69Views 0Comments
ވާހަކަދެއްކުންތެރިކަން 7ވަނަ ބަޔާ ގުޅޭ…
ކޮންމެ މީހަކަށް ވެސް، އަދި ކިތަންމެ ތަޖުރިބާކާރު ވާހަކަދައްކުންތެރިއަކަށް ވީ ނަމަވެސް، ތަގުރީރެއް ދިނުމުގެ ކުރިން ނުވަތަ ބަޔަކާ މުޚާތަބުކޮށް ވާހަކަދައްކަން ފެށުމުގެ ކުރިން ޖެހިލުންވުމަކީ އާންމުކޮށް ވާކަމެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ މަދުވެގެން 75 އިންސައްތަ މީހުން ކޯސް ފަށަނީ ނުވަތަ ތަގުރީރުދޭން ފަށަނީ ބިރުވެރިކަމާ އެކުގައެވެ. ނަމަވެސް، ހިތްނުތަނަވަސްވެ ހާސްވާގޮތްވުމަކީ ހަމައެކަނި އާންމު ކަމެއް ނޫނެވެ؛ އެއީ ބޭނުންތެރި ކަމެއްވެސް މެއެވެ! ރަނގަޅު ގޮތުގައި އެ ހާސްކަން ބޭނުންކޮށްފިނަމަ، އެކަމުގެ ސަބަބުން ތިބާގެ ހުށަހެޅުން އިތުރަށް ފުރިހަމަވެގެންދެއެވެ. ތަޖުރިބާކާރު ވާހަކަދައްކުންތެރިންނާއި އެހެން މީހުންނާ ދެމެދު ހުރި ތަފާތަކީ، އެ ތަޖުރިބާކާރުންގެ ހިތުގައި އުފެދޭ ހާސްކަން، އެމީހުންގެ މަސައްކަތަށް ހުރަހަކަށް ހެދުމުގެ ބަދަލުގައި، އެއީ ފައިދާހުރި އެއްޗަކަށް ހަދަން އެނގުމެވެ. އެމީހުންގެ ހހިތްނުތަނަވަސްކަމާއި ނުވަތަ ހާސްކަން ކުޑަކޮށް، އެކަމުން އަރައިގަތުމަށް ޚާއްޞަ އުކުޅުތަކެއް ބޭނުންކުރެއެވެ.
ތިބާ އެންމެ ބޮޑަށް ބިރުގަންނަނީ ކޮން ކަމަކުންކަން ދެނެގަންނާށެވެ!
އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ އެދެވޭ ތަޖުރިބާ ނެތުމާއި، އަޑުއަހަން ތިބި މީހުންނާ ތަފާތު މީހެކޭ ހީވުމާއި، ނުވަތަ އެންމެންގެ ސަމާލުކަން ތިބާއަށް ހުއްޓިފައި ހުރުމުން އުނދަގޫވުން، މިއިން ކޮންމެ ކަމަކީ ވެސް ވާހަކަދެއްކުމުގެ ބިރުވެރިކަން (ޕަބްލިކް ސުޕީކިންގ އެންޒައިޓީ) އުފެދެން މެދުވެރިވާ ކަންކަމެވެ. އެއީ އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ތެރޭގައި ނުވަތަ ވާހަކަދައްކަން ތައްޔާރުވާ އިރު ކުރިމަތިވާ ބިރުވެރިކަމާއި ހާސްކަމެވެ. ތިބާއަށް ބިރުވެރިކަން އިޙްސާސްވާން ފަށަނީ ކޮން މަރުޙަލާއެއްގައިކަން ދެނެގަނެވިއްޖެނަމަ، އެ ބިރު ކުޑަކުރުމަށް ފަސޭހަވާނެއެވެ. ހިތްބިރުގަންނަންޖެހޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެހެންކަމުން އެންމެ ބޮޑަށް ހިތްބިރުގަންނަ ކަންތައް ހޯދާށެވެ.
