގެ) ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސީ ބާރުވެރިކަން އެކުލެވިގެންވަނީ މިއަދު އަޅުގަނޑުމެންނަށް އެނގޭ ނިޒާމާ މުޅިން ތަފާތު ގޮތަކަށެވެ. ވެސްޓްފޭލިއާގެ ކުރީގެ ސިޔާސީ ނިޒާމުގެ އެންމެ ބޮޑު ސިފައަކީ، ބާރުތައް އެއްބާރު އަނެއް ބާރާ ފުށުއެރުމާއި، ލާމަރުކަޒީ ސަރުކާރުތަކެއް އޮތުމާއި، ސާފު ވަކި މުސްތަޤިއްލު އިސްތިޤްލާލެއް (Sovereignty) ނެތުމެވެ.

2. ވެސްޓްފޭލިއާގެ ކުރީގެ ސިޔާސީ ނިޒާމުގެ މުހިންމު ސިފަތައް

ހ. ފިއުޑަލިޒަމްއާއި ސިޔާސީ ބައިބައިވުން

  • މެދުކެނޑުމެއްނެތި ކުރިއަށްދިޔަ މެދުޒަމާނުގެ ދުވަސްވަރު (Medieval Period)އާއި އާރލީ މޮޑަރން ޕީރިއަޑް (Early Modern Period)ގައި ޔޫރަޕް އޮތީ ވަކިސަރަޙައްދުތަކެއް ކަނޑައެޅިފައިވާ ދައުލަތްތަކެއްގެ ގޮތުގައެއް ނޫނެވެ.
  • ފިއުޑަލް ދަރަޖަތައް (Feudal hierarchy): ރަސްރަސްކަލުންނާއި، ޢިއްޒަތްތެރިންނާއި (ނޯބަލްސް)، ފައްޅިތަކުގެ މީހުންނާ އަދި ނިކަމެތި ދަނޑުވެރިންގެ މައްޗަށް އެކުލެވިގެންވާ އިޖުތިމާޢީ – ސިޔާސީ ގުޅުން ބިނާވެފައިވަނީ ބިން މިލްކުކުރުމާއި ޢަސްކަރީ ޚިދުމަތުގެ މައްޗަށެވެ.
  • މަރުކަޒީ ބާރެއް ނެތުމުގެ ސަބަބުން، ރައްޔިތުން އެއްވަގުތެއްގައި އެކަކަށްވުރެ ގިނަ ވެރިންނަށް ވަފާތެރިވާންޖެހެއެވެ.

ށ. ހޯލީ ރޯމަން އެމްޕަޔަރ (ރޯމަން މުޤައްދަސް އަންބަރާތޫރިއްޔާ)

  • މިއީ ވެސްޓްފޭލިއާގެ ކުރީގެ ސިޔާސީ ނިޒާމުގެ އޮޅުންބޮޅުން ބޮޑުކަން ދައްކުވައިދޭ މުހިންމު މިސާލެކެވެ.
  • މި އަންބަރާތޫރިއްޔާ އެކުލެވިގެންވަނީ ސެމީ-އޮޓޯނޮމަސް (އަމިއްލަ ވެރިކަން ކުރާ) އެތައް ސަތޭކަ ކުދި ބައިތަކެއްގެ މައްޗަށެވެ. އެއީ ޑަޗީސް، ޕްރިންސިޕަލިޓީސް، ބިޝޮޕްރިކްސް އަދި މިނިވަން ރަށްތަކެވެ.
  • އަންބަރާތޫރަށް (Emperor) ލިބިގެންވަނީ ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ބާރެކެވެ. އެކި ސަރަޙައްދުތަކުގެ ކުދި ވެރިން އަމިއްލަ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ވެރިކަން ކުރިއެވެ.
  • ސިޔާސީ ޝަރުޢިއްޔަތު (Legitimacy) ގުޅިފައިވަނީ ދީނީ އެހީތެރިކަމާއެކުގައެވެ (މިސާލަކަށް: ނަޞާރާ އިސްފާދިރީގެ ބާރު).

