Skip to content Skip to footer

ސުމޭކު ފަރަގުގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކާއި އެކަމުގެ ހައްލުތައް

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެކަމަށް އެދި ހުށަހަޅާ އޮންލައިން ފޯމު އަމިއްލައަށް ފުރައި ހުށަހަޅަން އެނގުނުހެއްޔެވެ؟ އޮންލައިންކޮށް ބޭންކް އެކައުންޓެއް ހުޅުވަން އެނގޭހެއްޔެވެ؟ އާސަންދަ ޕޯޓަލްއިން ބޭސްފަރުވާގެ އެހީ  ހޯދުމަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަން އެނގުނު ހެއްޔެވެ؟ ނޫނީ އީފާސްމެދުވެރިކޮށް ލޮގިންވާން އެނގުނުހެއްޔެވެ. ކަރަންޓުބިލާއި ފެންބިލް އޮންލައިކޮށް ބަލާލައި އެ ބިލުތައް ދައްކަން އެނގޭހެއްޔެވެ؟ ނޫނީ ހޮސްޕިޓަލްތަކުގެ ޕޯޓަލްއަށް ވަދެ އަމިއްލައަށް ޑޮކްޓަރ އެޕޮއިންޓްމަންޓެއް ހަދަން އެނގުނުހެއްޔެވެ؟ ނޫނީ ޓެކްސީ އެޕަކުން ޓެކްސީއަކަށް އެދެން އެނގުނުހެއްޔެވެ؟ ނޫނީ މިކަންކަމުގައި ބަރޯސާވަނީ އެހެން މީހުންނަށް ހެއްޔެވެ؟ ނޫނީ ތިބާގެ ދަރިންނަށް ހެއްޔެވެ؟ ޖަވާބަކީ އާއެކޭ ކަމުގައި ވާނަމަ ތިޔަ ތަޖުރިބާކުރެވެނީ ސުމޭކު ފަރަގު (ޑިޖިޓަލް ޑިވައިޑް)ގެ ސަބަބުން ދިމާވާ ކަންކަމެވެ.

“ސުމޭކު ފަރަގު” މިއީ އެއްވެސް ހާލެއްގައި ކަމާބެހޭ މުއައްސަސާއަކުން ޑިޖިޓަލް ޑިވައިޑަށް ދީގެން އުޅޭ ނަމެއް ނޫނެވެ. މިއީ މި ލިޔުމުގައި ދިވެހި ނަމެއް ކިޔުމުގެ ގޮތުން އަޅުގަނޑު އަމިއްލައަށް ހަދައިގެން އުޅޭ ނަމެކެވެ. ނަމަވެސް ޑިޖިޓަލް މި ލަފުޒަށް ނަމެއް ހަދާފައި އޮވެއެވެ. އެއީ “ސުމޭކު” އެވެ. އެހެންކަމުން ޑިޖިޓަލް ޑިވައިޑަށް “ސުމޭކު ފަރަގު” މިގޮތަށް ބޭނުންކުރީއެވެ. ކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް ހީކުރަމެވެ.

ސްމޭކް ފަރަގަކީ ކޮބައިހެއްޔެވެ؟ ކުރުކޮށް ދަންނަވާނަމަ އެއީ ކުރިއަރަމުން މިއަންނަ ފަންނިއްޔާތު (ޓެކްނޮލޮޖީ)ގެ ޒަމާނުގައި އެ ފަންނިއްޔާތާ އެއްވަރަށް ފައިހަމަކުރަން ނޭނގި ފަހަތަށް ސޮއްސާލުމެވެ. އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތައް ބޭނުންކުރަން ނޭނގި މުޖުތަމައުގެ އެކި ކަންކަމުން ތިމާ ބާކީވަމުން ދިޔުމެވެ. އެންމެ އާދައިގެ ޚިދުމަތްތައް ހޯދުމުގައި ވެސް އެހެންމީހުންނަށް ބަރޯސާވާން ޖެހުމެވެ. މި ނޭނގުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ހަމައެކަނި ތިބާއެއް ނޫނެވެ. މިއީ އެއަށްވުރެ ގިނަ ފަރާތްތައް އެކަމުގައި އެކުލެވިގެންވާ ކަމެކެވެ. އަލަށް ކުރިމަތިވަމުން އަންނަ ބޮޑު މައްސަލަގަނޑެކެވެ.

