51Views 0Comments
އިސްރަށްވެހިން: މުޖުތަމަޢުގެ ކަންކަމުން ބާކީކޮށްލައިގެން ނުވާނެ ބައެއް
މުސްތަޤްބަލުގައި ސުމޭކު ފަރަގު ވާނީ ހަމައެކަނި ފަންނިއްޔާތުގެ މައްސަލައަކަށް ނޫނެވެ. އޭގެ ބަދަލުގައި ސުމޭކު ފަރަގު ވެގެންދާނީ އަމިއްލަ މިނިވަންކަމާއި، އަބުރުވެރިކަމާއި، އަދި ރައްޔިތެއްގެ ޙައްޤުތަކާ ގުޅިފައިވާ ކަމަކަށެވެ. އިސްރަށްވެހިން ފަދަ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައެއް ގިންތިތަކުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޣުތައް ލިބިގަތުމުގައި ދިމާވާނެ އެންމެ ބޮޑުހުރަހަށް ވެސް މިކަން ވާނެއެވެ. މިސާލަކަށް މުސްތަގުބަލުގައި އިސްރަށްވެއްސަކު އަންނަނިވި ކަންކަމަށް ސްމާޓްފޯނު ބޭނުންކުރަންޖެހޭ ހާލަތަށް ވިސްނާލަމާ ހިނގާށެވެ.
- ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދުން؛
- ޞިއްޙީ ރެކޯޑުތައް ބެލުން؛
- ސަރުކާރުގެ އިދާރާއަކާ މުވާޞަލާތުކުރުން؛
- ރަސްމީ އެންގުންތައް ހޯދުން؛
- ފައިސާގެ މުޢާމަލާތްތައް ކުރުން؛
- އެހީތަކާއި ޢިނާޔަތްތައް ބެލެހެއްޓުން؛
- އައިޑެންޓިޓީ ކަށަވަރުކުރުން؛
- ދަތުރުފަތުރާއި އެހެނިހެން ޚިދުމަތްތައް ހޯދުން.
ނަމަވެސް މި ޚިދުމަތްތައް ހޯދުމުގައި ބޭނުންކުރަންޖެހޭ އެކިއެކި އެޕްލިކޭޝަންތަކަށް އަހުލުވެރިވެފައިނުވާ، ނުވަތަ އަހުލުވެރިވުމުގައި ދަތިތައް ހުރި ފަރާތްތަކުން ދެން ބަރޯސާވާންޖެހޭނީ:
- ދަރިންނަށެވެ؛
- މާމަ/ކާފަ ދަރިންނަށެވެ؛
- އަވައްޓެރިންނަށެވެ؛
- އަމިއްލަ ޚިދުމަތްދޭ ފަރާތްތަކަށެވެ؛ ނުވަތަ
- ނުދަންނަ މީހުންނަށެވެ.
މީގެ ސަބަބުން އެތައް ނުރައްކާތަކެއް އުފެދިދާނެއެވެ. އެގޮތުން ދިމާވެދާނެ ބައެއް ކަންކަމަކީ:
އަމިއްލަ މިނިވަންކަން ގެއްލުން: ކުރިން އަމިއްލަ ކަންކަން އަމިއްލައަށް ބަލަހައްޓަމުން އައި އިސްރައްވެއްސަކު، ހަމައެކަނި ޚިދުމަތެއް ޑިޖިޓަލްވުމުގެ ސަބަބުން އެހެން މީހަކަށް ބަރޯސާވާންޖެހިދާނެއެވެ. ޓެކްނޮލޮޖީގެ ސަބަބުން އަމިއްލަ މިނިވަންކަން އިތުރުވާންޖެހޭނެއެވެ. ކުޑަވެގެންނެއް ނުވާނެއެވެ.
