166Views
ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަދައްކަން ބިރުގަނޭހެއްޔެވެ؟ ޕޯޑިއަމްގައި ހުރެ ބަޔަކާ ވާހަކަދައްކަން ޖެހިލުންވޭހެއްޔެވެ؟ ނޫނީ ކުލާހުގައި އެހެން ދަރިވަރުންގެ ކުރިމަތީގައި ޕްރެޒެންޓޭޝަނެއް ދޭން ޖެހިލުންވޭހެއްޔެވެ؟ ބުޅާދެކެ ބިރުގަނޭތަ؟ ނޫނީ އެމްއާރުއައި މެޝިނަށް ބޯކޮޅު ކޮށްޕަން ބިރުގަނޭތަ؟ މިއިން ކޮންމެ ބިރަކީ ތަފާތު ބިރެކެވެ. ބައެއް ކަންކަމަކީ ހަމަ ބިރެވެ. އަނެއް ބައި ބިރަކީ އެއަށްވުރެ ބޮޑު ނަމެއް ކިޔަންޖެހޭ ދަރަޖައަށް ގޮސްފައިވާ ބިރެކެވެ. އެއަށް މިކިޔަނީ “ފޯބިއާ”އެވެ.
ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ޚިޔާލު އެކަނި ކުރިޔަސް ނުހަނު ބިރުގަނެ، ޖެހިލުންވި ނަމަވެސް، “ބިރު”(Fear) އާއި “ފޯބިއާ (Phobia) ގެ ދެމެދުގައިވާ ސާފު ތަފާތު ދެނެގަތުމަށް ވަގުތުކޮޅެއް ދިނުމަކީ މުހިންމު ކަމެކެވެ. މިއީ ހަމައެކަނި ކުރަންޖެހޭ ކަމަކާމެދު ގަންނަ ބިރަކަށްވުރެ ބޮޑު ކަމެއްކަން ތިބާއަށް ފާހަގަކުރެވިދާނެއެވެ. ތިބާގެ ކިބައިގައި ފޯބިއާއެއް ހުރެއްޖެނަމަ، އަޅަންޖެހޭ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހުރެއެވެ.
ބިރަކީ އެއާމެދު އިހުސާސް ކުރެވޭވަރުން، ތިބާގެ ކިބައިގައި ފޯބިއާއެއް ހުރެދާނެކަމާމެދު އޮޅުންބޮޅުން ބޮޑުވެދާނެ ވަރުގަދަ ޖަޒުބާތެކެވެ. މި ދެކަމުގެ ހުރި އެއްގޮތްކަމާއި ތަފާތުތަކަށް އަލިއަޅުވާލުމަށްފަހު، ތިބާއަށް އަމިއްލައަށް ވެސް ނިންމުމަކަށް އާދެވިދާނެއެވެ. އަދި ތިބާގެ ކިބައިގައި ހަގީގަތުގައިވެސް ފޯބިއާއެއް ހުރިކަމަށް އިހުސާސްކުރެވޭނަމަ، ކަމާބެހޭ މާހިރެއްގެ އިރުޝާދު ހޯދުމަކީ ވެސް ކުރުން އެދެވިގެންވާ ކަމެކެވެ.
ބިރު (Fear)
ބިރަކީ އިންސާނާގެ ރައްކާތެރިކަމާއި ސަލާމަތަށް ޓަކައި ނުހަނު މުހިންމު ދައުރެއް އަދާކުރާ އަސާސީ ޖަޒުބާތެކެވެ. މިއީ އަމިއްލަ ނަފުސު ރައްކާތެރިކުރުމަށް ޓަކައި އުފެދިފައިވާ އިހުސާސެކެވެ. ބިރުވެރިކަމުގެ އިހުސާސް ނުވާނަމަ، ނުރައްކާތެރި ކަންކަމުގައި މީހުން ބައިވެރިވެދާނެއެވެ. އިންސާނީ ދަރިފަސްކޮޅު ދެމިއޮތުމަށް މިއީ ކޮންމެހެން ބޭނުންތެރި އިހުސާސެކެވެ.