ދިވެހިރާއްޖެ މިދަނީ ހަލުވިކަމާ އެކު ސުމޭކު (ޑިޖިޓަލް) މުޖުތަމަޢަކަށް ބަދަލުވަމުންނެވެ. ސަރުކާރުގެ ޚިދުމަތްތަކާއި، ބޭންކިންގ، ތަޢުލީމު، ޞިއްޙީ މަޢުލޫމާތު، ވިޔަފާރީގެ މުޢާމަލާތްތައް އަދި ދުވަހުން ދުވަހަށް ކުރެވޭ މުވާޞަލާތްތަކުގައި މިހާރު އެންމެ ބޮޑަށް ބަރޯސާވަނީ ސްމާޓްފޯނާއި، އިންޓަރނެޓް ކަނެކްޝަން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. މިއީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. ނަމަވެސް، މީގެ ސަބަބުން ނުރައްކަލެއް ވެސް ކުރިމަތިވެއެވެ. އެއީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ނުދަންނަ ނުވަތަ އެކަމުގެ ފުރުޞަތު ނެތް ފަރާތްތައް، އަސާސީ ޚިދުމަތްތަކުންނާއި މުޖުތަމަޢުގެ ބައިވެރިވުމުން އެކަހެރިވަމުން ބާކީވަމުން ދިއުމުގެ ނުރައްކަލެވެ.

މިއީ ހަމައެކަނި ދިވެހިރާއްޖޭގައި އިންޓަރނެޓުގެ ޚިދުމަތް ލިބެން ހުރިތޯ ނުވަތަ ނެތްތޯ ބެލުމުގެ މައްސަލައެއް ނޫނެވެ. އެންމެ މުހިންމު ސުވާލަކީ، އިސްރަށްވެހިން (އުމުރުން ދުވަސްވީ މީހުން)ނާއި، ކުދި ރަށްރަށުގައި ދިރިއުޅޭ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަދި ކުޑަ އާމްދަނީއެއް ލިބޭ ޢާއިލާތައް ހިމެނޭހެން އެންމެހައި ދިވެހިންނަށް ޑިޖިޓަލް ޚިދުމަތްތައް ލިބި، އެ އެއްޗެހި ދެނެގަނެ، މާލީގޮތުން އަތްފޯރާ، އިތުބާރުކުރެވޭ އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭތޯ ބެލުމެވެ. މި ލިޔުމުގައި ބަލައިލެވިފައިވާނީ  ދިވެހިރާއްޖެއަށް، ވަކިން ޚާއްޞަކޮށް އިސްރަށްވެހިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ކުރިމަތިވެދާނެ ނުރައްކާތަކާއި، އަދި ސުމޭކު ފަރަގު ކުޑަކުރުމަށް ކުރެވިދާނެ ޢަމަލީ ކަންތައްތަކުގެ މައްޗަށެވެ.

ސުމޭކު ފަރަގު ދެނެގަތުން

ސުމޭކު ފަރަގަކީ، ސުމޭކު ވަސީލަތްތަކުގެ ފައިދާ ފުރިހަމައަށް ހޯދޭ މީހުންނާއި، މުޖުތަމަޢުތަކާއި، ސަރަޙައްދުތަކާއި، އެ ފައިދާ ނުހޯދޭ ފަރާތްތަކުގެ މެދުގައިވާ ފަރަގެވެ. ގިނަ ފަހަރަށް މިއީ ހަމައެކަނި އިންޓަރނެޓް ލިބުމާއި ނުލިބުމުގެ މެދުގައިވާ ތަފާތެއް ކަމުގެ ކުށްހީ ކުރެވެއެވެ. ނަމަވެސް ޙަޤީޤަތުގައި މި ފަރަގު މިއަށްވުރެ މާ ބޮޑެވެ. މީހެއްގެ އަތުގައި ސްމާޓްފޯނެއް އޮވެ، އިންޓަރނެޓް ލިބުނު ކަމުގައި ވިޔަސް، ތިރީގައިވާ ސަބަބުތަކާ ހުރެ އެ މީހަކީ ސުމޭކު ގޮތުން މުޖުތަމައުން އެކަހެރިވެފައިވާ މީހަކަށް ވެދާނެއެވެ:

  • މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރަން ނޭނގުން؛
  • އެކަށީގެންވާ ޑޭޓާއެއް ނުވަތަ ފޯނެއް ގަންނާނެ ތަނަވަސްކަން ނެތުން؛
  • އޮންލައިން ފޯމުތަކާއި ސަރުކާރުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ މަޢުލޫމާތު ނޭނގުން
  • ކުށެއް ކުރެވިދާނެތީ ނުވަތަ ގޯހެއް ހެދިދާނެތީ ބިރުގަތުން؛
  • އޮންލައިންކޮށް ކުރެވޭ މުޢާމަލާތްތަކަށް އިތުބާރު ނުކުރުން؛
  • ފެނުމުގެ، އަޑުއިވުމުގެ، ވިސްނުމުގެ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން؛
  • މަކަރާއި ޙީލަތް (ސްކޭމް)ތަކަށާއި ދޮގު މަޢުލޫމާތަށް ހުށަހެޅުން؛
  • ސުމޭކު ވަސީލަތްތައް ބޭނުންކުރުމުގައި ޢާއިލާގެ މީހުންގެ މައްޗަށް ބަރޯސާވާންޖެހުން.

މި ތަފާތު ދެނެގަތުމަކީ ދިވެހިރާއްޖެއަށް މުހިންމު ކަމެކެވެ. ރާއްޖެއިން ވަނީ އިންޓަރނެޓް ގުޅުމާއި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އަދި 2022ގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގިނަ ގޭގޭގައި ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރެއެވެ. ނަމަވެސް، ޤައުމީ އެވްރެޖް ނަންބަރުތަކުގެ ފަހަތުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު، ފަންނިއްޔާތަށް އަހުލުވެރި މީހުންނާއި ނުވާ މީހުންނާ ދެމެދު، އަދި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބޮޑެތި ތަފާތުތަކެއް ވެއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް އޮތް ޙަޤީޤީ ގޮންޖެހުމަކީ، ހަމައެކަނި ސުމޭކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެންމެން ބައިވެރިކުރެވޭ ޑިޖިޓަލް މުޖުތަމަޢަކަށް ބަދަލުވުމެވެ.

ސުމޭކު ދިވެހިރާއްޖެ: ބޮޑު ފުރުޞަތެއް، ބޮޑު ހިރާސް (ރިސްކު) އެކުލެވޭ ކަމެއް

ދިވެހިރާއްޖެއަކީ ސުމޭކު ބަދަލުތަކުގެ ފައިދާ އެންމެ ބޮޑަށް ހޯދިދާނެ އެއް ޤައުމެވެ. އެކި ދިމާއަށް ފެތުރިފައިވާ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވުމުން، ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ބޮޑު ޚަރަދެއްދާ އަދި އުނދަގޫ ކަމެކެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން މި ދުރުމިނުގެ ނުފޫޒު ކުޑަކޮށްދެއެވެ.