ސިއްރުތައް ހާމަވުމުގެ ނުރައްކާ: އުމުރުން ދުވަސްވީ މީހުންގެ އެކައުންޓްތައް ބޭނުންކުރުމަށް އެހެން މީހުންގެ އެހީތެރިކަމަށް އެދެންޖެހުމުން، އެމީހުންގެ އަމިއްލަ ސިއްރު މަޢުލޫމާތުތައް ހާމަވެއެވެ. އެގޮތުން އެމީހުންނަށް ހާމަކުރަންޖެހިދާނެ މަޢުލޫމާތުތަކުގެ ތެރޭގައި:
- ޕާސްވޯޑްތައް؛
- މާލީ މަޢުލޫމާތު؛
- ސިއްޙީ މަޢުލޫމާތު؛
- ޒާތީ މަޢުލޫމާތު
އެހެންކަމުން، ޑިޖިޓަލްކޮށް އެކަހެރިވެފައިވާ މީހަކަށް ފަންނިއްޔާތުގެ މައްސަލައިގެ އިތުރުން ސިއްރުތައް ހިފެހެއްޓުމުގެ މައްސަލައާ ވެސް ކުރިމަތިލާންޖެހެއެވެ.
މަކަރާއި ޙީލަތްތަކަށް ހުށަހެޅޭ މިންވަރު އިތުރުވުން: ސުމޭކުގެ ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ޙީލަތްތައް (ސްކޭމް) ހެދުން ދުވަހެއް ދުވަހަކަށް މާ ނުރައްކާތެރިވެ، އޮޅުވާލުން ބޮޑުވާނެއެވެ. އޮޅުވާލުމުގެ ތެރެއިން، އުމުރުން ދުވަސްވީ މީހުންނަށް އަންނަނިވި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
- ސައްޙަ ނޫން ބޭންކު މެސެޖުތައް؛
- އޮޅުވާލުމުގެ ލިންކުތައް؛
- އެހެން މީހެއްގެ ނަމުގައި ކުރާ ފޯނުކޯލުތައް؛
- ސަރުކާރުގެ ނަމުގައި ލިބޭ ދޮގު އެންގުންތައް؛
- އޮޅުވާލައިގެން އިންވެސްޓްކުރުމަށް ހުށަހަޅާ ހުށަހެޅުންތައް؛
- އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ހަދާފައިވާ އަޑާއި ވީޑިއޯ ސްކޭމްތައް.
އޭއައި ޓެކްނޮލޮޖީ ދުނިޔޭގައި އިންތިހާއަށް ކުރިއަރަމުންދާ އިރު، ސައްޙަ މުވާޞަލާތާއި މަކަރާއި ޙީލަތް ވަކިކުރަން ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ ވެސް އުނދަގޫވާނެއެވެ. އެހެންކަމުން، އިސްރަށްވެހިންނަށް ސައިބަރ ސެކިއުރިޓީގެ ތަޢުލީމު ދިނުމަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ވަކިން ޚާއްޞަ އިސްކަމެއް ދީގެން ކުރަންޖެހޭ ކަމަކަށް ހަދަންޖެހެއެވެ.
އިޖުތިމާޢީގޮތުން އެކަހެރިވުން: ޑިޖިޓަލް މުވާޞަލާތުގެ ސަބަބުން އުމުރުން ދުވަސްވީ މީހުން، އާއިލާގެ މެންބަރުންނާއި، ރައްޓެހިންނާއި މުޖުތަމަޢާ ގުޅުވައިދެއެވެ. ނަމަވެސް، މި ޓެކްނޮލޮޖީތައް ބޭނުންކުރަން ނޭނގޭ މީހުންނަށް މީގެ އިދިކޮޅު އަސަރުކޮށްފާނެއެވެ. މުވާޞަލާތުކުރުން މުޅިންހެން ޑިޖިޓަލްވަމުންދާ އިރު، އެމީހުން މުޖުތަމަޢުން އެކަހެރިވާ މިންވަރު ހައްތަހާ ދާނީ އިތުރުވަމުންނެވެ. އެންމެންގެ އަތުގައި މޯބައިލް ފޯނެއް އޮތުމަކީ އެއީ އަދި އޮންލައިންކޮށް ކުރަންޖެހޭ ހުރިހާކަމެއް އެނގޭ މީހުންކަމަށް ނިންމައިގެން ނުވާނެއެވެ.
