Skip to content Skip to footer

އިސްލާމީ ޢިލްމުވެރިކަމުގެ ރަންޒަމާން 4ވަނަބައި – އިބުނު ބަތޫތާގެ ދަތުރުނާމާ

14 ވަނަ ޤަރުނުގައި އުޅުއްވި މޮރޮކޯގެ ރައްޔިތެއް ކަމަށްވާ އިބުން ބަޠޫޠާއަކީ އެޒަމާނުގައި އުޅުއްވި އެންމެ އަރާހުންނެވި އެއް ދަތުރުވެރިޔާއެވެ. އިބުނު ބަތޫތާ އެއްފަހަރަކު ލިޔުއްވާފައިވެއެވެ. “ދަތުރުފަތުރުކުރުމަކީ އިންސާނާ ޙައިރާންކޮށް، ބަސްހުއްޓުވާލުމަށްފަހު، ވާހަކަ ކިޔައިދޭމީހަކަށް ބަދަލުކޮށްލާ ކަމެކެވެ.” މި ލިޔުމުގައި ބަލައިލެވިފައިވާނީ ޠަންޖާއިން (ޓެންޖިއާ) ފެށިގެން ގޮސް އެއަށްވުރެ ދުރަށް އިބުނު ބަތޫތާ ކޮށްފައިވާ ދަތުރުތަކަށެވެ.

އިބުން ބަޠޫޠާ އުފަންވެވަޑައިގަތީ މީލާދުން 1304ވަނަ އަހަރުގެ ފެބްރުއަރީ 25 ގައެވެ. އެއީ ތަތާރުން (މޮންގޯލުން)ގެ ލަޝްކަރުން އިސްލާމީ ޚިލާފަތުގެ މައިމަރުކަޒު ކަމުގައިވި ބަޣުދާދު ސުންނާފަތިކޮށްލި ތާރީޚީ ޙާދިސާއަށް ގާތްގަނޑަކަށް 50 އަހަރު ފުރުނު ތަނާއެވެ. 1258 ވަނަ އަހަރު ބަޣުދާދަށް ދިން ޙަމަލާއަކީ އިސްލާމީ މެދުއިރުމަތީގެ ރަންޒަމާން ނިމުމަކަށް އައި އެންމެ ބޮޑު ސަބަބު ކަމުގައި ޢާންމުކޮށް ފާހަގަކުރެވެއެވެ. ނަމަވެސް އިބުން ބަޠޫޠާ އެ ސަރަޙައްދަށް ވަޑައިގަތީ އޭގެ އަހަރުތަކެއް ފަހުންނެވެ. ނަމަވެސް އޭނާ އެސަހަރުން ސިފަކުރައްވާފައިވާ ކަންކަމުން އެއީ ވީރާނާވެފައިވާ ޙަޟާރަތެއް ކަމަކަށް ސިފައެއް ނުވެއެވެ. އޭނާ ލިޔެފައިވެއެވެ.

“ބަޣުދާދުގައި ހަންމާމުތައް (ފެންވަރާތަންތަން) ގިނައެވެ. އަދި އެ ތަންތަން ފުރިހަމައަށް ބިނާކުރެވިފައިވެއެވެ. ކޮންމެ ތަނެއްގައި ޚާއްޞަ ގިނަ ހަންމާމުތަކެއް ހުރެއެވެ. އަދި ކޮންމެ ތަނެއްގައި ހޫނު ފެނާއި ފިނިފެން ލިބޭނެ ދެ އިސްކުރު ހުރެއެވެ. ފެންވަރަން ވަންނަ ކޮންމެ މީހަކަށް ތިން ފޮތިގަނޑު (ތުވާލި) ދެވެއެވެ. އެއީ އެތެރެއަށް ވަންނައިރު އުނަގަނޑުގައި އޮޅާލާ ފޮތިގަނޑަކާއި، ނުކުންނައިރު އުނަގަނޑުގައި އޮޅާލާ ފޮތިގަނޑެއްގެ އިތުރުން ހަށިގަނޑު ހިއްކުމަށް ދެވޭ ފޮތިގަނޑެކެވެ. ބަޣުދާދު ފިޔަވައި އެހެން އެއްވެސް ރަށަކުން މިފަދަ ފުރިހަމަ އިންތިޒާމެއް ތިމަން ދެކެވަޑައިނުގަންނަވަމެވެ. އެކަމަކު ބައެއް އެހެން ރަށްރަށުގައި ވެސް މިކަމާ ގާތްކުރާ ގޮތްތަކެއް ހުރެއެވެ.”