ކުޑަ ރަށެއްގައި ދިރިއުޅޭ މީހަކަށް އަންނަނިވި ފުރުޞަތުތައް ލިބިގެންދެއެވެ:

  • ރަށުގައި ހުރެގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން؛
  • ދަތުރުނުކޮށް ސަރުކާރުގެ ލިޔެކިޔުންތައް ހޯދުން؛
  • އޮންލައިންކޮށް ކިޔެވުމުގައި ބައިވެރިވުން؛
  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކުން؛
  • ޑިޖިޓަލްކޮށް ފައިސާގެ މުޢާމަލާތްތައް ކުރުން؛
  • ކުއްލި ޙާލަތްތަކުގެ މަޢުލޫމާތު އަވަހަށް ހޯދުން؛
  • ޢާއިލާއާއި މުއައްސަސާތަކާ މުވާޞަލާތުކުރުން؛
  • ރަށުން ބޭރަށް ދާންނުޖެހި ތަމްރީނުތައް ފުރިހަމަކުރުން.

ކުދި ޖަޒީރާ ރަށްތަކަށް ޞިއްޙީ، ތަޢުލީމީ، އަދި ކާރިސާތަކުން ރައްކާތެރިވުމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ މުހިންމުކަން ވޯލްޑް ބޭންކުން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އަގުތަކާއި، ޚިދުމަތުގެ ފެންވަރާއި، ޚާއްޞަކޮށް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ އިންޓަރނެޓް ގުޅުމުގެ މެދުގައިވާ ފަރަގަކީ އަދިވެސް ބޮޑު ގޮންޖެހުމެއްކަމަށް އެ ބޭންކުން ވަނީ އިންޒާރުދީފައެވެ. އޭގެ ނުރައްކާ ސާފެވެ. ޑިޖިޓަލް ބަދަލުތައް އަންނަ މިންވަރަށް މުޖުތަމަޢުގެ އެންމެން އެކުގައި ބައިވެރި ނުކުރެވިއްޖެނަމަ، ފަންނިއްޔާތުގެ ސަބަބުން ބައެއް ފަރަގުތައް ކުޑަވި ނަމަވެސް، އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު އާ ހުރަސްތަކެއް ކުރިމަތިވެ އިތުރު މައްސަލަތައް އުފެދިގެންދާނެއެވެ. ސުމޭކުގެ ވަސީލަތްތައް ބޭނުންކުރަން އެނގޭ މީހަކަށް ހުނަރު ހުރި މީހާއަށްވުރެ ވަގުތު ސަލާމަތްވެ، މަޢުލޫމާތާއި ފުރުޞަތުތައް ލިބި، ސަރުކާރާއި ވިޔަފާރިތަކާ އެކު ފަސޭހައިން މުޢާމަލާތް ކުރެވޭނެއެވެ. ނަމަވެސް، މި ފަދަ ވަސީލްތަކުން އެކަހެރިވެފައިވާ މީހާއަށް ޖެހޭނީ އިތުރު ޚަރަދުތަކާ، އެހެން މީހުންނަށް ބަރޯސާވުމަށާއި، ނުތަނަވަސްކަމާ ކުރިމަތިލާށެވެ.

މާލްޑިވްސް 2.0: އެންމެން ބައިވެރިކުރުން މަރުކަޒީ ގޮތެއްގައި އޮތުން

ސަރުކާރުގެ “މޯލްޑިވްސް 2.0” އިނީޝިއޭޓިވްގެ މަޤްޞަދަކީ ޑިޖިޓަލް އައިޑެންޓިޓީ، ރައްކާތެރި އިންފްރާސްޓްރަކްޗަރ، ގުޅުވާލެވިފައިވާ ޑޭޓާ، ސައިބަރ ސެކިއުރިޓީ، ރައްޔިތުންނަށް އަމާޒުކުރެވިފައިވާ ޚިދުމަތްތައް، އަދި ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމުގެ ތެރެއިން ޤައުމު ބަދަލުކޮށްލުމެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޑިޖިޓަލް ބަދަލުތަކުގެ ފައިދާ މުޅި ޤައުމަށް ފުޅާކުރުމެވެ. މިއީ މުހިންމު، ފުރިހަމަ މިސްރާބެކެވެ. ނަމަވެސް، ޑިޖިޓަލް ސަރުކާރެއްގެ ކާމިޔާބީ މިނަންވާނީ ހަމައެކަނި:

  • އޮންލައިންކުރެވޭ ޚިދުމަތްތަކުގެ އަދަދަކުންނެއް ނޫނެވެ؛
  • ހަދާ އެޕްލިކޭޝަންތަކުގެ އަދަދަކުންނެއް ނޫނެވެ؛
  • ޑިޖިޓަލްކުރެވޭ ޑޭޓާގެ މިންވަރަކުންނެއް ނޫނެވެ؛ ނުވަތަ
  • އިންޓަނެޓް ފޯރުކޮށްދޭ  ހަލުއިމިނަކުންނެއް ވެސް ނޫނެވެ.

އެކަން މިނެކިރެންވާނީ މިއަށްވުރެ މުޖުތަމައުގެ ފަރުދުންނާ ގުޅިލާމެހިފައިވާ ކަންކަން ހިމަނައިގެންނެވެ. ކުޑަ ރަށެއްގައި ދިރިއުޅޭ އުމުރުން 70 އަހަރުގެ އިސްރަށްވެއްސަކަށް، އަމިއްލައަށް، ރައްކާތެރިކަމާ އެކު އަދި އަބުރުވެރިކަމާ އެކު މި ޚިދުމަތް ބޭނުންކުރެވޭނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ “ނޫން” ކަމަށްވާނަމަ، ޑިޖިޓަލް ބަދަލުވުން އެއޮތީ ފުރިހަމަނުވެއެވެ. ސަރުކާރުން ދޭތެރެއަކުން ވަނީ ޑިޖިޓަލް އެކަހެރިކަން ނައްތާލުމަށާއި، އެކި ސަބަބުތަކާ ހުރެ އެކަހެރިވާ ފަރާތްތައް ބައިވެރިކުރުމަށް އިސްކަންދޭނެކަން ހާމަކޮށްފައެވެ. އަދި ޤައުމީ “ޑިޖިޓަލް ފޯ އޯލް” ކެމްޕޭނުގައި ވެސް ޑިޖިޓަލް އަހުލުވެރިކަން އިތުރުކުރުމަށް އިސްރަށްވެހިންނަށް ޚާއްޞަ އިސްކަމެއް ދޭނެކަން ފާހަގަކޮށްފައިވެއެވެ.

ސުމޭކު ފަރަގުގެ ތަފާތު މިންގަނޑުތައް

1. ވަސީލަތްތައް ލިބުމުގެ ފަރަގު (އެކްސެސް ޑިވައިޑް)

ފުރަތަމަ މިންގަނޑަކީ އެންމެ ސާފުކޮށް ފެންނަން އޮތް ކަންތަކެވެ؛ އެއީ ވަސީލަތްތަކާއި އިންޓަރނެޓްގެ ޚިދުމަތް ލިބުމެވެ. ކޮންމެ މީހެއްގެ އަތުގައި ޒަމާނީ ސްމާޓްފޯނެއް، ކޮމްޕިއުޓަރެއް ނުވަތަ ޓެބްލެޓެއް ނޯވެއެވެ. އާއިލާއެއްގައި އެފަދަ އެންމެ ވަސީލަތެއް އޮތް ކަމުގައި ވިޔަސް، އެއީ އާއިލާގެ އެތައް މެންބަރުންގެ މެދުގައި ހިއްސާކޮށްގެން ބޭނުންކުރާ އެއްޗަކަށް ވެދާނެއެވެ. އިސްރަށްވެހިންނަށް ބަލާ އިރު، އާދައިގެ ފޯނެއް ފޯނުކޯލު ކުރުމަށް ފުދުނު ކަމުގައި ވިޔަސް، ދުވަހެއް ދުވަހަކަށް އޮޅުންބޮޅުން ބޮޑުވަމުންދާ ޑިޖިޓަލް ޚިދުމަތްތައް ހޯދުމަށް އެފަދަ ފޯނެއް ކަމަކުނުދެއެވެ. ވަސީލަތްތައް ލިބުމުގެ ފަރަގުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