އެދެވޭ ތަޖުރިބާއެއް ނެތުން: އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމަ، ނުވަތަ ކުރިން ހިތްހަމަނުޖެހޭ ތަޖުރިބާއެއް ކުރެވިފައިވާނަމަ، ދެން ވާނެ ގޮތަކާމެދު ބިރުގަތުމަކީ ދިމާވާނެ ތަބީއީ ކަމެކެވެ. އަދި މި ބިރިވެރިކަމުން އަރައިގަތުމުގައި އެދެވޭ ތަޖުރިބާއެއް ނެތުމުން، ބިރުވެރިކަމުން އަރައިގަތުމަކީ އުނދަގޫ ކަމެކެވެ. ރަނގަޅު ތަޖުރިބާއެއް ކުރެވިފައި ނުވާ ނަމަ ބިރުގަނެއެވެ. ބިރުގަންނަ ނަމަ ވާހަކަދައްކާކަށް ނުކުރެއެވެ. އެހެންކަމުން މިކަން ގިނަފަހަރު ވެފައި އޮންނަނީ މިއީ ގުޅިލާމެހިފައިވާ ކަމެއްގެ ގޮތުގައެވެ. އާޚިރުގައި ބައެއް މީހުން މީގެ ސަބަބުން ނިންމަނީ މުޅިން ވެސް ތަގުރީރުދިނުމާ ދުރުވުމަށެވެ. މީގެ ސަބަބުން ވާހަކަދެއްކުމުގެ ބިރުން އެމީހުން ސަލާމަތްވީ ނަމަވެސް، އެކަމުން ލިބެންހުރި ބޮޑެތި ފައިދާތަކާއި ފުރުޞަތުތައް އެމީހުންނަށް ގެއްލިގެންދާކަން އެއީ ވެސް ހަމަ ވިސްނަންޖެހޭ ކަމެކެވެ.
އެހެންމީހުންނަށް ވުރެ ދަށް މީހެކޭ ހީވުން: ވަރަށް ގިނަފަހަރަށް ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމަންނައަކީ އެހެން މީހުންނަށް ވުރެ ދަށް މީހެއް ކަމަށެވެ. ތިމަންނަގެ ކިބައިގައި އެއްވެސް ހުނަރެއް ނެތްކަމަށެވެ. އެހިސާބުން ހަތިޔާރުބަހައްޓައި ބަލިގަބޫލުކޮށް އަމިއްލައަށް އަމާންދެއެވެ. ވަކިން ޚާއްޞަކޮށް އަލަށް ވާހަކަދައްކަން ފަށާ މީހުންނަށް ގިނަފަހަރަށް އިޙްސާސްވަނީ އެކަނިވެރިކަމެވެ. އެއީ ވާހަކަދެއްކުމުގެ ބިރުވެރިކަން އިޙްސާސްވާ ހަމައެކަނި މީހަކީ އެއީ ކަމަށް ހީވުމެވެ. އަޑުއަހާ މީހުންގެ ކުރިމަތީގައި ހުންނަންޖެހޭ ހާލަތު އައުމުން، އެމީހުންގެ އަމިއްލަ ކަންކަމަށް މާބޮޑަށް ސަމާލުކަން ދެވޭގޮތްވެއެވެ. އޭގެ ތެރޭގައި އިސްތަށިގަނޑު ކޮށާފައިވާ ގޮތް ރަނގަޅުނުވުން ނުވަތަ ވާހަކަދައްކާ ރާގު ތަފާތުވުން ފަދަ ކަންކަން ހިމެނެއެވެ. އަލަށް ވާހަކަދައްކާ މީހުންނަށް ހީވެދާނެއެވެ؛ އެމީހުން ދައްކާ އެއްވެސް ވާހަކައަކަށް އެހެން މީހަކު ޝައުގުވެރިއެއް ނުވާނެއެވެ. ތަޖުރިބާ ނެތުމުގެ ސަބަބުން، ތަފާތުވުމަކީ ދެރަގޮތެއް ކަމަށް ހީކޮށް ހާސްވެއެވެ. ނަމަވެސް ހަގީގަތަކީ، ކޮންމެ މީހަކީވެސް އެކި ގޮތްގޮތުން އެހެން މީހުންނާ ތަފާތު މީހެކެވެ. އަދި ހަމައެއާ އެކު، ތަގުރީރެއް ދޭންޖެހުމުން ކޮންމެ މީހަކު ވެސް ހާސްވާނެއެވެ.