އިބުން ބަޠޫޠާގެ ޒަމާނުގެ އިސްލާމީ ދުނިޔެއަށް ބަލާއިރު އަޅުގަނޑުމެން ދެ އަމާޒެއް ހަނދާނުގައި ބަހައްޓަންޖެހެއެވެ: ފުރަތަމަ ކަމަކީ، އިސްލާމީ ރަންޒަމާން ނިމިއްޖެކަމަށް ބުނެވޭ ފަހުން އެ ދުނިޔެ އޮތްގޮތް ދެނެގަތުމާ އެކު، އެއަށްފަހު ވެސް ދެމިއޮތް ޢިލްމީ އަދި ޘަޤާފީ ތަރިކައަށް ސަމާލުކަންދިނުމެވެ. ދެވަނަ ކަމަކީ، މީލާދީން 1258ގެ ބަޣުދާދުގެ ޙަމަލާއާ އެކު އިސްލާމީ ރަންޒަމާން ކުއްލިއަކަށް ނިމުމަކަށް އައިކަމަށް ދެކޭ ޢާންމު ޤަބޫލުކުރުން އަލުން ވަޒަންކުރުމެވެ.

މެދުއިރުމަތީގެ ޙަޟާރަތަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކާ ވަކިވެގެން އޮތް ތަނެއް ނޫނެވެ. އެއީ އަބަދުވެސް ދުނިޔެއާއި ދުނިޔޭގެ ތާރީޚާ ގުޅިފައިވާ ތަނެކެވެ. މިއީ ހަތްވަނަ ޤަރުނުގައި އިސްލާމްދީން އައުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ކަންއޮތް ގޮތެވެ. މިކަމަށް ޣާފިލުވުމަކީ އޮޅުންބޮޅުންތަކާއި ނޭނގުންތަކަށް މަގުފަހިވާނެ ކަމެކެވެ.

އިބުން ބަޠޫޠާގެ އާއިލާއަކީ ބަރުބަރީ (އުތުރު އެފްރިކާގެ އަޞްލު) އާއިލާއެކެވެ. އެއީ އިސްލާމީ ފިޤުހުވެރިންގެ އާއިލާއެކެވެ. އިބުން ބަޠޫޠާވެސް އުގެނިވަޑައިގަތީ އެ ޢިލްމެވެ. އިބުން ބަޠޫޠާގެ ޙަޔާތާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އެނގޭ ހުރިހާ މަޢުލޫމާތެއްހެން ލިބެނީ އޭނާ ލިޔުއްވާފައިވާ ދަތުރުނާމާތަކުންނެވެ. މި ދަތުރުތައް ފެށުނީ މީލާދީން 1325ވަނަ އަހަރުގެ ޖޫން މަހު، އޭނާގެ އުފަން ރަށް ޠަންޖާއިން މައްކާއަށް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަތް ހިސާބުންނެވެ. އޭރު އޭނާގެ ޢުމުރުފުޅަކީ 21 އަހަރެވެ. އަދި އެއަށްފަހު މޮރޮކޯއަށް އެނބުރި ވަޑައިގަނެވުނީ 24 އަހަރު ފަހުންނެވެ.

