87Views
އިސްލާމީ ރަންޒަމާން ފެށެން މެދުވެރިވި ސަބަބަކީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވޭ ސުވާލެކެވެ. އަދި އިންސާނީ ތާރީޚުގެ އެހެން ދުވަސްވަރުތަކެކޭ އެއްފަދައިން، މި ދުވަސްވަރަކީ ވެސް ވަކި ޚާއްޞަ ދަނޑިވަޅެއްގައި އެކުވި ގިނަ ކަންތައްތަކެއްގެ ނަތީޖާއެއްގެ ގޮތުގައި ބަލަންޖެހެއެވެ.
އިސްލާމީ ރަންޒަމާން އުފެދި ކުރިއަރައި ދިއުމުގައި ހިމެނޭ ވަރަށް މުހިންމު އެއް ސަބަބަކީ އައްބާސީ ދައުލަތުން އެކަމަށް ދިން އިސްކަމެވެ. އެ ދައުލަތް އަސްކަރީގޮތުން ބާރުގަދަވުމާއި އަދި ސައިންސްގެ ޢިލްމަށް އިސްކަންދިން މިންވަރު ވެސް މީގެތެރޭގައި ފާހަގަކޮށްލަންޖެހެއެވެ. އިސްލާމީ ރަންޒަމާން ފެށުނުއިރު ޢައްބާސީ ޚިލާފަތުގެ ޢަސްކަރީ ބާރުގަދަވުމުގެ ސަބަބުން، ޚިލާފަތުގެ ދާޚިލީ ހަމަޖެހުން އޮތީ ވަރަށް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން، ދިފާޢީ ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކުގެ ބަދަލުގައި، ދައުލަތުގެ ވަސީލަތްތަކުގެ ތެރެއިން ބައެއް ވަސީލަތްތައް ސައިންސާއި ޢިލްމީ ދިރާސާތަކަށް ބަދަލުކޮށްލެވުނެވެ.
އައްބާސީ ދައުލަތް އުފެދި ފުޅާވެ ދުނިޔޭގެ ބޮޑު ސަރަހައްދަކަށް އެ ދައުލަތް ފެތުރިފައިވުމުގެ ނަތީޖާއަކަށްވީ ސަގާފީ މުއްސަނދިކަން އެ ދައުލަތަށް ލިބުމެވެ. އަދި ދައުލަތުގެ އިޤްތިޞާދީ ފާގަތިކަން ވެސް އިތުރުވެގެންދިޔައެވެ. އެގޮތުން މެދުއިރުމައްޗާއި، އުތުރު އެފްރިކާއާއި، ޕާޝިއާ (އީރާން) އަދި އެހެނިހެން ސަރަޙައްދުތަކަށް ފެތުރިގެންދިޔަ ޚިލާފަތުގެ ބޮޑުކަމުގެ ސަބަބުން އިޤްތިޞާދީ ފާގަތިކަން ލިބިފައިވުމެވެ. މިފަދަ ބޮޑު ސަރަޙައްދަކަށް ދައުލަތް ފެތުރިފައިވުމުން ތަފާތު ސަގާފަތްތައް އެކުވެގެންދިޔައެވެ. އެގޮތުން ޔޫނާނު (ގްރީކް)، ބައިޒަންޓައިން، ޕާޝިއާ، ޗައިނާ އަދި އިންޑިއާ ފަދަ ޤައުމުތަކުގެ ޘަޤާފަތާއި، ފަލްސަފާއާއި، ދީންތަކާއި ޢިލްމު ޢައްބާސީ މުޖުތަމަޢުގެ ތެރެއަށް ތަޢާރަފުވިއެވެ.