މި އިހުސާސަކީ އަސާސީ ކަމަކަށްވީ ނަމަވެސް، މިއީ ތަފާތު ގިނަ ސަބަބުތަކަކާ ހުރެ އުފެދޭ އެކުވި (ކޮމްޕްލެކްސް) ޖަޒުބާތެކެވެ. އާންމުގޮތެއްގައި މި އިހުސާސް އުފެދެނީ އިންސާނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އުފެދުމުގައި ވެސް ހަށިގަނޑުގައި ލައްވާފައިވާ ނިޒާމުގެ ތެރެއިންނެވެ. މީގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ނުވަތަ ކަންބޮޑުވުމުގެ މިންވަރު އެކި މީހުންގެ މެދުގައި ތަފާތުވެއެވެ.
މި އިހުސާސާ އެކު ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ބިރުގަންނަ ވަގުތު ހަށިގަނޑުގެ “އޮޓޯނޮމިކް ނާވަސް ސިސްޓަމް”އާއި “އެޑްރެނަލް ގްލޭންޑްސް”ގެ މަސައްކަތް އަވަސްވެއެވެ. އާންމުގޮތެއްގައި މީހުންނަށް ބިރުގަންނަކަން އެނގެނީ އެހިނދު ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކުންނެވެ. ތުރުތުރުއެޅުމާއި، ހަށިގަނޑުގެ މަސްތައް ހަރުވުމާއި، ނޭވާ އަވަސްވުމަކީ އާންމު ނިޝާންތަކެކެވެ. މީގެ އިތުރުން ހިތުގެ ހިނގުން އަވަސްވުމާއި، ދާހިތްލުމާއި، އަނގަ ހިކުން ފަދަ ކަންކަން ވެސް ދިމާވެއެވެ. ސިކުނޑިއަށް ބޭނުންވާ ހަކަތައަށްވުރެ، ފިލަން ދުވުމަށް ނުވަތަ ކުރިމަތިވާ ގޮންޖެހުމާ ކުރިމަތިލުމަށް ހަކަތަ ބޭނުންވާތީ، ލޭ ދައުރުވާ މިންވަރު ސިކުނޑިއާ ދުރަށް ހަށިގަނޑުގެ އެހެން ބައިތަކަށް ބަދަލުވެއެވެ.
ސިކުނޑިއަށް ލޭ ފޮނުވާ މިންވަރު އަވަސްކަމާ އެކު މަދުވުމުގެ ސަބަބުން، އިންތިހާއަށް ބިރުގަންނަ ވަގުތުތަކުގައި ބައެއް މީހުން ބޮލަށް އެނބުރުން އެރުމާއި ހޭނެތުން ފަދަ ކަންކަން ދިމާވެއެވެ. އަދި ނުރައްކަލުން ރައްކާތެރިވުމަށް ޓަކައި ހަށިގަނޑު ތައްޔާރުކޮށްދޭ “ފައިޓް އޯ ފްލައިޓް” (ކުރިމަތިލުން ނުވަތަ ފިލުން) އިހުސާސް އިސްވެގެންދެއެވެ. މިއީ ނުރައްކަލުން ރައްކާތެރިވުމަށް ޓަކައި، އެކަމާ ކުރިމަތިލުމަށް ނުވަތަ އެތަނަކުން ފިލުމަށް ހަށިގަނޑަށް އިރުޝާދުދޭ ނިޒާމެކެވެ.
ބިރަކީ ދަސްވާ ކަމަކަށް ވެސް ވެދާނެއެވެ. މިއީ އުފަންވި އިރު ރައްކާތެރިކަމަށް ޓަކައި ހަށިގަނޑުގައި ލައްވާފައިވާ ކަމެއްތޯ ނުވަތަ ތިމާވެށީގެ ތެރެއިން ދަސްވާ ކަމެއްތޯ އާމެދު ބަހުސްތަކެއް ހުރެއެވެ. އިންސާނާ ބިރުގަންނަ ކަންކަން ކަނޑައެޅުމުގައި އެ މީހަކު އުޅޭ މާހައުލު މުހިންމު ދައުރެއް އަދާކުރި ނަމަވެސް، މީގެ ތެރެއިން ދަސްވަނީ ކިހާވަރެއްކަމާއި، ސީދާ ހަށިގަނޑުގައި ލައްވާފައިވަނީ ކިވަރެއްކަން ސާފުކޮށް އެނގޭކަށް ނެތެވެ.