މާލެއާއި ރަށްރަށުގެ މެދުގައިވާ ސުމޭކު ފަރަގު
ރާއްޖެ ޖިއޮގްރަފީގޮތުން އޮތް ގޮތުގެ ސަބަބުން، ފުރުޞަތުތަކާއި ޚިދުމަތްތައް ލިބުމުގައި މިހާރު ވެސް ހަމަހަމަކަން ނެތި ތަފާތުކުރުމުގެ ކަންކަމާ ކުރިމަތިލާންޖެހިފައިވެއެވެ. ޑިޖިޓަލް ބަދަލުތަކުގެ ސަބަބުން މި ނުހަމަކަންކަން ކުޑަކުރެވިދާނެއެވެ. ނަމަވެސް އެކަން ކުރެވޭނީ މުޖުތަމައުގެ އެންމެނާމެދު ވެސް ހަމަހަމަކަމާ އެކު ޢަމަލުކުރެވިގެންނެވެ. ޑިޖިޓަލްކޮށް ގުޅާލެވިފައިވާ ރަށަކަށް އަންނަނިވި ފުރުޞަތުތައް ވަރަށް ރަނގަޅަށް ފަހިވެފައި އޮވެދާނެއެވެ.
- އޮންލައިންކޮށް ޞިއްޙީ ޚިދުމަތް ހޯދުން (ޓެލެމެޑިސިން)؛
- އޮންލައިން ތަޢުލީމު؛
- އީ-ކޮމާސް (އޮންލައިން ވިޔަފާރި)؛
- ރަށުގައި ހުރެގެން ވަޒީފާ އަދާކުރުން (ރިމޯޓް އެމްޕްލޯއިމަންޓް)؛
- ސަރުކާރުގެ ޚިދުމަތްތައް؛
- ޑިޖިޓަލް މާލީ ޚިދުމަތްތައް؛
- އަމިއްލަ މަސައްކަތުގެ ތަމްރީނުތައް.
މީގެ ސަބަބުން ކޮންމެ ޚިދުމަތަކަށް މާލެ ދާންޖެހޭ ޖެހުން ކުޑަކޮށްދެއެވެ.
ނަމަވެސް، ޑިޖިޓަލް އިންފްރާސްޓްރަކްޗަރއާއި، ހުނަރާއި، ޚިދުމަތުގެ ފެންވަރު ބޮޑެތި އާބާދީތަކަށް އެކަނި އަމާޒުވެފައި އޮންނަނަމަ، ވާނީ މީގެ އިދިކޮޅެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ޑިޖިޓަލް ބަދަލުތަކުގެ ފައިދާ އެންމެ ފުރަތަމައާއި އެންމެ އަވަހަށް ލިބިގެންދާއިރު، ކުދި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އަންނަނިވި ކަންކަމަށް މާ ގިނަދުވަހު އިންތިޒާރުކުރަންޖެހިދާނެއެވެ:
- އިތުބާރުކުރެވޭ ހައި-ސްޕީޑް އިންޓަރނެޓް؛
- ޓެކްނިކަލް އެހީތެރިކަން؛
- ޑިޖިޓަލް ތަމްރީނުތައް؛
- ޚާއްޞަ ޚިދުމަތްތައް؛
- ކުރިއަރާފައިވާ ޓެކްނޮލޮޖީތައް.
ޤައުމަށް ޑިޖިޓަލް ތަރައްޤީގެ ފުރިހަމަ ފައިދާ ލިބެންއޮތީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މެދުގައިވާ ފަރަގު ކުޑަކޮށްގެންކަމަށް ވޯލްޑް ބޭންކުން ވަނީ ޚާއްޞަކޮށް ފާހަގަކޮށްފައެވެ. އެހެންކަމުން، ޑިޖިޓަލް ސިޔާސަތުތައް އޮންނަންވާނީ، ލާމަރުކަޒީކުރުމާއި ސަރަޙައްދީ ހަމަހަމަކަން ޤާއިމުކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ ބޮޑެތި މަސައްކަތްތަކާ ގުޅުވާލެވިފައެވެ.
ސުމޭކު ފަރަގުގެ އިޤްތިޞާދީ އަސަރު
ސުމޭކު ފަރަގަކީ އިޤްތިޞާދީ ފަރަގަކަށް ވެސް ބަދަލުވެގެންދާނެ ކަމެކެވެ.