ތާރީޚީ އެހެން ދުވަސްވަރެކޭ އެއްފަދައިން، އިސްލާމީ ރަންޒަމާން ފެށުނު އަހަރާއި ނިމުނު އަހަރާމެދު ބަޙުޘް ކުރެވެއެވެ. ތާރީޚުތަކަށް ބަލާއިރު، އިސްލާމީ ރަންޒަމާން ފެށެނީ މީލާދީން 750ވަނަ އަހަރު، ދިމިޝްޤުގައި (މިހާރުގެ ސީރިއާގެ ވެރިރަށް) އޮތް އުމަވީ ޚިލާފަތް ވައްޓާލައި ޢައްބާސީ ޚިލާފަތް އުފެދުމާއެކުގައެވެ. އަދި ނިމުނު ތާރީޚަކީ މީލާދީން 1258އެވެ. އެއީ މޮންގޯލުންގެ ލަޝްކަރަކުން ބަޣުދާދަށް ޙަމަލާދީ، އެ ރަށުގައި ހުރި ޢިލްމާއި އުނގެނުމުގެ މަރުކަޒުކަމަށްވާ “ބައިތުލް ޙިކްމާ” (ހައުސް އޮފް ވިސްޑަމް) ހަލާކުކޮށްލި ތާރީޚެވެ. އެހެން ތާރީޚުތަކަކަށް ތާއީދުކުރާ ވަރަށް ގިނަ ދަލީލުތައް ވެސް ހުށަހެޅިދާނެއެވެ. މިސާލަކަށް، ބަޣުދާދު ބިނާކުރެވުނު 762ވަނަ އަހަރު، ނުވަތަ ހާރޫނު އަލްރަޝީދު ޚަލީފާކަމަށް ވަޑައިގެންނެވި 786ވަނަ އަހަރަކީ ފެށުނު ތާރީޚު ކަމުގައި ބެލެވިދާނެއެވެ. ނިމުނު ތާރީޚާމެދު ވެސް ތަފާތު ޚިޔާލުތައް ހުއްޓެވެ. އޭގެ ތެރޭގައި 1096ގައި ޔޫރަޕުގެ ޞަލީބީންގެ ފުރަތަމަ އުދުވާން ފެށުނު ތާރީޚު ހިމެނެއެވެ. އަދި ބައެއް ފަރާތްތަކުން 1258ގެ މާފަހުގެ ތާރީޚުތަކަށް 15ވަނަ އަދި 16ވަނަ ޤަރުނުގެ ކަންކަން ވެސް ހިމަނާފައިވެއެވެ.
އިސްލާމީ ރަންޒަމާން ކުރިއަރައިގެން ދިޔަ ގޮތް
އިސްލާމީ ރަންޒަމާނުގެ ނާރެސް ކަމުގައިވި ސައިންސާއި ޘަޤާފީ ކުރިއެރުންތައް ބަޣުދާދުން އެންމެ ފުރަތަމަ ފެތުރިގެންދިޔައީ ޢައްބާސީ ދައުލަތުގެ ތެރޭގައެވެ. އޭގެފަހުން އިސްލާމީ ދުނިޔޭގެ އެހެން ސަރަޙައްދުތަކަށެވެ. އަދި މާގިނަ ދުވަސްތަކެއްނުވެ، އިސްލާމް ނޫން ޤައުމުތަކަށް ވެސް މި ޢިލްމުތައް ފެތުރި، ޔޫރަޕާއި އެހެނިހެން ތަންތަނުގައި އުނގެނުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބެންފެށިއެވެ. މި ބޮޑު އިންސާނީ ކުރިއެރުން ފެތުރިގެން ދިޔަގޮތަކީ ވަރަށް މުހިންމު، ނަމަވެސް ފަސޭހައިން އަޅާނުލެވި ދެވިދާނެ ސުވާލެކެވެ. މިކަން ފެށިގެންދިޔައީ މިހާރު ގެއްލިފައިވާ “ބައިތުލް ޙިކްމާ” އާއި، މީލާދީން 786 އެހާކަންހާއިރު ޚަލީފާ ހާރޫނު އަލް ރަޝީދު ފެއްޓެވި ތަރުޖަމާކުރުމުގެ މަތިވެރި ޙަރަކާތުގެ ތެރެއިންނެވެ.