ފޯބިއާ (Phobia)
ފޯބިއާއަކީ ވަކި ޚާއްޞަ ކަމަކާމެދު އިންތިހާއަށް ބިރުގަތުމެވެ. މިއީ ސަބަބެއްނެތި، އަދި އާންމު މިންގަނޑަށްވުރެ ބޮޑަށް ގަންނަ ބިރެއް ކަމަށްވާތީ، މި ހާލަތު އާންމު ބިރުވެރިކަމާ ތަފާތުވެއެވެ. ފޯބިއާއަކީ އާންމު ކަމެކެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މިއީ ނަފުސާނީ ބައްޔެއްގެ ގޮތުގައި މާނަކުރެވެއެވެ.
ކަމެއް ނަފުސާނީ ބައްޔެއްގެ ގޮތުގައި ކަނޑައެޅެނީ، އެކަމެއްގެ ސަބަބުން އެ މީހެއްގެ ދުވަހީ އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށް ހުރަސްއެޅޭނަމައެވެ. މިސާލަކަށް، އުސް ތަންތަނަށް އަރަން ނުވަތަ އުސްތަންތަނުގައި ހުރެފައި ތިރިއަށް ބަލަން ބިރުގަތުމަކީ ހަމައެކަނި ނަފުސާނީ ބައްޔަކަށް ނުވެދާނެއެވެ. ނަމަވެސް، އުސް ތަނަކަށް އަރަން ބިރުގަންނަވަރުން ގޮސް، އާންމު ހާލަތުގައި ސިޑިން އަރާފޭބުމަށް ހުރަސްއެޅޭވަރަށް ބިރުގަންނަ ނަމަ އެއީ ނަފުސާނީ ބައްޔެކެވެ.
ފޯބިއާގެ މައިގަނޑު ތިން ބާވަތް
“ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރސް” އިން ގަބޫލުކުރާ ފޯބިއާގެ މައިގަނޑު ތިން ބާވަތެއްވެއެވެ. އެއީ “ސިމްޕަލް ފޯބިއާ” (ވަކި އެއްޗަކަށް ނުވަތަ ހާލަތަކަށް ބިރުގަތުން)، “ސޯޝަލް ފޯބިއާ” (އިޖުތިމާއީ މާހައުލުތަކަށް ބިރުގަތުން)، އަދި “އެގޮރާފޯބިއާ” (ތަނެއްގައި ތާށިވެދާނެތީ ބިރުގަތުން) އެވެ.
- ސިމްޕަލް ފޯބިއާ: މިއީ ތަފާތު ގިނަ ކަންކަމުގައި ދިމާވާ ކަމެކެވެ. މީގެ ތެރޭގައި ކޮންމެ އެއްޗެއް ނުވަތަ ކޮންމެ ހާލަތެއް ވެސް ހިމެނިދާނެއެވެ. މިފަދަ މީހުން އެ އެއްޗަކުން ނުވަތަ ހާލަތަކުން ރެކެން އިންތިހާއަށް ބޭނުންވެއެވެ. އަދި އެ ބިރަކީ ސަބަބެއް ނެތް ބިރެއްކަން އެ މީހުންނަށް އަމިއްލައަށް ވެސް އެނގެއެވެ. މިފަދަ ހާލަތްތައް މެދުވެރިވާ މީހުން އަބަދަކު ފަރުވާ ހޯދާކަށް ނޫޅެއެވެ.