  • ސްމާޓްފޯނާއި ކޮމްޕިއުޓަރުގެ އަގު؛
  • އިންޓަރނެޓާއި މޯބައިލް ޑޭޓާގެ އަގު؛
  • އިންޓަރނެޓް ކަނެކްޝަންގެ ފެންވަރާއި އިތުބާރު؛
  • މަރާމާތުކުރުމާއި ޓެކްނިކަލް އެހީތެރިކަން ލިބޭނެ ގޮތްތައް؛
  • ކަރަންޓާއި އިންފްރާސްޓްރަކްޗަރގެ އިތުބާރު؛
  • ރަށްރަށުގެ މެދުގައިވާ ތަފާތުތައް.

ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، ހުރިހާ ތަނެއްގައި އެއް ފެންވަރެއްގެ އިންފްރާސްޓްރަކްޗަރއެއް ޤާއިމުކޮށް ބެލެހެއްޓުމަކީ ތަބީޢީގޮތުން ވެސް އުނދަގޫ އަދި ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. ވެރިރަށް ފިޔަވައި އެހެން ސަރަޙައްދުތަކުގައި އަގުހެޔޮ، ރައްކާތެރި އަދި އިތުބާރުކުރެވޭ ހައިސްޕީޑް އިންޓަރނެޓް ކަނެކްޝަން ފޯރުކޮށްދިނުމުގެ ގޮންޖެހުންތައް ވޯލްޑް ބޭންކުން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ. ސުމޭކު ފަރަގު ބޮޑުވަމުންދާ ނަމަ މުސްތަގުބަލުގައި އިތުރު މައްސަލަތައް ކުރިމަތިވަމުންދާނެއެވެ. މި ތަފާތުތައް ކުޑަނުކުރެވިއްޖެ ނަމަ، ކުދި އަދި އެކަހެރި މުޖުތަމަޢުތަކަށް ޖޯގްރަފީ ގޮތުން ނުހަމަކަމުގެ އާ މިންގަނޑަކާ ކުރިމަތިލާންޖެހިދާނެއެވެ. އެއީ ހަމައެކަނި މާލެއާ ދުރުގައިވުމެއް ނޫނެވެ؛ ޑިޖިޓަލް އިޤްތިޞާދާ ވެސް އެކަހެރިވެ ދުރުވުމެވެ.

2. ސުމޭކު ހުނަރުގެ ފަރަގު (ޑިޖިޓަލް ސްކިލް ޑިވައިޑް)

އަތުގައި ސްމާޓްފޯނެއް އޮތުމަކީ، އެ ފޯނު ފައިދާހުރި ގޮތެއްގައި ބޭނުންކުރަން އެނގޭ ކަމުގެ ހެއްކެއް ނޫނެވެ.

މީހަކަށް އަންނަނިވި ކަންކަން ކުރަން އެނގިދާނެއެވެ:

  • ވައިބަރ، ވަޓްސްއެޕް ކޯލުތަކަށް ޖަވާބުދިނުން؛
  • ޔޫޓިއުބް ބެލުން؛
  • ފޭސްބުކް ބޭނުންކުރުން؛

ނަމަވެސް އަންނަނިވި ކަންކަން ކުރަން ނޭނގިދާނެއެވެ:

  • އޮންލައިން ފޯމެއް ފުރިހަމަކުރުން؛
  • ރައްކާތެރި ޕާސްވޯޑް އުފައްދައި ބެލެހެއްޓުން؛
  • މަކަރާއި ޙީލަތުގެ މެސެޖެއް ވަކިކުރަން އެނގުން؛
  • ލިޔެކިޔުންތައް އަޕްލޯޑުކުރުން؛
  • ޑިޖިޓަލް ބޭންކިންގ ރައްކާތެރިކަމާ އެކު ބޭނުންކުރުން؛
  • މަޢުލޫމާތުގެ ތެދުކަން ކަށަވަރުކުރުން؛
  • އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވުން؛
  • އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ޒިންމާދާރުކަމާ އެކު ބޭނުންކުރުން.