ޚަލީފާ ހާރޫނު އަލް ރަޝީދުގެ އަމާޒަކީ އަދި އޭނާގެ ފަހުން ވަޑައިގެންނެވި ދަރިކަލުން ޚަލީފާ އަލް މައުމޫނު ހިމެނޭ ގޮތަށް އެހެން ޚަލީފާއިންގެ ވެސް އަމާޒަކީ ޖޯގްރަފީ، ޘަޤާފަތް ނުވަތަ ދީނަށް ބެލުމެއްނެތި، ޢިލްމީ އަގުހުރި ކޮންމެ ފޮތެއް ނުވަތަ ލިޔުމެއް ޢަރަބިބަހަށް ތަރުޖަމާކުރުމެވެ. ނަތީޖާއެއްގެ ގޮތުން، ޔޫނާނީ (ގްރީކް) ފަލްސަފާވެރިންގެ ޢިލްމުތައް ހޯދި ފަދައިން، ބައިޒަންޓައިން ކްރިސްޓިއަނުންނާއި، ޕާޝިއާގެ ޒޮރޯއަސްޓްރިއަނުންނާއި، އިންޑިއާގެ ހިންދޫންގެ ޢިލްމުތައް ވެސް އެއްވަރަކަށް ބަލައިގަނެވުނެވެ. މިއީ އޭރު އުފެދުނު އިސްލާމީ ބާރު، ޢައްބާސީ ޚިލާފަތުން ޢިލްމު ހޯދުމުގައި ގެންގުޅުނު ވަރަށް ވިސްނުންތެރި، އަދި ދީނީ ތަޢައްޞުބުން އެއްކިބާވެފައިވާ އުޞޫލެކެވެ.
އޭރު ޢަރަބި އަމިއްލަ ޢިލްމުތައް އޮތީ އެންމެ ޅަފަތުގައެވެ. ނަސީބަކުން، ގިނަ ޚަލީފާއިން ވަނީ މެދުއިރުމަތީގައި އެތައް ޤަރުނެއް ވަންދެން އޮތް ދީނީ، ނަސްލީ އަދި ޘަޤާފީ ތަފާތުތަކުގެ ފައިދާ ހެޔޮގޮތުގައި ހިއްޕަވައި، ޔަހޫދީންނާއި ކްރިސްޓިއަނުންނާއި އެހެނިހެން ތަރުޖަމާނުންގެ އެހީތެރިކަން ހޯއްދަވާފައެވެ. އޭގެ ތެރެއިން އެކަކީ ކްރިސްޓިއަން ޢާލިމެއް ކަމަށްވާ އިބްނު ޢިޝްޙާޤެވެ. އޭނާއާއި އޭނާގެ ދަރިން ކުރެއްވި ގިނަގުނަ ތަރުޖަމާގެ މަސައްކަތްޕުޅުތަކަށް ޚަލީފާއިންގެ ފަރާތްޕުޅުން ބޮޑެތި އިނާމުތައް ލިބިވަޑައިގަތެވެ.
އިސްލާމީ ރަންޒަމާނުގައި ޢިލްމު ފެތުރުނު އަނެއް ސަބަބަކީ، ޤުރުޠުބާ (ސްޕެއިންގެ ކޯޑޯބާ)، ޤާހިރާ (މިޞްރުގެ ވެރިރަށް)، އަދި ސަމަރްޤަންދު (މިހާރުގެ އުޒްބަކިސްތާނުގެ ދެކުނު އިރުމަތީގެ ސިޓީއެއް) އިތުރުން 8ވަނަ ޤަރުނުން ފެށިގެން އިސްލާމީ ދުނިޔެ ބޮޑުވެ، ވާދަވެރި ޢިލްމީ މަރުކަޒުތައް އުފެދިގެން ދިޔުމެވެ. ޖޯގްރަފީގެ ޢިލްމުވެރިންނާއި، ދަތުރުވެރިން އަދި ވިޔަފާރިވެރިން، މުސްލިމުންނާއި މުސްލިމް ނޫން މީހުން، އިސްލާމީ ދުނިޔޭގައި މިނިވަންކަމާ އެކު ދަތުރުފަތުރުކޮށް، އާ ޚިޔާލުތަކާއި ޢިލްމުތައް ޙިއްޞާކުރިއެވެ. މިފަދަ މަޝްހޫރު ދަތުރުވެރިންގެ ތެރޭގައި “ޢަރަބިންގެ ހީރޮޑޮޓަސް”ގެ ނަމުން މަޝްހޫރުވި އަލްމަސްޢޫދީ ހިމެނެއެވެ. އޭނާ ވަނީ ބަޣުދާދުން ފެށިގެން ޕާޝިއާ، އިންޑިއާ، ސްރީލަންކާ އަދި ޗައިނާއަށް ދަތުރުކުރައްވާފައެވެ. އޭނާގެ ދަތުރުނާމާއަކީ 10ވަނަ ޤަރުނުގެ ދުނިޔެ ބަޔާންކޮށްދޭ ވަރަށް އަގުހުރި ލިޔުމެކެވެ.