އިބުން ބަޠޫޠާގެ ދަތުރުފުޅުތައް

އިބުން ބަޠޫޠާގެ ފުރަތަމަ ދަތުރުފުޅަކީ ހުޅަނގު ޢަރަބިކަރައިގެ މައްކާއަށް ކުރެއްވި ޙައްޖު ދަތުރުފުޅާއި އިސްލާމީ ތާރީޚާ ގުޅިފައިވާ އެހެން މުޤައްދަސް ބިންތަކަށް ކުރެއްވި ދަތުރުފުޅެވެ. ދީނީ ވާޖިބު އަދާކުރެއްވުމާއި މައްކާއަށް ޙުރުމަތްތެރިކޮށް ހިއްތެވުމުގެ އިތުރުން، އެކަލޭގެފާނު ދަތުރުކުރެއްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔެއާމެދު ހުރި ޝައުޤުވެރިކަމެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި ޢިލްމު ހޯއްދެވުމަށް ބޮޑު ޝައުޤެއް އުފެދި، އަމިއްލައަށް ތަޖުރިބާކުރައްވައިގެން މަޢުލޫމާތު ހޯއްދެވުމަށް އެދިވަޑައިގެންނެވިއެވެ. މައްކާއަށް ވަޑައިގަތުމަށްޓަކައި އިބުން ބަޠޫޠާ ދަތުރުކުރެއްވީ އުތުރު އެފްރިކާގެ ތޫނިސް، އީސާވިއްޔާ (މިސްރުގެ އެލެގްޒެންޑްރިއާ) އަދި ޤާހިރާ (މިޞްރުގެ މިހާރުގެ ވެރިރަށް) މަގުންނެވެ. ޤާހިރާ ސިފަކުރައްވަމުން އެކަލޭގެފާނު ވިދާޅުވިއެވެ؛ އެއީ “އިމާރާތްތައް ގިނަކަމުން އިންތިހާއެއް ނެތް، ރީތިކަމާއި ފުރިހަމަކަމުގައި އެފަދަ ދެވަނައެއް ނެތް، އަންނަ މީހުންނާއި ދާ މީހުން ބައްދަލުވާ، އަދި ނިކަމެތިންނާއި ޢިއްޒަތްރެރީންގެ މަޤާމެވެ.”

ޤާހިރާއިން އެކަލޭގެފާނު އުތުރަށް ވަޑައިގަތީ ދިމިޝްޤު (ސީރިއާގެ ވެރިރަށް)، ޤުދުސް (ފަލަސްޠީނުގެ ވެރިރަށް) އަދި ބައިތުލަޙަމް (ބެތުލެހެމް) އަށެވެ. އެއަށްފަހު އަލުން ދެކުނަށް އެނބުރިވަޑައިގެން މަދީނާއަށާއި މައްކާއަށް ވަޑައިގެންނެވިއެވެ. ދިމަޝްޤަކީ ޢައްބާސީންގެ ބާރުގަދަވުމުގެ ކުރިން، ހިޖުރައިން 662އާއި 750 އާ ދެމެދު ވެރިކަންކުރި އުމަވީ ޚިލާފަތުގެ ވެރިރަށެވެ. ޢައްބާސީންގެ ވެރިރަށަކީ ބަޣުދާދެވެ. އިބުން ބަޠޫޠާ ދިމަޝްޤުގައި އުޅުއްވިިއިރު، އެއީ ޘަޤާފަތާއި ވިޔަފާރީގެ ބޮޑު މަރުކަޒެކެވެ. ގާތްގަނޑަކަށް 100،000 މީހުންގެ އާބާދީއެއް އޮތް ދިމަޝްޤު އޮތީ ބައިޒަންޓައިން އެމްޕަޔަރާއި، މެދުއިރުމަތި، މިޞްރު، ޕާޝިއާ (އީރާން)، އޭޝިއާ މައިނާ (މިއަދުގެ ތުރުކީ ސަރަހައްދު) އަދި ކަޅުކަނޑު ގުޅުވައިދޭ ސަހަރުގެ ގޮތުގައެވެ.