އެންމެންގެ ސަމާލުކަން ތިބާއަށް ހުއްޓިފައިހުރުން: އަޑުއަހަން ތިބޭ މީހުންގެ ބައެއް އަމަލުތަކުގެ ސަބަބުން، އެކަކު އަނެކަކާ ވާހަކަދެއްކުން ނުވަތަ ވާހަކަދައްކާ މީހާއަށް ބަލައިނުލުން ފަދަ ކަންކަމުގެ ސަބަބުން، ވާހަކަދައްކާ މީހާގެ ހިތްނުތަނަވަސްވާ ގޮތް ދިމާވެދާނެއެވެ. މިފަދަ ހާލަތެއްގައި ގިނަފަހަރަށް ވިސްނެނީ، އަހަރެމެންނަށް ކޮންމެވެސް ގޯހެއް ހެދެނީ ކަމަށެވެ. އަދި އެއީ ކޮން ގޯހެއްބާއޭ، އޭގެ އަޑުއަހަން ތިބި އެންމެންނަށް އެކަން ފާހަގަވީބާއޭ ހިތަށްއަރައެވެ. މިފަދަ ވިސްނުންތަކާ ދުރުނުވެވިއްޖެ ނަމަ، ދައްކަމުންދާ ވާހަކައަށް ދޭންޖެހޭ ސަމާލުކަން ގެއްލި، މުޅި ސަމާލުކަން އަމިއްލަ ނަފްސަށް (“އަހަރެން”) ހުއްޓޭގޮތްވެ ހާސްކަމާއި ކަންބޮޑުވުން އިންތިހާއަށް އިހުސާސްކުރަން ފަށައެވެ. މުޅި ސަމާލުކަން އަމިއްލަ ނަފްސަށް ހުއްޓި ހާސްކަން އިތުރުވެގެންދެއެވެ! ނަމަވެސް، ހަގީގަތަކީ އަހަރެމެން ދައްކަން ބޭނުންނުވާ ކަންކަން، އަޑުއަހާ މީހުންނަކަށް އާންމުކޮށް ފާހަގައެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ތިބާގެ ތަގުރީރަކީ ރަނގަޅަށް ތައްޔާރުކުރެވި، ފަރިތަކުރެވި، ފުރިހަމައަށް ހުށަހަޅައިދޭ ތަގުރީރެއް ނަމަ މިކަން ވަކިން ކުޑަވާނެއެވެ.
ހާސްކަން ފެށޭ ވަގުތު ދެނެގަންނާށެވެ!
އެކި މީހުންނަށް ވާހަކަދެއްކުމުގެ ތެރޭގައި ހާސްކަން ކުރިމަތިވަނީ އެކި މަރުޙަލާގައެވެ. ހާސްކަން ކުރިމަތިވާ ވަގުތެއްގެ މައްޗަށް ބަލައި، އޭގެ ނޭދެވޭ އަސަރުތައް ތަފާތުވެދާނެއެވެ. އޭގެ ތެރޭގައި މަސައްކަތް ފަސްކުރުމުން ފެށިގެން ދެވޭ ތަގުރީރުގެ ފެންވަރު ދަށްވުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް، ހާސްކަން ފެށޭ ވަގުތު ދެނެގަނެވިއްޖެނަމަ، ޚާއްޞަ އުކުޅުތަކެއް ބޭނުންކޮށްގެން އަވަސް ހައްލެއް ހޯދިދާނެއެވެ.