- އެގޮރާފޯބިއާ: ކުރިން މީގެ މާނައަކީ ހާމަކަންބޮޑު ބޮޑެތި ތަންތަނަށް ދިއުމަށް ބިރުގަތުމެވެ. ނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މި ހާލަތު ތަހައްމަލުކުރާ މީހުން، ގެއިން ބޭރަށް ނުނުކުންނަނީ ތަނެއްގައި ނުވަތަ ކަމެއްގައި ނުވަތަ މައްސަލައެއްގައި ތާށިވެދާނެތީ ބިރުންނެވެ. ގަބޫލުކުރެވޭ ގޮތުގައި މިއީ ކުއްލިއަކަށް އިންތިހާއަށް ބިރުގަތުމުގެ ހާލަތެއް (“ޕެނިކް އެޓޭކް”) މެދުވެރިވުމުގެ ނަތީޖާއެކެވެ. އެމީހުން ބިރުގަންނަނީ އާންމު ތަނެއްގައި ނުވަތަ ސަލާމަތްވެގެން ނުދެވޭފަދަ ތަނެއްގައި އުޅެނިކޮށް މިފަދަ އެޓޭކެއް އަތުވެދާނެތީއެވެ.
- ސޯޝަލް ފޯބިއާ: މިއީ އިންސާނާގެ މައްޗަށް މުޅިން ވެރިވެގަންނަ ފޯބިއާއެކެވެ. ސޯޝަލް ފޯބިއާ ހުންނަ މީހަކު، އާންމުންގެ ކުރިމަތީގައި ވާހަކަދައްކަން ވިސްނާލުމުން ވެސް ބިރުން ގުޑިލަން ވެސް ނުކުރިފައި ހުރެދާނެއެވެ. އެހެން މީހުންގެ ދެކޭނެގޮތަކަށް ނުވަތަ އާންމުންގެ ކުރިމަތީގައި ފަޟީޙަތްވެދާނެތީ ގަންނަ ބިރަކީ އެމީހުން ނުކުޅެދޭ ހާލަތަކަށް ވައްޓާލާ ކަމެކެވެ.
ފޯބިއާގެ ހާލަތްތަކަކީ “އެންޒައިޓީ ޑިސްއޯޑަރ” (ކަންބޮޑުވުމުގެ ނަފުސާނީ ބަލި)ގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ހާލަތްތަކަށް “ބިހޭވިއަރ ތެރަޕީ”، ބޭސް، ނުވަތަ މި ދެކަން އެއްކޮށްގެން ފަރުވާ ކުރެވިދާނެއެވެ. އެހެނިހެން ފަރުވާގެ އުކުޅުތަކުގެ ތެރޭގައި ބިރުގަންނަ ހާލަތަށް ނުވަތަ އެއްޗަކަށް މަޑުމަޑުން ހޭނުވުމާއި (ޑިސެންސިޓައިޒްކުރުން)، އަދި ސިކުނޑިން ތަޞައްވުރުކުރުން (ވިޝުއަލައިޒޭޝަން) ހިމެނެއެވެ.
ގްލޮސޯފޯބިއާ (ވާހަކަދެއްކުމުގެ ފޯބިއާ)
ބިރާއި ފޯބިއާއާ ދެމެދު އަސާސީ ތަފާތުތަކެއްވެއެވެ. އަހަރެމެން ގަންނަ ބިރަކީ އަމިއްލަ ނަފުސު ރައްކާތެރިކުރުމަށް އަސާސީ ކަމެކެވެ. ބައެއް ފަހަރު އެއީ ބުއްދިއަށް ނުފެތޭ ކަމެއްގެ ގޮތުގައި ސިފަވިޔަސް، އޭގެ ސަބަބުން ދުވަހީ ދިރިއުޅުމުގެ ކަންކަން ކުރުމަށް ހުރަހެއް ނޭޅެއެވެ.
ފޯބިއާއަކީ ދެމިއޮންނަ، ސަބަބެއް ނެތް، އަދި އިންތިހާއަށް ބޮޑުވާ ބިރެކެވެ. ވަކި ހާލަތަކަށް އާދެވިދާނެތީ ނުވަތަ ވަކި އެއްޗަކާ ކައިރިވެވިދާނެތީ ކުރެވޭ ޚިޔާލަކީ ވެސް އިންތިހާއަށް ކަންބޮޑުވުން އުފައްދާ ކަމެކެވެ. ބިރާއި ފޯބިއާގެ އެންމެ ބޮޑު ތަފާތަކީ (އާންމު ދިރިއުޅުމަށް) ހުރަސްއެޅުމެވެ.