ދިމަޝްޤުން މައްކާއަށް ކުރެއްވި ދަތުރުފުޅުގައި އިބުން ބަޠޫޠާ ދަތުރުކުރެއްވީ ބޮޑު ޤާފިލާއަކާއެކުގައެވެ. އެޒަމާނުގައި ވެރިކަންކުރި މަމްލޫކުންނަކީ (250 އަހަރަށްވުރެ ގިނަ ދުވަހު މިޞްރުގައި ވެރިކަންކުރި ކުރީގެ އަޅު-ސިފައިންގެ ދަރިކޮޅެއް) ދިމަޝްޤުން މައްކާއަށްދާ ޙައްޖުވެރިންގެ ޤާފިލާތަކަށް ރައްކާތެރިކަން ދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ބަޔެކެވެ. މިއީ ރަށުގެ އިޤްތިޞާދާ ގުޅިފައިވާ ކަމަކަށްވާތީ، މަގުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވެރިންގެ މަޞްލަޙަތު އޮތްކަމެކެވެ. އެހެންނަމަވެސް ފޭރޭ މީހުންގެ ނުރައްކާ އަބަދުވެސް އޮންނާތީ، ގިނަ މީހުން އެކުވެގެން ދަތުރުކުރުމުގައި ރައްކާތެރިކަން ބޮޑެވެ.

ޙައްޖުގެ އަޅުކަމަށް މައްކާގައި މަހެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު (މީގެ ސަބަބުން އެކަލޭގެފާނަށް “ޙާޖީ” ގެ ޝަރަފުވެރި ނަން ލިބިވަޑައިގަތުން)، މޮރޮކޯއަށް އެނބުރި ވަޑައިގަތުމުގެ ބަދަލުގައި ދަތުރު ކުރިއަށްގެންދެވުމަށް ނިންމެވިއެވެ. ބޮޑު ދަތުރުވެރިއެއްގެ ގޮތުގައި އެކަލޭގެފާނުގެ ޙަޤީޤީ ދަތުރުފުޅު ފެށުނީ މި ހިސާބުންނެވެ. އަނެއްކާވެސް ޙައްޖުވެރިންގެ ޤާފިލާއަކާ އެކު، އިބުނު ބަޠޫޠާ ދަތުރުކުރެއްވީ ޢަރަބި ބައްރުގެ މެދުގައިވާ ނަޖުދު (މިހާރުގެ ސައުދީ އަރަބިއްޔާގެ ސަހަރެއް) ހުރަސްކޮށް، މިއަދުގެ ޢިރާޤުގައިވާ ނަޖަފަށެވެ. އެތަނުން އެކަލޭގެފާނު، ކީރިތި ރަސޫލާގެ ލޮބުވެތި ދަރިކަލުންގެ ފިރިކަލުން އަދި ސުންނީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީގެފާނުގެ މަޤާމަށް ޒިޔާރަތްކުރެއްވިއެވެ. އެއަށްފަހު، ބަޣުދާދަށް ދާންއުޅުނު ޤާފިލާއާ ވަކިވެވަޑައިގެން، އެކަލޭގެފާނު ވަޑައިގަތީ ޕާޝިއާ (އީރާން) އަށެވެ. ކުރިއަށްއޮތް 6 މަސްދުވަސް އެކަލޭގެފާނު ހޭދަކުރެއްވީ އިސްލާމީ މެދުޒަމާނުގެ މަޝްހޫރު ރަށްތައް ކަމުގައިވާ އިސްފަހާން، ޝީރާޒް އަދި ތަބްރީޒްގައެވެ. މި ރަށްރަށަކީ ސަރަޙައްދީ ވިޔަފާރީގައި ކުރިއަރާފައިވާ، އިސްލާމީ ރަންޒަމާނަށްފަހު ވެސް ޘަޤާފީ ދިރުން އޮތްކަން ހާމަކޮށްދޭ ރަށްތަކެކެވެ.