ނ. ފާދިރީންނާއި ފައްޅިތައް

  • ކެތޮލިކް ޗަރޗުން ވަނީ ރަސްރަސްކަލުންނާއި ރައްޔިތުންގެ މައްޗަށް ބައިނަލްއަޤްވާމީ ބާރެއް ހިންގާފައެވެ.
  • ނަޞާރާ އިސްފާދިރީ (ޕޯޕް)އަށް ރަސްރަސްކަލުން ދީނުން ބޭރުކުރުމުގެ (Excommunicate) ނުވަތަ މުޅި ޤައުމުގައި ދީނީ ކަންކަން މަނާކުރުމުގެ ބާރު ލިބިގެންވިއެވެ.
  • މި ދީނީ އިސްކަން ބައެއް ފަހަރު ދީނާއި ސިޔާސަތު ވަކިކުރަން (Secular) މަސައްކަތްކުރާ ބާރުތަކާ ފުށުއަރައި، ބާރުތަކުގެ ހަނގުރާމަތަކަށް މަގުފަހިވިއެވެ (މިސާލަކަށް: ޕޯޕާއި މުގައްދަސް ރޯމަން އަންބަރާތޫރުންގެ މެދުގައި ހިންގި “Investiture Controversy”) ފާހަގަކޮށްލެވެއެވެ.

ރ. ޚާންދާނީ ސިޔާސަތު (Dynastic Politics)

  • ބާރުތައް ވާރުތަވަމުން އައީ ޚާންދާނީ ރަސްކަންތަކުގެ ތެރެއިންނެވެ. އަދި ޚާންދާނީ ކައިވެނިތަކަކީ ޚާރިޖީ ގުޅުންތަކުގެ މުހިންމު ވަސީލަތެކެވެ.
  • ހަނގުރާމަތައް ގިނައިން ފެށެނީ ޚާންދާނީ ތަޅާފޮޅުންތަކާއި ވާރުތަމުދަލުގެ މައްސަލަތަކުންނެވެ (މިސާލަކަށް: އިނގިރޭސިވިލާތާއި ފްރާންސާ މެދު ކުރެވުނު ސަތޭކަ އަހަރުގެ ހަނގުރާމަ).

ބ. މުސްތަޤިއްލު ހަމަހަމަކަމެއް ނެތުން (Lack of Sovereign Equality)

  • ސިޔާސީ އެކި ބައިތަކުގެ މެދުގައި ހަމަހަމަ އިސްތިޤްލާލެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެއެވެ.
  • ސިޔާސީ ބާރު އޮތީ ދަރަޖަތަކަކަށް ބަހާލެވި، އަދި ބަދަލުވާ ގޮތަށެވެ. އަންބަރާތޫރިއްޔާތަކާއި، ރަސްކަންތަކާއި، ޑަޗީސް އަދި ދީނީ ބާރުތަކުން ޝަރުޢިއްޔަތާއި ކޮންޓްރޯލް ހޯދުމަށް އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރިއެވެ.

3. ޢަސްކަރީ އަދި އިޤްތިޞާދީ ނިޒާމު

ހ. ކުލީ ސިފައިން (Mercenary Armies)

  • ދައުލަތްތަކުގައި ޤައުމީ ދާއިމީ ލަޝްކަރެއް ނޯވެއެވެ.
  • ހަނގުރާމަތައް ގިނައިން ކުރީ ކުއްޔަށް ނަގާ ސިފައިން (Mercenaries) ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ވަފާތެރިކަމާއި އިތުބާރުގެ މައްސަލަތައް ކުރިމަތިވިއެވެ.
  • މިސާލު: އިޓާލިއަން ހަނގުރާމަތަކުގައި (1494–1559) ކޮންޑޮޓިއޭރީ (ކުލީ ސިފައިންގެ ކެޕްޓަނުން)ގެ ވަފާތެރިކަން މުޅިން ބަދަލުވަމުން ދިޔައެވެ.