އިސްލާމީ ރަންޒަމާން ހިނގި ތަންތަން
ފެށުމުގައި އިސްލާމީ ރަންޒަމާނުގެ މައި މަރުކަޒަކީ ބަޣުދާދު ކަމުގައި ވިޔަސް، ޢައްބާސީ ޚިލާފަތުގެ ބާރު ދައުލަތުގެ އިމުގެ ބޭރަށް ކެނޑެމުންދިޔައެވެ. އޭގެ ތެރޭގައި މިހާރުގެ ސްޕެއިން އަދި ޕޯޗުގަލް ހިމެނޭ އެންޑަލުސިއާ (އަންދަލުސް)، އުތުރު އެފްރިކާ އަދި މެދުތެރޭ އޭޝިއާއާއި ޕާޝިއާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.
އިސްލާމީ ރަންޒަމާން ހިނގި ތަންތަނަށް ބަލާ އިރު އަންދަލުސްއާއި މިޞްރުގެ ޤާހިރާ ފާހަގަކޮށްލެވެއެވެ. ޒަމާންތަކާ އެކު، މި ސަރަޙައްދުތައް ވެގެންދިޔައީ އަމިއްލަ ފައިމައްޗަށް ތެދުވި ޘަޤާފީ އަދި ޢިލްމީ ބޮޑެތި މަރުކަޒުތަކަށެވެ. މިސާލަކަށް، 10ވަނަ ޤަރުނުގައި ޝީޢީ ފާޠިމީ ދައުލަތުގެ ވެރިރަށް ޤާހިރާގައި، ފަލަކީ ޢިލްމުވެރިޔާ އަދި ރިޔާޟިއްޔާތު (މެތަމެޓިކްސް) ޢިލްމުވެރިޔާ އިބްނު އަލްހައިޘަމް އޮޕްޓިކްސް (އަލީގެ ޢިލްމު)އިން ހޯއްދެވި ބިންގާ އަޅުއްވައިދެއްވި ހޯދުންތަކަކީ، ފަހުން ލިއޮނާޑޯ ޑާ ވިންސީ ފަދަ ބޭފުޅުންނަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވި ހޯދުންތަކެކެވެ.