ޕާޝިއާއަށްފަހު، އިބުން ބަޠޫޠާ އެންމެ ފަހުން ބަޣުދާދަށް ވަޑައިގަތެވެ. ބަޣުދާދު ހަލާކުކޮށްލިތާ 70 އަހަރު ފަހުން އެތަނަށް ވަޑައިގެން އެކަލޭގެފާނު ލިޔުއްވިއެވެ: “ބަޣުދާދުގެ ހުޅަނގު ފަރާތަކީ އެންމެ ފުރަތަމަ ބިނާކުރެވުނު ބައެވެ. ނަމަވެސް މިހާރު އޭގެ ގިނަބައެއްވަނީ ވީރާނާވެފައެވެ…. [އަދި] އެ ސަހަރުގެ ހަސްފަތާލަކީ ވެސް ބޮޑު، ވީރާނާވެފައިވާ ތަނެކެވެ. އޭގެ ހަނދާންތައް ފިޔަވައި އެހެން އެއްޗެއް ނެތެވެ.” ނަމަވެސް، ބަޣުދާދު ސިޓީ ހަލާކުކޮށްލުމަށް އަމުރުކުރި މޮންގޯލުންގެ ވެރިޔާ ހުލާގޫ ޚާންގެ ވެރިކަމުގައި ވެސް ބަޣުދާދު އަލުން ބިނާކުރުމުގެ މަސައްކަތް އޮތީ ފެށިފައެވެ.

ބަޣުދާދުން އެކަލޭގެފާނު ވަޑައިގަތީ މިއަދުގެ ޢިރާޤުގެ އުތުރުގެ ބައެއް ތަންތަނަށެވެ. އޭގެތެރޭގައި މޫޞަލްއާއި ސިންޖާރު ފަރުބަދަތައް ހިމެނެއެވެ. ސިންޖާރަކީ 12ވަނަ ޤަރުނުން ފެށިގެން ޔަޒީދީންގެ ވަޒަނެވެ. ޔަޒީދީންނަކީ ޢިރާޤު، ސޫރިޔާ، ތުރުކީ އަދި އަރުމީނިއާއަށް ނިސްބަތްވާ ކުރުދީ ބަހުން ވާހަކައްކާ ބަޔެކެވެ. އެމީހުންގެ ދީނަކީ އެެއްކައުވަންތަކަމަށް އީމާންވާ ޤަދީމީ ދީނެކެވެ. މިއީ ޤަދީމީ އަސީރީ، ބަބިލޯނީ، ޕާޝިއަން އަދި ޔަހޫދީ ޙަޟާރަތްތަކުގެ އަސަރުކޮށްފައިވާ، އަދި ޕާޝިއާގެ ޒޮރޯއަސްޓްރިއަން ދީނާއި އިސްލާމީ ޞޫފީންގެ އަސަރުވެސް ކޮށްފައިވާ ދީނެކެވެ. އެއަށްފަހު އިބުން ބަޠޫޠާ އަނެއްކާ ވެސް ޢަރަބިކަރައަށް ވަޑައިގެން ދެވަނަ ޙައްޖު އަދާކުރެއްވިއެވެ. އަދި އެއަށްފަހު ޔަމަނަށް ވަޑައިގަތެވެ. ޔަމަނަށް ވަޑައިގަތުމަށް ޓަކައި އެކަލޭގެފާނު ރަތްކަނޑާއި ޢަރަބި ކަނޑާ ދެމެދުގައިވާ ޢަދަން ކަނޑުއޮޅި (މިހާރުގެ ބާބުލް މަންދަބް) ހުރަސްކުރައްވައި ސޯމާލިއާއަށް ވަޑައިގަތެވެ. އެތަނުން އެފްރިކާގެ ދެކުނު އައްސޭރިއަށް ދަތުރުކުރައްވައި ސޯމާލިއާގެ މޮގަދިޝޫ، ކެންޔާގެ މޮމްބާސާ، ޒަންޒީބާރު އަދި މިއަދުގެ ޓެންޒޭނިއާގައިވާ ކިލްވާގެ ހިސާބަށް ވަޑައިގަތެވެ. އެއަށްފަހު އަނެއްކާ ވެސް ކަނޑުމަގުން އުމާނަށް ވަޑައިގަތެވެ.