ށ. ވިޔަފާރިއާއި ގިލްޑް ނިޒާމު (Guild Systems)

  • އިޤްތިޞާދީ ޙަރަކާތްތައް އޮތީ އަމިއްލަ ރަށްރަށުގެ ފެންވަރުގައެވެ. އަދި އޮގަނައިޒް ކުރެވިފައިވަނީ “ގިލްޑް” (އުފައްދާ މީހުންގެ ޖަމާޢަތްތައް) ތަކުންނެވެ.
  • ބޮޑެތި ބައިނަލްއަޤްވާމީ ވިޔަފާރިތައް މަދެވެ. ނަމަވެސް މަޑުމަޑުން ފުޅާވަމުން ދިޔައެވެ (މިސާލަކަށް: ހަންސިއޭޓިކް ލީގު).
  • އިޤްތިޞާދީ ބާރަކީ ސިޔާސީ އިސްތިޤްލާލު ލިބޭ ކަމެއް ނޫނެވެ.

4. ވެސްޓްފޭލިއާގެ ކުރީގެ ބައިނަލްއަޤްވާމީ ގުޅުންތައް

ހ. ސަފީރުކަމުގެ ޢަމަލީ އުޞޫލުތައް (Diplomatic Practices)

  • މިންގަނޑުތަކަކަށް ފެތޭ ޚާރިޖީ ޚިދުމަތްތަކެއް (Diplomatic Corps) ނުހުރެއެވެ.
  • ޚާރިޖީ ގުޅުންތަކަކީ އަމިއްލަ، ވަގުތީ، އަދި ޚާންދާނާއި ދީނީ މަޤްޞަދުތަކާ ގުޅިފައިވާ ކަންކަމެވެ.
  • ދާއިމީ އެމްބަސީތައް ޤާއިމުކުރެވުނީ ރެނެސާންސް (Renaissance)ގެ ފަހުކޮޅުގައެވެ.

ށ. ޢަދާލަތު ހަނގުރާމައިގެ ތިއަރީ (Just War Theory)

  • “އިންޞާފުވެރި ހަނގުރާމަ” (bellum justum) ގެ މުއައްސަސާ ބިނާވެފައިވަނީ ދީނީ އަދި އަޚްލާޤީ އުޞޫލުތަކުގެ މައްޗަށެވެ.
  • ހަނގުރާމަތައް ގިނައިން ސިފަކުރެވުނީ “ޞަލީބީ ހަނގުރާމަތައް” ނުވަތަ އިލާހީ ޢަދާލަތެއްގެ ގޮތުގައެވެ.
  • ޞުލްޙައަކީ ސިޔާސީ ބައިތަކުގެ މެދުގައި އޮންނާނެ ޢާންމު ޙާލަތެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

5. އާ ނިޒާމަކަށް ބަދަލުވުން

ވެސްޓްފޭލިއާގެ ކުރީގެ ސިޔާސީ ނިޒާމު ބުރޫއަރަން ފެށީ އަންނަނިވި ކަންކަމާ ހުރެއެވެ:

  • މަރުކަޒީ ރަސްކަންތައް ބާރުވެރިވުން (ފްރާންސް، އިނގިރޭސިވިލާތް، ސްޕޭން).
  • ބާރުގަދަ ބަޑިބޭހުގެ (Gunpowder)ގެ ހަނގުރާމަތައް ފެށި، ފިއުޑަލް ލަޝްކަރުތަކުގެ ބޭނުން ކެނޑުން.
  • ޕްރޮޓެސްޓަންޓް އިޞްލާޙީ ޙަރަކާތް (Protestant Reformation) ގެ ސަބަބުން ދީނީ އެކުވެރިކަމާއި ޕޯޕްގެ ބާރަށް ގޮންޖެހުންތައް ކުރިމަތިވުން.
  • ތިރީސް އަހަރުގެ ހަނގުރާމަ (1618–1648) – މިއީ ދީނީ އަދި ސިޔާސީ ބޮޑު ސިލްސިލާ ހަނގުރާމައެކެވެ. މީގެ ސަބަބުން އާ ޚާރިޖީ އަދި ޤާނޫނީ ނިޒާމެއްގެ މުހިންމުކަން ހާމަވިއެވެ.