އެޒަމާނުގެ މަޝްހޫރު ފިލޯސަފަރުންކަމުގައިވާ އިބްނު ރުޝްދާއި މައިމޮނިޑީސްގެ ޚިދުމަތްތައް ވެސް ފާހަގަކުރަންޖެހެއެވެ. އެގޮތުން ހުޅަނގަށް ބަލާއިރު، 12ވަނަ ޤަރުނުގެ އަންދަލުސްގެ ޤުރުޠުބާގައި ފެންނަނީ އިބްނު ރުޝްދެވެ. ހުޅަނގުގައި “އެވެރޯސް”ގެ ނަމުން މަޝްހޫރުވެފައިވާ އިބްނު ރުޝްދަކީ އެރިސްޓޯޓަލްގެ މަންޠިޤީ (ރޭޝަނަލް) ވިސްނުން ދިފާޢުކުރެއްވި، އަދި އިބްރާހީމީ ތިން ދީން (ޔަހޫދީ، ކްރިސްޓިއަން، އަދި އިސްލާމް)ގެ މެދުޒަމާނުގެ ފަލްސަފާއަށް ނުހަނު ބޮޑު ނުފޫޒެއް ފޯރުއްވި މުސްލިމް ފިލޯސަފަރެކެވެ. އަދި ތާރީޚުގައި އުފެދުނު އެންމެ ބޮޑު އެއް ތަލްމޫދީ ޢާލިމް ކަމަށްވާ މޯސަސް މައިމޮނިޑީސް އުޅުއްވީ ވެސް މިތަނުގައެވެ. އޭނާއަކީ އަންދަލުސްގެ ޔަހޫދީ ޘަޤާފަތުގެ ރަންޒަމާނުގެ މައިނާރެހެވެ. ނަމަވެސް އެ ރަންޒަމާން ނިމުމަކަށް އައުމުން، އޭނާއަށް ޖެހިވަޑައިގަތީ އަލްމޯހަޑް ސްޕެއިން ދޫކުރައްވައި ފާޠިމީ މިޞްރަށް ވަޑައިގަންނަވާށެވެ.
އިސްލާމީ ރަންޒަމާނުގައި ޙިއްޞާވި ފަރާތްތައް
އިސްލާމީ ރަންޒަމާނުގައި “އިސްލާމީ” ކަންތައްތަކަކީ ކޮބައިކަން ދިރާސާކުރާއިރު، ކުރިމަތިވަނީ ނަންދިނުމުގެ ނުވަތަ ލޭބަލްކުރުމުގެ މައްސަލައެކެވެ. މިއީ 500 އަހަރުގެ ޘަޤާފީ އަދި ޢިލްމީ ކުރިއެރުމެއް ކަމަށްވިޔަސް، މިއީ ހަމައެކަނި ދީނުގެ ސަބަބުން ހިނގި ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. މި އުފެދުންތަކާއި ކުރިއެރުންތައް އުފަންވީ މުސްލިމް ވެރިންގެ ބިމުގައި ކަމަށް ވިޔަސް، ދީނީ ކަންކަމަށްވުރެ ބޮޑަށް ޖޯގްރަފީގެ ދައުރު މިކަމުގައި ބޮޑެވެ.
- ދައުލަތުގެ ދީނާއި ޙަޟާރަތު: އިސްލާމީ ރަންޒަމާނުގެ ދިރާސާއަކީ އިސްލާމްދީނުގެ ތާރީޚެއް ނޫނެވެ. ނުވަތަ މިއީ މި ޒަމާނަށް ޙިއްޞާކުރި އެއްވެސް ވަކި ދީނެއްގެ ތާރީޚެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އިސްލާމްދީން ދައުލަތުގެ ދީނުގެ ގޮތުގައި އޮތް “ޙަޟާރަތެއްގެ” ތާރީޚާއި ޙާޞިލުކުރި ކާމިޔާބީތަކުގެ ވާހަކައެވެ.
- ޢަރަބިންގެ އަމިއްލަ ޙިއްޞާ: އިސްލާމީ ރަންޒަމާން ފެއްޓެވި އަދި އެކަމަށް ޚަރަދުކުރެއްވި މުސްލިމް ޢަރަބި ޚަލީފާއިން ވަނީ، ޤަދީމީ ޔޫނާނާއި އެހެނިހެން ތަންތަނުގެ ޢިލްމަށް އިއުތިރާފުވެވަޑައިގެންފައެވެ. އެ ޢިލްމުތައް، ޚަލީފާއިން އިސްނަންގަވައިގެން ހިންގެވި ތަރުޖަމާގެ ޙަރަކާތް ނުވިނަމަ، އަބަދަށް ޓަކައި ގެއްލިގެން ދިޔައީސްކަން ކަށަވަރެވެ. ނަމަވެސް، ޢަރަބިންނަކީ ހަމައެކަނި ބޭރުގެ ޢިލްމުތައް ބަލައިގަތް ބައެއްގެ ގޮތުގައި ނުވަތަ އަމިއްލައަށް އެއްޗެއް ނުއުފައްދައި އެހެން މީހުންގެ އެއްޗެހި އަތުލި ބައެއްގެ ގޮތުގައި ސިފަކުރުމަކީ ތާރީޚީ ގޮތުން ނުބައި ގޮތެކެވެ.