އެއަށްފަހު، ތިންވަނަ ޙައްޖު އަދާކުރެއްވުމަށް ޓަކައި މައްކާއަށް ވަޑައިގަތުމުގެ މަގުމަތީގައި ޕާޝިއަން ގަލްފަށް ދަތުރުކުރެއްވިއެވެ. އަދި މީލާދީން 1332ވަނަ އަހަރު އަނަތޯލިއާގެ (ތުރުކީ) ތަފާތު ރަށްރަށަށް ވަޑައިގަތެވެ. އޭގެތެރޭގައި ބަލިކަށިވަމުންދިޔަ ބައިޒަންޓައިން އެމްޕަޔަރގެ ވެރިރަށް ކޮންސްޓަންޓިނޯޕަލް (ތުރުކީގެ އިސްތަންބޫލް) ހިމެނެއެވެ. ތާރީޚުގެ މި ދަނޑިވަޅަކީ އުތުރު އަނަތޯލިއާގައި ޢުޘްމާނީ ޚިލާފަތު (އޮޓޯމަން އެމްޕަޔަރ) އުފެދެމުންދިޔަ ވަގުތެވެ. ޢުޘްމާނީންނަކީ، ޘަޤާފީ ގޮތުން ބަލާއިރު، ޢައްބާސީންގެ ޙަޤީޤީ ވާރުތަވެރިންނެވެ. މިއީ އިސްލާމީ ރަންޒަމާން ނިމުމަކަށް އައުމާ އެކު މެދުއިރުމަތީގެ ޘަޤާފީ ކުރިއެރުން ހުއްޓުނު ކަމަށް ބުނެވޭ ބުނުންތަކާމެދު އަލުން ވިސްނާލަންޖެހޭ ކަމެކެވެ.

އަނަތޯލިއާއިން އިބުން ބަޠޫޠާ ވަޑައިގަތީ މެދުތެރޭ އޭޝިއާގެ އަފްޣާނިސްތާނާއި އިންޑިއާއަށެވެ. އެތަނުން ދެކުނަށް ދަތުރުކުރައްވައި ދިވެހިރާއްޖެއަށް ވަޑައިގަތެވެ. ރާއްޖޭގައި 9 މަސްދުވަސް ހޭދަކުރެއްވުމަށްފަހު ސްރީލަންކާއަށް ވަޑައިގަތެވެ. އެއަށްފަހު އިރުމައްޗަށް ދަތުރުކުރައްވައި ބަރުމާ، މެލޭޝިއާ، އިންޑޮނޭޝިއާގެ ސުމަތުރާ އަދި ޝައްކެއްނެތް ގޮތުގައި ޗައިނާއަށް ވެސް ވަޑައިގަތެވެ. އިބުން ބަޠޫޠާ އެނބުރި ރަށަށް ކުރެއްވި ދަތުރުފުޅަށް ގާތްގަނޑަކަށް 3 އަހަރު ނެގިއެވެ. މީލާދީން 1348 ގައި ދިމަޝްޤަށް ވަޑައިގަނެވުނުއިރު، އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވިތާ 14 އަހަރުވެއްޖެކަން އެނގިވަޑައިގަތެވެ. އެހެންވެ އެކަލޭގެފާނު ސީދާ ރަށަށް ވަޑައިގަތުމަށް ނިންމެވިއެވެ. މީލާދީން 1349ގައި ޠަންޖާއަށް ވަޑައިގަނެވުނުއިރު، މަންމާފުޅު ވެސް “ކަޅު މަރު” (ބުބޮނިކް ޕްލޭގް)ގެ އާލަމީ ވަބާގައި މަސްތަކެއް ކުރިން އަވަހާރަވެއްޖެކަން އެނގިވަޑައިގަތެވެ. އިބުން ބަޠޫޠާ ވިދާޅުވި ގޮތުގައި އެކަލޭގެފާނުގެ އާއިލާއާއި، ރައްޓެހިން އަދި ކުޑައިރުގެ އެދުރުންގެ ގިނަ މީހުން ނިޔާވީ މި ވަބާގައެވެ. އެކަލޭގެފާނު ބާކީވީއެވެ. އެހެންކަމުން، ރަށަށް އެނބުރި ވަޑައިގަނެވުމުގެ އުފަލެއް ނުލިބި، ރަށުގައި މަޑުކުރައްވާނެ ސަބަބެއް ނެތުމުން، އަނެއްކާވެސް ދަތުރުފުޅުތައް ފެއްޓެވިއެވެ.