6. ވެސްޓްފޭލިއާގެ ކުރީގެ ނިޒާމުގެ ފިކުރީ އަދި ނަޒަރިއްޔާތީ އަސާސްތައް

ހ. ސިޔާސީ ތިއޮލޮޖީ އަދި އިލާހީ ޙައްޤު (Divine Right)

  • ރަސްރަސްކަލުންނާއި އަންބަރާތޫރުން ވެރިކަން ކުރީ “ރަސްކަމުގެ އިލާހީ ޙައްޤު” ގެ ދަށުންނެވެ. ވެރިކަމުގެ ޝަރުޢިއްޔަތު ލިބެނީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމަށް އެމީހުންނަށް ޤަބޫލުކުރެވުނެވެ.
  • ރައްޔިތުންގެ އިސްތިޤްލާލެއް (Popular Sovereignty) ނެތެވެ. ރައްޔިތުން ޖެހެނީ ވެރިންނަށް ކިޔަމަންވާށެވެ.
  • އިސްތިއުމާރުކުރުމާއި އަނިޔާވެރިކަން ދިފާޢުކުރުމަށް ރަސްރަސްކަލުން ދީނީ ބާރު ބޭނުންކުރިއެވެ (މިސާލަކަށް: ސްޕެނިޝް އިންކުއިޒިޝަން، ފްރާންސްގެ މުޠުލަޤު ރަސްކަން).

ށ. ސެއިންޓް އޮގަސްޓިން އަދި ސެއިންޓް ތޯމަސް އަކުއިނަސް

  • ސެއިންޓް އޮގަސްޓިން (354–430):
    • މަޚުލޫގުންގެ އާލަމާއި އިލާހީ އާލަމް (City of God and City of Man) ތަފާތުކުރިއެވެ.
    • ސިޔާސަތު އޮންނަންޖެހޭނީ ރޫޙާނީ ސަލާމަތްތެރިކަމަށް ޚިދުމަތްކުރުމަށެވެ.
    • ހަނގުރާމަ ހުއްދަވާނީ ދީނީ ވަކި ޝަރުޠުތަކެއް ހަމަވުމުންނެވެ.
  • ސެއިންޓް ތޯމަސް އަކުއިނަސް (1225–1274):
    • އިންޞާފުވެރި ހަނގުރާމައިގެ ތިއަރީ (Just War Theory) ނިޒާމީ ގޮތެއްގައި ތަރައްޤީކުރިއެވެ.
    • ޝަރުޢީ ހަނގުރާމައަކީ ސަރުކާރުގެ ބާރު އޮތް ފަރާތަކުން އިޢުލާންކުރާ، ޝަރީޢަތް ހުއްދަކުރާ، އަދި ރަނގަޅު ނިޔަތުގައި ކުރެވޭ ހަނގުރާމައެކެވެ.
    • ތަބީޢީ ޤާނޫނުގެ (Natural Law) އުޞޫލުތައް އުފެއްދެވިއެވެ.

ނ. ކުރީގެ ރިއަލިސްޓް ފިކުރު – ނިކޮލޯ މެކިއާވެލީ

  • މެކިއާވެލީ (1469–1527): ޚާއްޞަކޮށް އޭނާގެ ފޮތް “The Prince”ގައި، ނަޞްރާނީ އަޚްލާޤީ ފިކުރުތަކުން މުޅިން ވަކިވިއެވެ.
  • ދައުލަތުގެ މަޞްލަޙަތަށް ޓަކައި (raison d’état) ވެރިން މަކަރުވެރިކަމާއި، ޙިކުމަތްތެރިކަން އަދި އޮޅުވާލުން ވެސް ބޭނުންކުރަންޖެހޭނެ ކަމަށް ވަކާލާތުކުރިއެވެ.
  • އޭނާގެ ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރަށް އިސްކަންދޭ ވިސްނުމަކީ ޒަމާނީ ސިޔާސީ ރިއަލިޒަމް (Modern Political Realism)ގެ ފެށުމެވެ.