ތައްޔާރުވުމުގެ ކުރިން ކުރިމަތިވާ ހާސްކަން: ބައެއް މީހުންނަށް ތަގުރީރެއް ދޭންޖެހޭކަން އެނގޭ ހިސާބުން ފެށިގެން ހާސްކަން ކުރިމަތިވެއެވެ. އެންމެ ކުރީ މަރުޙަލާގައި ކުރިމަތިވާ މި ހާސްކަމުގެ ސަބަބުން ނޭދެވޭ ގިނަ ކަންތައްތަކެއް ދިމާވެއެވެ. އޭގެ ތެރޭގައި ތަގުރީރު ރޭވުމަށް ފަސްޖެހުމާއި، ހާސްކަމުގެ ތެރެއަށް މާބޮޑަށް ގެނބިގެންގޮސް ތަގުރީރަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ގެއްލުން ހިމެނެއެވެ. މިއީ ތިބާއަށް ދިމާވާ ގޮތް ނަމަ، މި މަރުޙަލާގެ ކުރީކޮޅުގައި ހާސްކަން ކުޑަކޮށްދޭ އުކުޅުތައް ބޭނުންކުރަން ފަށާށެވެ.
ތައްޔާރުވާ މަރުޙަލާގައި ކުރިމަތިވާ ހާސްކަން: މަދު މީހުންނަށް ހާސްކަން ކުރިމަތިވަނީ އަމަލީ ގޮތުން ތަގުރީރަށް ތައްޔާރުވާން ފަށާ ހިސާބުންނެވެ. އެ ހިސާބުން، ތައްޔާރުވުމަށް ނަގާ ވަގުތާއި ކުރަންޖެހޭ ރޭވުންތައް ގިނަކަމުން އެމީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ. މަސައްކަތް ހުއްޓި، ތާވަލަށްވުރެ ފަހަތަށް ގޮސް، ނުވަތަ މުހިންމު ނުކުތާއަކަށް ބޭނުންވާ ހެކި ނުފެނިދާނެއެވެ. މިފަދަ ފިއްތުންތަކުގެ ސަބަބުން ފިކުރުބޮޑުވެ، ސްޓްރެސް ލެވެލް މަތިވެ، މަސައްކަތް ފަސްކުރުން އާދައަކަށްވެ، ކަންކަމުން ރެކެން އުޅުމުގެ ސިލްސިލާއެއް ފެށެއެވެ. މިއިން ކޮންމެ ކަމަކީ ވެސް ތައްޔާރުވުމުގެ މަރުޙަލާގެ ހާސްކަމަށް މަގުފަހިކުރާ ކަންކަމެވެ. މި މަރުޙަލާގައި ހާސްވާނަމަ، ކުރު އަރާމު ވަގުތުކޮޅުތަކެއް ނަގައިގެން ހާސްކަން ކުޑަކުރާށެވެ.