މި ތަފާތަކީ ދުވަހެއް ދުވަހަކަށް މުހިންމުވަމުންދާނެ ކަމެކެވެ.

އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) އިން ވަނީ ޑިޖިޓަލް ހުނަރުތައް ތަފާތު ބައިބަޔަށް ގުރޫޕުކޮށްފައެވެ. މީގެ ތެރޭގައި މުވާޞަލާތުކުރުން، މަޢުލޫމާތާއި ޑޭޓާ އަހުލުވެރިކަން، ރައްކާތެރިކަން، މައްސަލަތައް ޙައްލުކުރުން އަދި ޑިޖިޓަލް ކޮންޓެންޓް އުފެއްދުން ހިމެނެއެވެ. މީހަކަށް އޮންލައިންކޮށް މުވާޞަލާތުކުރަން ފަސޭހަވީ ނަމަވެސް، ސައިބަރ ސެކިއުރިޓީ ނުވަތަ އެއަށްވުރެ އޮޅުންބޮޅުން ބޮޑެތި ޑިޖިޓަލް މަސައްކަތްތަކަށް ބޭނުންވާ ހުނަރު ނުހުރެދާނެއެވެ. އެހެންކަމުން، ޑިޖިޓަލް އަހުލުވެރިކަމަކީ ހަމައެކަނި އެޕްލިކޭޝަނެއް ހުޅުވަން ދަސްކޮށްދިނުމެއް ނޫނެވެ.

3. އުމުރުގެ ފަރަގު

އުމުރުގެ ފަރަގަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ނުހަމަކަމުގައި އެންމެ މުހިންމު އެއް މިންގަނޑަށް ވެގެންދާނެ ކަމެކެވެ. ޒުވާން ދިވެހީންގެ ތެރެއިން ގިނަ މީހުން ބޮޑުވީ ސްމާޓްފޯނާއި، ސޯޝަލް މީޑިއާ އަދި އިންޓަރނެޓާއެކުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް އާ ޓެކްނޮލޮޖީއަކީ ދުވަހުން ދުވަހަށް ކުރެވޭ އާދައިގެ ކަމެކެވެ. ނަމަވެސް، ގިނަ އިސްރަށްވެހިން ޑިޖިޓަލް ދުނިޔެއަށް ވަނީ އުމުރުގެ ފަހުގެ މަރުޙަލާއެއްގައެވެ. މީގެ މާނައަކީ އުމުރުން ދުވަސްވީ މީހުންނަށް ޓެކްނޮލޮޖީ ދަސްނުކުރެވޭނެއެކޭ ނޫނެވެ. އެފަދައިން ވިސްނުމަކީ ވެސް ތަފާތުކުރުމެކެވެ.

ޙަޤީޤީ ގޮންޖެހުންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

  • ކުރިން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ މިންވަރު މަދުވުން؛
  • ކުށެއް ކުރެވިދާނެތީ ބިރުގަތުން؛
  • ފައިސާ ގެއްލިދާނެތީ ކަންބޮޑުވުން؛
  • ގިނަ ޕާސްވޯޑްތަކެއް ހަނދާންބެހެއްޓުމުގެ އުނދަގޫ؛
  • ކުދި އަކުރުތަކާއި އޮޅުންބޮޅުން ބޮޑު އިންޓަރފޭސްތައް؛
  • އިނގިރޭސި ބަހުގެ ނަންތަކާއި އިޞްޠިލާޙުތައް؛
  • އެޕްލިކޭޝަންތަކަށް އަވަސްއަވަހަށް އަންނަ ބަދަލުތައް؛
  • އެހީތެރިކަމަށް އެދި ޒުވާނުން ގާތު އަހަން ލަދުގަތުން؛
  • މާޒީގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ކުރެވިފައިވާ ހިތި ނުވަތަ ނޭދެވޭ ތަޖުރިބާތައް.

ނުނިމޭ.

Show CommentsClose Comments

Leave a comment