ރ. މެދުޒަމާނުގެ ބައިނަލްއަޤްވާމީ ޤާނޫނީ ފިކުރު

  • ފްރެންސިސްކޯ ދެ ވިޓޯރިއާ އަދި ހޫގޯ ގްރޯޝިއަސް ފަދަ މުފައްކިރުން ތަބީޢީ ޤާނޫނާއި ބައިނަލްއަޤްވާމީ ސުލޫކުގެ އުޞޫލުތައް އުފައްދަވަން ފެށިއެވެ.
  • މުޅި ނަޞާރާ އުންމަތުގެ އެކުވެރިކަން (Respublika Christiana) ޤާނޫނީ ފިކުރުތަކުގައި ގަދަވިއެވެ. މީގައި ޝަރުޢިއްޔަތު އަންނަނީ ދީނީ އެއްބައިވަންތަކަމުގެ ތެރެއިންނެވެ. ވަކި ސަރަޙައްދީ އިސްތިޤްލާލަކުންނެއް ނޫނެވެ.

7. ވެސްޓްފޭލިއާގެ ކުރީގެ ނިޒާމުގެ ޚުލާޞާ

ސިފަވެސްޓްފޭލިއާގެ ކުރީގެ ސިޔާސީ ނިޒާމު
ސިޔާސީ ބައިތައްފިއުޑަލް ދައުލަތްތައް، އަންބަރާރާތޫރިއްޔާތައް، ޗަރޗް
އިސްތިޤްލާލު  (Sovereignty)ފުށުއަރާ އަދި ސާފުނޫން
ބާރުތައްދީނީ އަދި ޚާންދާނީ
ޚާރިޖީ ގުޅުންތައް  (Diplomacy)ވަގުތީ އަދި ޚާންދާނީ
ހަނގުރާމަދީނީ، ޚާންދާނީ އަދި ޤަވާޢިދާ ޚިލާފު
ބައިނަލްއަޤްވާމީ ޤާނޫނުދީނީ އުޞޫލުތައް، އިންޞާފުވެރި ހަނގުރާމައިގެ ތިއަރީ
އިޤްތިޞާދުރަށްރަށުގެ ފެންވަރުގެ، ގިލްޑް-އެކުލެވޭ، ކުރީގެ ވިޔަފާރި މަގުތައް
ފިކުރީ އަސާސްތިއޮލޮޖީ (ދީނީ ޢިލްމު)، އިލާހީ ޙައްޤު، ތަބީޢީ ޤާނޫނު

8. ވެސްޓްފޭލިއާއަށް ބަދަލުވުން: މުހިންމު ބަދަލެއް

މި ނިޒާމު އަނިޔާވެރިކޮށް ވެއްޓިގެން ދިޔުމުން، ވަކިން ޚާއްޞަކޮށް ތިރީސް އަހަރުގެ ހަނގުރާމައިގެ ތެރެއިން، މުސްކުޅި ނިޒާމަށް ހަނގުރާމަތައް ކޮންޓްރޯލްކޮށް ހަމަޖެހުން ނުހިފެހެއްޓޭނެކަން ސާފުވިއެވެ. މީގެ ސަބަބުން އަންނަނިވި ކަންކަމަށް ބޭނުންޖެހުނެވެ:

  • ސަރަޙައްދީ އިސްތިޤްލާލު (Territorial Sovereignty).
  • ރަސްމީ ޚާރިޖީ ގުޅުންތައް (Diplomatic Relations).
  • ދީނާއި ސިޔާސަތު ވަކިކުރުން (Secular). ދީނާއި ސިޔާސީ ބާރުތައް ސާފުކޮށް ވަކިކުރުން.

މި ބަދަލު ނިމުމަކަށް އައީ 1648ގެ ޓްރީޓީ އޮފް ވެސްޓްފޭލިއާ އާއެކުގައެވެ. މިއީ ޒަމާނީ ބައިނަލްއަޤްވާމީ ނިޒާމުގެ ފެށުމެވެ.