ހުށަހެޅުމުގެ ކުރިން ކުރިމަތިވާ ހާސްކަން: ބައެއް މީހުންނަށް ހާސްކަން ކުރިމަތިވަނީ ތަގުރީރު ފަރިތަކުރާ މަރުޙަލާގައެވެ. މި ހިސާބުން، ހަގީގީ ހާލަތު ވަޒަންކުރެވެން ފަށައެވެ. މި އުޅެނީ އެތައް ބައެއްގެ ކުރިމައްޗަށް ނުކުންނަންކަމުގެ އިހުސާސްކުރެވެންފަށައެވެ. މި ނުކުމެވެނީ އަހަރެންގެ ކިތަންމެ ކުޑަ ހަރަކާތެއް ނަމަވެސް ބަލައި ވަޒަންކޮށް ފާޑުކިޔައި މަލާމާތްކޮށްފާނެ ފަދަ ބައެއްގެ ކުރިމައްޗަށް ކަމަށް ހީވާންފަށައެވެ. ވަކި ހިސާބަކުން ދެން މިކަން މީ ތިމަންނައަށް ކުރެވޭވަރު ކަމެއް ނޫނޭ ވެސް ހިތަން އަރަންފަށައިފާނެއެވެ. ފަރިތަކުރަމުންދާއިރު، އަޑުއަހަން އޯޑިއަންސްގައި ތިބޭ މީހުން ބޭނުންވާނެ ކަހަލަ ވާހަކަތަކާއި ޚިޔާލުތައް ތަޤުރީރުގައި ނެތްކަމަށް ވެސް ހީވެދާނެއެވެ. ނޫނީ ބޭނުންވާ ވަރަށް ސާފުނޫންކަން ނުވަތަ ޝައުގުވެރި ނޫންކަން ވެސް ފާހަގަކުރެވިދާނެއެވެ. ވަގުތު ކުޑަތަންވަމުންދާކަން އެނގުމުން، އިތުރަށް ހާސްވާން ފަށައެވެ. މި ހާސްކަން މާބޮޑުވެ، އެއީ ނޭދެވޭ ކަމެއްގެ ގޮތުގައި މާނަކުރެވިއްޖެނަމަ، ފަރިތަކުރުން އެއްކޮށް ހުއްޓާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ހުށަހެޅުމުގެ މަރުޙަލާގެ ހާސްކަން: ގިނަ މީހުންނަށް ހާސްކަން އެންމެ ބޮޑުވަނީ ވާހަކަދައްކަން ފެށުމުގެ ދާދި ކުޑައިރުކޮޅެއް ކުރީންނެވެ. މިއީ ތަމްސީލުކުރާ ފަންނާނުންނަށް ވެސް ދިމާވާ ކަމެކެވެ. އެމީހުން ބުނާ ގޮތުގައި އެންމެ ބޮޑަށް ބިރުގަންނަނީ ސްޓޭޖަށް ނުކުންނަ ވަގުތުގައެވެ. ތަގުރީރު ދިނުމުގައި ހުށަހެޅުމުގެ މަރުޙަލާގެ ހާސްކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ތައާރަފުގެ ބައިގައެވެ. އެއީ ތަގުރީރުގެ ފުރަތަމަ ބައި ނުވަތަ ހުޅުވާލުމުގެ ބައި ކުރިއަށްދާ ވަގުތުގައެވެ. އަޑުއަހާ މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ތިމާއާ ދިމާއަށް ހުރިކަން އިޙްސާސްވާނީ މިވަގުތުގައެވެ. ނަތީޖާއަކީ ހާސްކަން އިތުރުވުމެވެ. ނަމަވެސް، ތަޖުރިބާކާރު ވާހަކަދައްކުންތެރިން އެއްބަސްވާ ގޮތުގައި، ތައާރަފުގެ ބައިގައި ހާސްކަން ކޮންޓްރޯލް ކުރެވިއްޖެނަމަ، ތަގުރީރުގެ ބާކީ ބައި ކުރިއަށްގެންދިއުން މާ ފަސޭހަވެގެންދާނެއެވެ. ތަގުރީރާ މެދު ހާސްކަން ކުރިމަތިވަނީ ކޮންމެ މަރުޙަލާއެއްގައި ކަމުގައި ވިޔަސް، މުހިންމު ކަމަކީ ތިބާގެ ހާސްކަން މެނޭޖުކުރުމެވެ. އެހެންކަމުން، ހާސްކަމުގެ ތެރެއަށް ގެނބި ތިބާގެ ޝައުގުވެރިކަން ގެއްލުވައިލިޔަ ނުދީ، ކާމިޔާބު ތަގުރީރެއް ދިނުމަށް ބޭނުންވާ ވަގުތާއި ހަކަތަ ހުސްކުރުމަށް ހުރަސްއެޅުނަ ނުދޭށެވެ!