ވަޒީފާގެ ފުރުޞަތުތައް
މުސްތަޤްބަލުގެ ވަޒީފާތަކަށް ދުވަހެއް ދުވަހަކަށް ޑިޖިޓަލް ހުނަރުތައް ބޭނުންވާނެއެވެ. ކުރިން ކޮމްޕިއުޓަރަށް އެހާ ބޮޑަށް ބަރޯސާވާން ނުޖެހޭ ވަޒީފާތަކުގައި ވެސް ކުރިއަށް އޮތް ތަނުގައި އަންނަނިވި ކަންކަން ބޭނުންކުރުން އިތުރުވާނެއެވެ:
- ޑިޖިޓަލް ފައިސާގެ ނިޒާމުތައް؛
- އޮންލައިންކޮށް ރިޕޯޓުކުރުން؛
- ކްލައުޑް-ބޭސްޑް ނިޒާމުތައް؛
- އޭއައި އެހީތެރިވެދޭ ވަސީލަތްތައް؛
- އޮޓޯމޭޓްކުރެވިފައިވާ އިދާރީ މަސައްކަތްތައް؛
- ޑިޖިޓަލް މުވާޞަލާތު.
އެހެންކަމުން، އަސާސީ ޑިޖިޓަލް ހުނަރުތައް ނެތް މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުޞަތުތައް ހަނިވެގެންދާނެއެވެ.
ކުދި ވިޔަފާރިތައް
ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ދިވެހި ކުދި ވިޔަފާރިތަކަށް، އެ ވިޔަފާރިއެއް ހިންގާ ރަށުގެ ކަސްޓަމަރުގެ އިތުރުން ރަށުން ބޭރު، އެހެނިހެން ރަށްރަށުގައި އުޅޭ ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމުގެ ފުރުޞަތު ލިބެއެވެ. ގޭގައި ތިބެގެން އަމިއްލަ މަސައްކަތްކުރާ އުފެއްދުންތެރިއަކަށް އަންނަނިވި ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ:
- ސޯޝަލް މީޑިއާ މާކެޓިންގ؛
- ޑިޖިޓަލް ފައިސާގެ މުޢާމަލާތްތައް؛
- އީ-ކޮމާސް (އޮންލައިން ވިޔަފާރި)؛
- އޮންލައިން ޑެލިވަރީ ނިޒާމުތައް؛
- ޑިޖިޓަލް އިޝްތިހާރު.
ނަމަވެސް، ޑިޖިޓަލް މަޢުލޫމާތު މަދު މީހުން ހިންގާ ވިޔަފާރިތައް ފަހަތަށް ޖެހެމުންދާނެއެވެ. މިއީ އުމުރުން ދުވަސްވީ ވިޔަފާރިވެރިންނަށާއި އާއިލީ ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށް މުހިންމު ކަމެކެވެ.
ހަމަހަމަނުވުން
ޒަމާނުއްސުރެ ނުހަމަކަމާމެދު ބަހުސްކުރެވެނީ އާމްދަނީއާއި، ތަޢުލީމާއި، އަދި ދިރިއުޅޭ ތަނުގެ ނިސްބަތުންނެވެ. މުސްތަޤްބަލުގައި، ޑިޖިޓަލް ޤާބިލުކަމަކީ އަމިއްލައަށް ނުހަމަކަން އުފައްދާ މައިގަނޑު އެއް ސަބަބަށް ވެގެންދާނެއެވެ. އެއްވަރެއްގެ އާމްދަނީއެއް ލިބޭ ދެ މީހުންގެ ތެރެއިން އެކަކަށް ޑިޖިޓަލް ޚިދުމަތްތައް ފުރިހަމައަށް ބޭނުންކުރަން އެނގި، އަނެކާއަށް ނޭނގޭނަމަ، އެ ދެ މީހުންނަށް ލިބޭ ފުރުޞަތުތައް ވަރަށް ތަފާތުވާނެއެވެ.