މިސާލަކަށް، މީހަކު ވާހަކައެއް ދައްކަން ނުވަތަ ޕްރެޒެންޓޭޝަނެއް ދޭން ބިރުގަތް ނަމަވެސް، އޭނާއަށް އާންމު ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެއެވެ. އޭނާ ދާހިއްލައި، ތުރުތުރުއަޅައި، ބުނަން އުޅުނު އެއްޗެއް ހަނދާންނެތުނު ކަމުގައި ވިޔަސް، އެ ހަރަކާތުގައި ބައިވެރިވެވޭނެއެވެ. ބިރުގަންނަވަރުން ވާހަކަނުދައްކާ ދޫކޮށްލި ކަމުގައި ވިޔަސް، އޭނާއަކީ އެކަން ކުރުމުގެ ގާބިލުކަން ހުރި މީހެކެވެ.
ނަމަވެސް، “ގްލޮސޯފޯބިއާ”(Glossophobia) ތަހައްމަލުކުރާ މީހެއްގެ ތަޖުރިބާ މުޅިން ތަފާތެވެ. އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ޚިޔާލު އެކަނި ކުރިޔަސް، އޭނާގެ މުޅި ނަފުސު ކަންބޮޑުވުމުގެ ތެރެއަށް ޣަރަގުވެގެންދެއެވެ. ހަށިގަނޑަށް މާ ބޮޑަށް އުނދަގޫވެ، މޭނުބައިކުރުމާއި ނުހަނު ބިރުގަންނަ ހާލަތަށް ދެއެވެ. ގްލޮސޯފޯބިއާ ހުންނަ މީހުން، ކޮންމެފަދަ ގުރޫޕަކާ ވެސް، ވާހަކަދައްކަންޖެހޭ ފަދަ ކޮންމެ ހާލަތަކުން ވެސް ރެކެން މަސައްކަތްކުރެއެވެ.
ގްލޮސޯފޯބިއާގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ބިރުގަތުމުން އަންނަ “ފައިޓް އޯ ފްލައިޓް” އިހުސާސާ ނުހަނު ގުޅުންހުރި ބަދަލުތަކެކެވެ. ހިތުގެ ހިނގުން އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެ، އަނގަ ހިކި، މަސްތައް ގަދަވެއެވެ. އިހުސާސްތައް ތޫނުވި ނަމަވެސް، ބޮލަށް އެނބުރުންއަރައި، ހޭނެތޭގޮތް ވެސް ވެއެވެ.
އާންމުންގެ ކުރިމަތީގައި ވާހަކަދައްކަން އުޅުމުގެ ތެރޭގައި ބައެއް މީހުންގެ ވާހަކަދެއްކުމުގެ އުނިކަން (ސްޕީޗް ޑިސްއޯޑަރ) އުފެދެއެވެ. މީގެ ތެރޭގައި އަޅައަޅައިގަތުމާއި އަނގައިން ބަސްނުނުކުތުން ހިމެނެއެވެ. އާންމުކޮށް ދައްކަން އުނދަގޫނޫން ބަސްތައް ބުނަން ވެސް މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް ދަތިވެއެވެ.
ގްލޮސޯފޯބިއާއަކީ ސީދާ އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމާ ގުޅުންހުރި ހާލަތެކެވެ. ބައެއް މީހުންނަކީ ލަވަކިޔުން ނުވަތަ ނެށުން ފަދަ ކަންކަމުން އާންމުންގެ ކުރިމަތީގައި ހުނަރު ދައްކާލެވޭ، ނަމަވެސް މި ސޯޝަލް ފޯބިއާ ހުންނަ މީހުންނެވެ. ވާހަކަދައްކާއިރު، ތިމާއަކީ ތިމާގެ އަމިއްލަ ނަފުސުގެ ބަދަލުގައި އެކްޓަރެއްގެ ގޮތުގައި ދެކެގެން، ބައެއް ހާލަތްތަކުގައި މި ޖެހިލުންވުމުން ސަލާމަތްވެވިދާނެއެވެ.