- ޢަރަބި ނޫން ބޭފުޅުންގެ ޙިއްޞާ: ޢަރަބި ޢިލްމުވެރިން ވަނީ ސައިންސާއި، ރިޔާޟިއްޔާތާއި، އިންޖިނިއަރިންއާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހުރިހާ ދާއިރާތަކަކުން އަމިއްލަ އުފެއްދުންތެރި އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ. އެހެންނަމަވެސް، މި ޢިލްމީ ކުރިއެރުމަކީ ހަމައެކަނި ޢަރަބިންގެ މަސައްކަތެއް ކަމަށް ބުނުމަކީ ވެސް ކުށްހީއެކެވެ.
މެދުއިރުމަތީގެ ތާރީޚުޢިލްމުވެރިޔާ ބާނާޑް ލިއުއިސް ލިޔުއްވާފައިވެއެވެ: [އިސްލާމްދީން އުފެދުމުގެ ކުރިން] އެންމެހައި ޙަޟާރަތްތައް އޮންނަނީ އެކަތިގަނޑެއްގެ ގޮތުގައި، އެކަކު އަނެކަކާ ގުޅުމެއްނެތި، ވަކި ސަރަޙައްދަކަށް، ވަކި ޘަޤާފަތަކަށް އަދި އާންމުކޮށް ވަކި ނަސްލަކަށް ނިސްބަތްވެފައެވެ. ނަމަވެސް މެދުއިރުމަތީގެ އިސްލާމީ ޘަޤާފަތަކީ ޙަޤީޤީ ގޮތެއްގައި ބައިނަލްއަޤްވާމީ، ތަފާތު ޘަޤާފަތްތައް އެކުލެވޭ، ތަފާތު ނަސްލުތައް އެކުލެވޭ، އަދި އެކި ބައްރުތަކަށް ފެތުރިފައިވާ ފުރަތަމަ ޙަޟާރަތެވެ. އަދި ޒަމާނީ ދުނިޔެއަށް އެ ޙަޟާރަތުން ވެދިން އެހީތެރިކަމަކީ ވަޒަންނުކުރެވޭހާ ބޮޑު އެއްޗެކެވެ.”
އިސްލާމީ ރަންޒަމާނަކީ ޤަދީމީ ޔޫނާނާއި ރޯމުގެ އެމްޕަޔަރުތަކާއި، ފަހުން 14ވަނަ ޤަރުނުގައި ފްލޮރެންސްއިން ފެށުނު ޔޫރަޕުގެ ރެނެއިސަންސް (ޢިލްމީ އާރޯކަން) އާ ދެމެދު ގުޅުވައިދިން މުހިންމު ފާލަމެކެވެ. ސަބަބަކީ، ޔޫރަޕުގެ ޘަޤާފީ އާރޯކަން އުފެދުނީ ޔޫނާނާއި ރޯމުގެ ޘަޤާފަތް އަލުން ހޯދުމުގެ ތެރެއިން ކަމަށްވާތީއެވެ. އެހެންނަމަވެސް، އިސްލާމީ ރަންޒަމާން އަލިކޮށްދެއްވި މުސްލިމް ޢިލްމުވެރިންނާއި އެހެނިހެން ބޭފުޅުންނަކީ ހަމައެކަނި ކުރީގެ އަންބަރާތޫރުތަކުގެ ޢިލްމު ރައްކާތެރިކުރި ބައެއް އެކަންޏެއް ނޫނެވެ. އެއީ އެތައް ޢިލްމެއް އިތުރަށް އުފައްދަވައި ތަރައްޤީކޮށް މިއަދާހަމައަށް ގެނައުމުގެ މުހިންމު މަސައްކަތްތައް ކުރެއްވި އަގުހުރި ޢިލްމުވެރީންނެވެ.