އަންދަލުސް (އެސްޕަނިއާ/ސްޕޭން) އަށް ވަޑައިގެން، އިބުން ބަޠޫޠާ ޣަރުނާޠާ (ސްޕެއިންގެ ގްރަނާޑާ)އަށް ޒިޔާރަތްކުރެއްވިއެވެ. މިއީ އެއްއިރެއްގައި ސްޕޭނާއި ޕޯޗުގަލްގެ ގިނަ ބަޔަކަށް ވެރިކަންކުރި ޤުރުޠުބާ (ސްޕެއިންގެ ކޯޑޯބާ) ޚިލާފަތުގެ ބާކީއޮތް މަދު ސިޓީތަކުގެ ތެރެއިން ސިޓީއެކެވެ. ޖިބްރޯލްޓާ ކަނޑުއޮޅި އަލުން ހުރަސްކުރައްވައި، އިބުން ބަޠޫޠާ މިޞްރާބުޖެއްސެވީ ދެކުނަށް، މާލީ އެމްޕަޔަރ އަށެވެ. މީލާދީން 1352ގައި އެކަލޭގެފާނު ވަޑައިގަތީ ސަހާރާގެ މެދުގައިވާ، ފަހުން “ރަން ސިޓީ” ގެ ގޮތުގައި މަޝްހޫރުވި ތިމްބަކްތޫ އަށެވެ. ތިމްބަކްތޫއަށް ފޯރުމަށް ޓަކައި އިބުން ބަޠޫޠާ އެފްރިކާގެ ސަހާރާ ސަހަރާގެ ތެރެއިން 1,500 މޭލުގެ އުނދަގޫ ދަތުރެއް ކުރެއްވިއެވެ. މިއީ އުނދަގޫ ދަތުރަކަށް ވިޔަސް، މިއީ ސަހާރާ ސަރަހައްދުގެ އިސްލާމީ ގައުމުތައް ގުޅުވައިދޭ ވިޔަފާރި މަގުތަކުގެ ސަބަބުން ކުރެވުނު ދަތުރެކެވެ. މި ދަތުރުތަކުގައި ދިމާވި ގިނަ ކަންކަމަކީ އިބުނި ބަތޫތާ އެހާ ގަޔާވެވަޑައިގެންނެވި ކަންކަމަކަށް ނުވެއެވެ. ސަހާރާ ސަރަހައްދުގެ ސަހަރުތަކުންނާއި އަވަށްތަކުން ފެނުނު ފަގީރުކަމާއި ބީރައްޓެހިކަން ކަމާމެދު ނުރުހުންވެވަޑައިގެން ލިޔުއްވާފައިވެއެވެ. ތަޣާޒާ (ތަގާޒާ)އަކީ “އެއްވެސް ރަނގަޅު ކަމެއް ނެތް ރަށެއް” ކަމަށާއި “މެހި އެންމެ ގިނަ ތަން” ކަމަށް ސިފަކުރެއްވިއެވެ. ނަމަވެސް އެތަނުން ވިއްކަން ހުރި ގިނައަދަދެއްގެ ރަނަށް އެކަލޭގެފާނު ތަޢުރީފުކުރެއްވިއެވެ. އިބުން ބަޠޫޠާ އަވަހާރަވީ މީލާދީން 1368ގައި ކަމަށް ގިނަލިޔުންތަކުގައި ލިޔެފައިވެއެވެ.