ތަޢުލީމާއި ޖީލުތަކުގެ މެދުގައިވާ ފަރަގު
ސްކޫލްތަކުގެ މުހިންމު ޒިންމާއެއް އޮތް ނަމަވެސް، ހަމައެކަނި ދަރިވަރުންނަށް އަމާޒުކޮށްގެން ޑިޖިޓަލް އެކަހެރިކަމުގެ މައްސަލަ ހައްލެއް ނުކުރެވޭނެއެވެ. ހަމައެކަނި މި އުސޫލުން ކަންކުރަންޏާ ވާނެ ގޮތަކީ މައިންބަފައިންނާއި ކާފަ/މާމަމެން ބާކީވެފައި ތިއްބައި، ޒުވާނުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ޤާބިލުބަޔަކަށް ވެގެންދިއުމެވެ. މީގެ ސަބަބުން އާދަޔާޚިލާފު ޙާލަތެއް އުފެދިގެންދެއެވެ. އެއީ އުމުރުން ދުވަސްވީ މީހާގެ އިޢުތިމާދާއި އަމިއްލަ މިނިވަންކަން ގެއްލެމުންދާ އިރު، ގޭގައި އުޅޭ ކުޑަކުއްޖަކު މުޅި އާއިލާގެ “ޑިޖިޓަލް އެކްސްޕަރޓް” ކަމަށް ވެގެންދިއުމެވެ. އެހެންކަމުން، ޤައުމީ ފެންވަރުގެ ސިޔާސަތަކުން އެކި ޖީލުތަކުގެ މެދުގައި އެކަކު އަނެކަކަށް ޑިޖިޓަލް ހުނަރުތައް ދަސްކޮށްދިނުމަށް ބާރުއަޅަންޖެހެއެވެ.
މިސާލަކަށް: މާމަދަރިން ލައްވައި ކާފަ/މާމައަށް ފަންނިއްޔާތު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް
ސްކޫލްތަކާއި ޒުވާނުންގެ ޖަމްޢިއްޔާތަކަށް، އަދި ސުކޫލުތަކުގެ ދަރިވަރުން ވެސް ހިމަނައިގެން، އިސްރަށްވެހިންނަށް އަންނަނިވި ކަންކަން ދަސްކޮށްދޭނެ ރޭވުންތެރި ޕްރޮގްރާމްތައް ހިންގިދާނެއެވެ:
- ސްމާޓްފޯނުގެ އަސާސީ ބޭނުންތައް؛
- އޮންލައިން ރައްކާތެރިކަން؛
- ވީޑިއޯ ކޯލުކުރުން؛
- ޑިޖިޓަލް ފައިސާގެ މުޢާމަލާތްތައް؛
- ސަރުކާރުގެ ޚިދުމަތްތައް؛
- ސިއްޙީ މަޢުލޫމާތު ހޯދުން.
ނަމަވެސް، މިއީ ހަމައެކަނި ޒުވާނުން ގާތު “އުމުރުން ދުވަސްވީ މީހުންނަށް ދަސްކޮށްދީ” މިހެން ހަމައެކަނި ބުނެލައިގެން ކުރެވެން އޮތް ކަމެއް ނޫނެވެ. މިކަންކަން ހިނގަންވާނީ ގައުމީ ފެންވަރުގައި ހިންގާ ކެމްޕޭނުތަކުގެ ގޮތުގައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގައި ކޮންމެހެން ހިމަންނެޖެހޭނެ ކަންކަން ވެސް ހިމެނެއެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަކުގައި އަންނަނިވި ކަންކަން ހިމެނެންޖެހޭނެއެވެ:
- ފަސޭހަ އުނގަންނައިދެވޭނެގޮތަށް ފިލާވަޅުތައް ތައްޔާރުކުރުން
- ތަފާތު މަރުހަލާތަކަށް ބަހާލައިގެން ލެވެލްއަކަށް ފަހު ލެވެލެއް ދަސްކޮށްދެމުން ދިއުމަށް
- ރަނގަޅު ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމްކުރުން؛
- ސިއްރުތައް ހިފެހެއްޓުމުގެ އުޞޫލުތަކެއް ކަނޑައެޅިފައި އޮތުން؛
- ބައިވެރިވާ ދަރިވަރުންގެ އަގުވަޒަންކުރުން.
މީގެ ފައިދާ ދެ ޖީލަށް ވެސް ކުރާނެއެވެ. ޒުވާނުންނަށް ކެތްތެރިކަމާއި، މުވާޞަލާތުކުރުމުގެ ހުނަރާއި، އިޖުތިމާޢީ ޒިންމާދާރުކަން ދަސްވާނެއެވެ. އިސްރަށްވެހިންނަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އަމިއްލަ މިނިވަންކަން ލިބިގެންދާނެއެވެ.
ނުނިމޭ: 3ވަނަބަޔަށް އިންތިޒާރުކޮށްލައްވާ!